ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. ޝާހީން އާދަމް

ޤަޟިއްޔާ ނަންބަރު:
2022/HC-B12/19
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
28/02/22

ކަނޑައެޅުނު އުސޫލު

  1. 15. .އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ޙަވާލާދޭ ޤާނޫނީ މާއްދާތަކަށް ބަލާއިރު، އެ ދެ މާއްދާއިންވެސް ދޭހަވަނީ ހަޑިހުތުރު ލިޔުމާއި، ތަކެތި އުފެއްދުމާއި، ބެހުމާއި، އޮރިޔާންކާޑު ހެދުމަކީ ކުށެއްކަމެވެ. އަދި އެ ދެ މާއްދާގެ މަޤްޞަދަކީ އޮރިޔާންކާޑު އުފެއްދުމާއި އެތަކެތި ގެންގުޅުން ހުއްޓުވު މެވެ. މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ކުރާ އިސްތިއުނާފުގެ މައިގަނޑު ބޭނުމަކީ މައްސަލައިގައި ހުށަހެޅުނު ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރެދިނުން ކަމުގައި ވާއިރު، އިސްތިއުނާފީ ނުކުތާގެ ގޮތުގައި ހުށަހެޅި ނުކުތާއަކީ ހެކި ރައްކާތެރިކުރުމާ ގުޅޭ މާއްދާތަކެއް ނޫނެވެ. އަދި އެ ނުކުތާތަކުގެ މަޤުޞަދުގެ ތެރޭގައިވެސް އެފަދަ މައްސަލަތަކުގައި ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެންވާނެކަމަށް ނުވަތަ ނެރެވިދާނެކަން ދަލާލުކޮށްނުދެއެވެ.

    23. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 131 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިޤްތިޞާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުން ހިމެނޭ ކަމެއް ކަމުގައިވާނަމަ، އެ މައްސަލައެއްގައި ހުށަހެޅިފައިވާ ހެކި ހާމަ ނުކުރުމަށް، ނުވަތަ ހާމަކުރުން ފަސްކުރުމަށް، ނުވަތަ ކަނޑައެޅޭ ވަކި ޝަރުޠުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިޚްތިޔާރު ކޯޓަށް ލިބިދީފައިވެއެވެ. މި މައްސަލައިގައި ހުށަހަޅާފައިވާ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަން ހުރީ ކޮންބައެއްކަން ދިވެހި ފުލުހުންނަށް އައިޑެންޓިފައި ކުރެވިފައި ނެތްނަމަވެސް ޝަހީން އާދަމަށް އެއީ ކޮންބައެއްކަން އެނގުމުގެ ފުރުޞަތު ފާޅުކަންބޮޑު ގޮތެއްގައި އެބައޮތް ކަމަށް ދައުލަތުން ބުނެއެވެ. އަދި ދައުލަތުން ބުނެފައިވާފަދައިން އެފަދަ ފުރުޞަތެއް ލިބި ގެންދާނެކަމަށް ޝަރީޢަތަށްވެސް ޤަބޫލުކުރެވެއެވެ. އެހެންކަމުން އެ ފަދަ ފުރުޞަތެއް ވުޖޫދު ވެދާނެ ކަމުގެ އިޙް ތިމާލު އޮއްވާ އެ ތަކެތި ޝަހީން އާދަމް އަށް ލިބިދޭ ގޮތަށް އަމުރެއް ނެރުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ ވީޑިއޯގައި ހިމެނޭ ފަރާތްތަކަށް މަޖުބޫރު ކުރުމުގެ ދޮރެއް ހުޅުވުމެވެ. އެހެންކަމުން މިމައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 131 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައި ބުނާ ޙާލަތު މި މައްސަލައިގައި އުފަންވެފައިވާކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

