އިޢުތިޞާމް މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2026/HC-B12/6
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން
ނިމުނު ތާރީޚު:
04/03/26

ފަނޑިޔާރުން

މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، އިބްރާހިމް މާހިރު، ޢަބްދުއްރައޫފު އިބްރާހީމް

މައްސަލައިގެ ޚުލާސާ

މައްސަލާގައި ހުށަހަޅާފައިވާ މައިގަނޑު ބަޙުޘްއަކީ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑަނޭޅި ގިނަ ދުވަސްވެފައިވާތީ އެކަމުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަޑަވަރުކޮށްދީފައިވާ ޙައްޤަށް އުނިކަން އައިސްފައިވާތީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދަޢުވާ ބާޠިލްކުރަންޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް އިޢުތިޞާމް މުޙައްމަދު ސަޢީދު އެދިފައިވެއެވެ.

އިޝޫ

މައްސަލާގައި ހުށަހަޅާފައިވާ މައިގަނޑު ބަޙުޘްއަކީ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑަނޭޅި ގިނަ ދުވަސްވެފައިވާތީ އެކަމުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަޑަވަރުކޮށްދީފައިވާ ޙައްޤަށް އުނިކަން އައިސްފައިވާތީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދަޢުވާ ބާޠިލްކުރަންޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް އިޢުތިޞާމް މުޙައްމަދު ސަޢީދު އެދިފައިވެއެވެ.

ނިންމިގޮތް

ދަށުކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައި 3 ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.

ކަނޑައެޅުނު އުސޫލު

  1. މި މައްސަލާގައި ޝަރީޢަތް ލަސްވި ލަސްވުމަކީ މައްސަލައިގެ ޝަރީޢަތް އިންސާފުން ކުރިއަށް ގެންދިއުމަށް  ހުރަސްއެޅިފައިވާ ކަމެއްތޯ ފަނޑިޔާރު ވަޒަންކުރައްވައި، އެމެރިކާގެ ސުޕްރީމް ކޯޓުގެ Barker v. Wingo (1972) މައްސަލާގައި ކަނޑައަޅާފައިވާ four factor balancing test މި މައްސަލައަށް ތަތްބީޤް ކުރައްވައި ފާހަގަކުރައްވާފައިވަނީ، މި މައްސަލައިގެ ޝަރީޢަތްތައް ލަސްވި ސަބަބުތަކާއި އިސްތިއުނާފުކުރާ ފަރާތުން އެ ފާހަގަކުރާ ދަޢުވާ ބަދަލުކުރުމާއި ސިއްރުހެއްކާ ގުޅިގެން ކަން ހިނގާފައިވާ ގޮތަށްވެސް ފަނޑިޔާރު ރިޢާޔަތްކުރެއްވުމަށްފަހު، ދައުލަތުގެ ފަރާތުން ޢަމަލުކުރި ގޮތަކީ މައްސަލަ ލަސްވުމަށް މެދުވެރިވި ކަންކަމުގެ ތެރޭގައި ހިމެނޭ ގިނަ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްނަމަވެސް އެއީ މައްސަލަ ލަސްކުރުމުގެ ނިޔަތެއް އޮވެގެން ކުރި ކަމެއްކަމަށް ފަނޑިޔާރަށް ބުރަ ނުވެވޭކަން (35 އިން 39 އަށް)

  2. މައްސަލައިގައި ކަނޑައެޅުނު އުސޫލުތައް މި މައްސަލައަށް ތަތްބީޤްކުރުމުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ބުރަވެވުނީ އިސްތިއުނާފުކޮށްފައިވާ މައްސަލާގައި ދަޢުވާ ބާޠިލްކުރަންޖެހޭފަދަ ސަބަބެއް ނެތްކަމުގައެވެ. އަދި މައްސަލަ ލަސްވުމަށް މެދުވެރިވި ގިނަ ސަބަބުތަކުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތުން އެ ފާހަގަކުރާ ކަންކަން ހިމެނުނުނަމަވެސް އެއީ މައްސަލަ ލަސްވުމަށް މެދުވެރިވި ހަމައެކަނި ސަބަބު ނޫންކަމާއި، މައްސަލަ ލަސްކުރުމުގެ ނިޔަތުގައި ޕްރޮސިކިއުޝަނުން ކުރި ކަމެއް ފަނޑިޔާރަށް ދެނެގަނެވިފައި ނުވާކަން.

