ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (ނަން އުނިކުރެވިފައި)
- ޤަޟިއްޔާ ނަންބަރު:
- 2019/SC-A/79
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ބަންދު އަމުރު
- ނިމުނު ތާރީޚު:
- 15/09/20
ފަނޑިޔާރުން
ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
މައްސަލައިގެ ޚުލާސާ
18 އަހަރުން ދަށުގެ ކުއްޖެއް 14 ނޮވެންބަރު 2017 ދުވަހު ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި 12 މާރިޗު 2018 ދުވަހު ހައްޔަރުކުރެވުނެވެ. މީހަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުގައި ދަޢުވާ އުފުލުނީ 22 އެޕްރީލް 2018 ދުވަހުއެވެ. ކުއްޖާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، 4 ފެބުރުވަރީ 2019 ދުވަހު ކުއްޖާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ޖުވެނައިލް ކޯޓުން އަމުރުކުރިއެވެ. މިފަދައިން ނިންމީ ކުއްޖާގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ނެތަތީ އާއި، ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ނުބެލެވޭތީ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ޖުވެނައިލް ކޯޓުން ކުއްޖާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ނިންމި އަމުރު ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ނިންމީ ޖުވެނައިލް ކޯޓުގެ އަމުރު ނެރެފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށެވެ.
މިއީ ހައިކޯޓުން ނިންމުން ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޤާނޫނު ނަންބަރު: 17/2010 ގެ 16 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ށ) ތަފާތަކީ ކޮބާ؟
2. ޖިނާއީ ކުށެއްގެ ތުހުމަތުގައި 18 އަހަރު ނުފުރޭ ކުއްޖަކު ބަންދުގައި ބެހެއްޓިދާނެތަ؟
ނިންމިގޮތް
ޖުވެނައިލް ކޯޓުގެ އަމުރާއި ހައިކޯޓުގެ އަމުރު ބާތިލްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން.
ކަނޑައެޅުނު އުސޫލު
ތުހުމަތުކުރެވޭ މީހާ ބަންދުކުރުން އަދި ޝަރުތުތަކާއެކު ބަންދުން ދޫކުރުން
- މަތީގައި ބަޔާންކުރެވުނު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) : އެ މާއްދާގައިވާ ޝަރުތުތަކުގެ ތެރެއިން 9 ވަނަ ޝަރުތުގައި ވާގޮތުން ބަންދުން ދޫކޮށްލެވޭ މީހާ ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުގައި އެގޮތަށް އަމަލުކުރުމަށް ޝަރުތު ކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން.
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) : މި ޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށް ތަކުގެ ތެރެއިން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިއްޖެނަމަ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތެއް ވުޖޫދުގައިވާ ނަމަ، ފަނޑިޔާރަށް އެނޫން ގޮތަކަށް އިޚްތިޔާރުކުރުމުގެ ބާރު އެ ގާނޫނުން ދީފައިނުވާކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) : ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ށ) އިން ފަނޑިޔާރަށް ލިބިދެވޭ އިޚްތިޔާރު ތޫނު ހަތިޔާރު ޤާނޫނުގެ 16 ވަނަ މާއްދާއިން ގައިދުކޮށްފައިވާކަން.
18 އަހަރު ނުފުރޭ ކުއްޖަކު ބަންދުކުރުން
- ކުޑަކުދިން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އެފަދަ ހާލަތްތަކުގައި ކުށްކުރާ ބޮޑެތި މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އަމަލުކުރާ އުސޫލުތަކާއި ތަފާތު އުސޫލަކުން އަމަލުކުރުމަށް ކޯޓުތަކުގެ މައްޗަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ މައްޗަށް ލާޒިމުކޮށްފައި އޮތް އޮތުމުގެ މާނައަކީ ކުޑަކުދިންގެ ތެރެއިން އަނިޔާވެރި އަދި ބޮޑެތި ޖިނާއީ ކުށްކުރާ ކުދިން މުޖުތަމައުގެ ތެރެއަށް ވީއްލައި، އެ ކުދިންގެ ފުށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތް ނުކޮށް ދޫކޮށްލުން ކޯޓުގެ މައްޗަށް ލާޒިމުވަނީއެއް ނޫންކަން.
- ކުއްޖާއަށް ގާނޫނުގެ ދަށުން ލިބިގެންވާ ހައްގުތަކާއި ހިމާޔަތްތަކަށް ރައްކާތެރިވެ އެ ހައްގުތައް ނެގެހެއްޓުމާއެކު އެ ކުއްޖެއްގެ ފުށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަތުވެދާނޭ ނުރައްކާތަކަށް ވެސް ކޯޓުތަކުން ސަމާލުކަން ދޭންޖެހޭނެކަން. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ މިނޫންވެސް ހާލަތެއް އޮތްތޯ ބަލަންޖެހޭނެކަން.
- ކުއްޖާ ހައްޔަރުކުރުމަށް ނުވަތަ ބަންދުކުރުމަށް ނިންމާ ނިންމުމަކީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުކަން. އަމުރެއް ނެރޭނަމަ އެ އަމުރަކީ ވީހާވެސް ކުރު މުއްދަތަކަށް، ކަނޑައެޅިފައިވާ މުއްދަތުތަކަކުން މުރާޖައާކުރެވޭ އަމުރަކަށްވެސް ވާންޖެހޭނެކަން.