    24. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ ދަޢުވާއެއްގައި ދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުން ހުށަހަޅާ ހެކިތައް ދަޢުވާލިބޭ ފަރާތަށް ދިނުން މަނާކުރާ އެއްވެސް ނައްޞެއް ބަޔާންކޮށްފައިނުވެއެވެ. އެހެންކަމުން، މިޙާލަތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 131 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން އެޤާނޫނުގެ 131 ވަނަ މާއްދާގެ (ނ) ގައި ހެކިރައްކާތެރިކުރުމާ ބެހޭގޮތުން ކަނޑައަޅާފައިވާ ޢާއްމު އުސޫލު މިމައްސަލައަށް ތަޠުބީޤު ކުރެވިދާނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 142/A-HC/2021 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް) ޤަޟިއްޔާގެ ފަނޑިޔާރު ޢަބްދު الله ޙަމީދުގެ ރައުޔުގެ 3.2 ވަނަ ނުކުތާ އަށް ބެލުމުން އެނގެއެވެ.

    25. އެގޮތުން މިމައްސަލައިގައި ހިމެނޭ މިދެންނެވި ފަދަ ލިޔުންތަކަކީ އެފަދަ ހެކިތަކެއް ކަމުގައިވާނަމަ ، އެހެކިތައް ދަޢުވާލިބޭ ފަރާތަ ށް ދޫކުރުމުގެ ބަދަލުގައި، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިތައް ދިރާސާ ކުރުމުގެ އިންތިޒާމް ދަޢުވާލިބޭ ފަރާތަށް ހަމަޖައްސަވައިދެއްވުމުގެ ފުރުޞަތު ކޯޓަށް ލިބިގެންވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ނ) އިން އެނގެއެވެ. އަދި މިއީ މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރަމުންދާ އުޞޫލެވެ. މިފަދައިން ޢަމަލުކުރުމުން، ދިފާޢަށް ޖަވާބުދާރީ ވުމަށް ތައްޔާރުވުމަށްޓަކައި ރައްކާތެރި ކުރެވިފައިވާ ހެކިތައް ދިރާސާކުރެވި، އެހެކިތައް މުޖުތަމަޢަށް ދޫވުމުގެ ދޮރު ބަންދުވެގެން ދާނެއެވެ.

    26. މިބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި ދަޢުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބެލެންސް ކުރުމުގައި ހެކީގެ ބާވަތާއި، އެ ހެކިތައް ޢާންމުވެ ޝާއިޢުވު މުގެ އިޙްތިމާލު އޮތް މިންވަރާއި، ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބަލައި ހެކި ރައްކާތެރިކުރަންވާނީ އެހިނދަށް ޟަރޫރަތްތެރިވެގެންވާ އެންމެ ކުޑަ މިންވަރަށް ކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 142/A-HC/2021 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް) ޤަޟިއްޔާގެ ޢަބްދުالله ޙަމީދުގެ ރައުޔުގެ 33.2 ވަނަ ނުކުތާގައި ކަނޑައަޅާފައިވެއެވެ.

    27. މިމައްސަލައިގައި ރައްކާތެރިކުރުމަށް ދައުލަތުން އެދޭ ހެކިތަކުގެ ތެރޭގައި އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯ ހިމެނޭތީ، މިފަދަ ހެކިތައް ދަޢުވާކުރާ ފަރާތަށް ދޫކޮށްލުމުން، އެތަކެތި ޢާއްމުވެ ޝާއިޢުވުމުގެ ފުރުސަތު ފާޅުކަންބޮޑު ގޮތެއްގައި އޮތްއިރު، މިމައްސަލައިގައި ޖަވާބުދާރީ ވުމަށްޓަކައި ދަޢުވާލިބޭ ފަރާތާއި ދެކޮޅަށް ހުށަހެޅިފައިވާ ހެކިތައް ދިރާސާކުރުމުގެ ފުރުޞަތު ދިނުމަކީ ދަޢުވާލިބޭ ފަރާތަށް ލިބެންޖެހޭ ޙައްޤެއް ކަމަށްވާތީ، މިހެކިތައް ކޯޓުން އިންތިޒާމްކުރާ އުސޫލެއްގެ ދަށުން ދިރާސާ ކުރުމުގެ ފުރުޞަތު ދިނުމަކީ ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލާއިރު އެންމެ މަޞްލަޙަތު ރަގަޅުގޮތް ކަމަށް އަހުރެންނަށް ފެނެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