  3. ލަސްވުމަށް މެދުވެރިވި ބައެއް ކަންކަމުގެ ގޮތުގައި ދަށުކޯޓު ފަނޑިޔާރު ފާހަގަކުރައްވާފައިވާ ކަންކަމަކީ، މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ތާވަލުކުރެވުނު ނަމަވެސް ދަޢުވާ ލިބޭ ފަރާތުން އެދިގެން ގިނަ އަޑުއެހުންތަކެއް ކެންސަލްކޮށްފައިވުމާއި، މައްސަލައިގެ ފަނޑިތާރުން ބަދަލުވުމުގެ ސަބަބުން މައްސަލަ އަލުން ފަށަން ނިންމާފައިވުމާއި، ކޯޓުގެ އިދާރީ ސަބަބުތަކާހުރެ މައްސަލައިގެ ބައެއް އަޑުއެހުންތައް ކެންސަލްކުރަން ޖެހުމެވެ. މިއިން އެއްވެސް ކަމަކީ ޕްރޮސިކިއުޝަނުން ނުވަތަ ދިފާއުން ނުވަތަ ކޯޓުން މައްސަލަ ލަސްކުރުމުގެ ގޮތުން ކޮށްފައިވާކަމެއްކަމަށް ދެނެނުގަނެވޭކަމަށާއި އެކަން އެގޮތަށް ދިމާވުމަށް އޮތް ޟަރޫރަތްތެރިކަމެއްވެސް ދެނެނުގަނެވޭކަމަށް (40 ވަނަ ޕްރެގްރާފްގައި)

  4. މައްސަލަ އެކަށިގެންނުވާ މިންވަރަށް ލަސްވެފައިވާކަމަށާއި އެކަމުގައި ވަކި ފަރާތެއް ގަސްތުގައި ޝަރީޢަތް ލަސްކުރުމުގެ ގޮތުން ކުރި ކަމެއް އޮތްކަމަށް ކަނޑައެޅެން ނެތްހިނދު، މައްސަލަ ލަސްވުމުގައި އެކި ފަރާތްތަކުގެ ޝާމިލްވުން އެކި މިންވަރަށް އޮތްކަމަށް.

  5. މައްސަލަ ނުނިމި ލަސްވެފައިވުމަކީ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުން ހުއްޓުވުމަށް އެކަށީގެންވާ ސަބަބަބެއްތޯ ހައިކޯޓުގެ ނިންމުމުގައި ވަޒަންކުރައްވައި 1.1    Barker v. Wingo (1972) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޓެސްޓާ ޙަވާލާދެއްވައި 42 ވަނަ ޕެރެގްރާފްގައި ފާހަގަކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން "އެކަށީގެންވާ މުއްދަތެއްގައި ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ޙައްޤު" އާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ Criminal Justice Act 1972 ގެ 36 ވަނަ މާއްދާގެ ދަށުން އެ ޙައްޤު މާނަކޮށްފައިވާ ގޮތާ ގުޅިގެން ހުށަހެޅުނު ދެ ސުވާލަކީ؛

    1. European Convention for the Protection of Fundamental Rights and Freedomsގެ 6 ވަނަ މާއްދާގެ (1) ވަނަ ނަންބަރުން ކަނޑައަޅާފައިވާ އެކަށީގެންވާ މުއްދަތެއްގައި ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ޙައްޤު ނިގުޅައިގަނެވިފައިވާކަމަށް ބުނާ ޙާލަތުގައި އެ ލަސްވި ލަސްވުމުގެ ނަތީޖާއިން އެފަރާތަށް ކުރިމަތިލާންޖެހުނު ބޭއިންސާފަކީ ކޮބައިކަން ދައްކުވައި ނުދެވޭ ޙާލަތުގައި މައްސަލަ ލަސްވުމުގެ ނަތީޖާއަކީ ޖިނާއީ މައްސަލައެއް ކުރިއަށް ގެންދިއުން ހުއްޓާލަންޖެހުންތޯއާއި،

    2. އެ ކޮންވެންޝަންގެ މާއްދާ މާނަކުރުމުގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދެވިފައިވޭތޯ ދެނެގަތުމަށް އެ މުއްދަތު ގުނާ ގޮތަކީ ކޮބައިތޯ؟

    House of Lords އިން ކަނޑައެޅީ، ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން އެ މައްސަލައެއް ބާޠިލުކުރަންޖެހޭ ޙާލަތަށް ވާސިލުވެވޭނީ އެ ލަސްވުމުގެ ސަބަބުން އަދުލު އިންސާފު ފޯރުކޮށްދިނުމަކީ މުސްތަހީލުކަމަކަށް ވެފައިވާ ހާލަތުގައި ނުވަތަ އެ ދަޢުވަ އިތުރަށް ކުރިއަށް ގެންދިއުމަކީ ބޭއިންސާފު ނުވަތަ އަނިޔާވެރިކަމަކަށް ވެދާނެ ހާލަތުގައި ކަމަށެވެ. އަދި ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ނުގެންދިއުމަށް ނުވަތަ މައްސަލަ ބާޠިލްކުރުމަށް ނިންމުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ނަގައިދެވޭނެ ފަރުވާއެއް ނޫންކަމަށާއި އެއަށްވުރެ ކުޑަ ނުވަތަ ލުއި ފަރުވާއެއް ނަގައިދިނުމަކީ ޚިލާފުވެފައިވާ ޙައްޤަށް އެޑްރެސްކުރުމަށް ފުދޭނެ ކަމެއްތޯ މިފަދަ ޙާލަތެއްގައި ކޯޓުތަކުން ވަޒަންކުރަންވާނެކަމުގައެވެ.

  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2023/SC-A/37 (ޕާރލް ކޮންސްޓަރކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މުހައްމަދު އަޒުމީ) މައްސަލައަކީ އިސްތިއުނާފުކުރެވިފައިމިވާ މައްސަލައަށް ތަތުބީޤުކުރެވޭނެ ނިންމުމެއް ނޫންކަމަށް ހައިކޯޓުގެ ނިންމުމުގެ 46 ވަނަ ޕްރެގްރާފްގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގެ ޝަރީޢަތްތަކުފެ ފަރަޤު ވަކި ސުރުޚީއެއްގެ ދަށުން ބަޔާންކޮށް އެ މައްސަލަ ތަތްބީޤް ނުކުރެވޭނެ ސަބަބުވެސް ފަނޑިޔާރު ތަފްސީލުކޮށްދެއްވާފައިވެއެވެ. އެގޮތުން މަދަނީ މައްސަލަތަކާ ޚިލާފަށް ޖިނާއީ މައްސަލަތަކުގައި ފުޅާގޮތެއްގައި މުޖުތަމަޢުގެ މަސްލަޙަތު އޮންނަކަމަށާއި، ޖިނާއީ މައްސަލައެއް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމާއި މުޖުތަމަޢުގެ އިޖުތިމާޢީ ތަރިތީބު ދެމެހެއްޓުންކަމަށާއި، މި ސަބަބަށްޓަކައި މައްސަލައެއް ލަސްވުމުން ޖިނާއީ މައްސަލައެއް ބާޠިލުކުރުމަކީ އިސްތިސްނާއީ ޙާލަތެއްގައި މެނުވީ ނަގައިދެވޭނެ ފަރުވާއެއް ނޫންކަމަށާއި، ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން އެ މައްސަލަ ބާޠިލުކުރަންޖެހޭ ޙާލަތަށް ވާޞިލުވެވޭނީ އެ ލަސްވުމުގެ ސަބަބުން ޢަދުލު އިންސާފު ފޯރުކޮށްދިނުމަކީ މުސްތަޙީލުކަމަކަށް ވެފައިވާ ޙާލަތެއްގައި ނުވަތަ އެ މައްސަލައެއް ކުރިއަށް ގެންދިއުމަކީ ބޭއިންސާފު ނުވަތަ އަނިޔާވެރިކަމެއްކަމަށް ވެދާނެ ޙާލަތުގައި ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތަކުގައި މުއްތަޙަމުގެ ޙައްޤާއި މުޖުތަމަޢުގެ ޙައްޤު މީޒާންކުރުން މުހިންމުކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