ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަރުޝަދު ޚާލިދު

ޤަޟިއްޔާ ނަންބަރު:
2022/SC-A/84
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
30/10/22

ފަނޑިޔާރުން

މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޙުސްނުއް ސުޢޫދު

މައްސަލައިގެ ޚުލާސާ

ގދ.ހޯޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް އެ ކޯޓުން ޙުކުމްކުރުމުން، ޕީޖީ އޮފީހުން މި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް، އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދުނެވެ.

ހައިކޯޓުންވަނީ އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް 07 ޖޫން 2022 ދުވަހު އަމުރުކޮށްފައެވެ. މި އަމުރުގެ ދަށުން 10 އޮކްޓޫބަރު 2022 ދުވަހު އަރުޝަދު ޚާލިދު ބަންދުކޮށް، 12 އޮކްޓޫބަރު 2022 ދުވަހު އޭނާ ހައިކޯޓަށް ހާޒިރުކޮށް، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރާ ގުޅިގެން އަޑުއެހުމެއް ބޭއްވުނެވެ. މިއަޑުއެހުމުގައި އަރުޝަދު ޙާލިދު ބަންދުގައި ބަހައްޓައިދިނުމަށް ޕީޖީ އޮފީހުން އެދުނު އެދުމަށް ގޮތެއް ނުނިންމަވައެވެ.

ހައިކޯޓުގެ ނިންމުމުގައި އަރުޝަދު ޚާލިދު ހާޒިރުކުރެވުނީ ބަންދުގައި ހުރި މީހެއްގެ ގޮތުގައި ނޫންކަމަށްވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރަށް އިތުރަށް ގޮތް ނިންމަންޖެހޭ ޤާނޫނީ ސަބަބެއްނެތް ކަމަށް ބަޔާންކޮށް، އޭނާ ކޯޓަށް ހާޒިރުކުރެވޭނެކަން ކަށަވަރުކުރުމަށް ޕާސްޕޯޓާއި ޓްރެވެލް ޑޮކިއުމެންޓް އަދި ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ އެނޫންވެސް ލިޔުނެއް ހިފެހެއްޓުމަށް އަމުރުކުރިއެވެ. މި ނިންމުމުގައި، އިތުރަށް ފާހަގަކޮށްފައިވަނީ "އަރުޝަދު ޚާލިދު ޢަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށް ޕީޖީއަށް ފެންނަ ޤާނޫނީ ސަބަބުތަކާއެކު، އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅައިގެން އެނިންމުން މުރާޖަޢާ ކުރުމަށް ޕްރޮސިކިއުޝަނަށް ހުރަހެއް' ނެތް ކަމަށެވެ.

މިއީ ހައިކޯޓުގެ ނިންމުމުގައި ޕީޖީ އޮފީހުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ގޮތް ކަނޑައަޅާފައިނުވާ ކަމަށް ބުނެ، ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

ނިންމިގޮތް

ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން

ކަނޑައެޅުނު އުސޫލު

މި މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމާފައިވަނީ އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރާ ގުޅިގެން ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއިން ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނެތުމުންނާއި އެފަދަ އަމުރަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުމަށް ހުރަސްއަޅާނެތަނެއް، ނުވަތަ ހުށަހަޅައިފިނަމަ، އެ އަމުރާމެދު ގޮތެއް ކަނޑައެޅުމަށް ހުރަސްއަޅާނެކަމެއް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނުވާތީ، ހައިކޯޓުގެ ނިންމުން ޤާނޫނާއި ޚިލާފުކަމުގައި ބަލައި އުފެދޭ ޤާނޫނީ ބަހުސެއްނެތްކަމަށް ކަނޑައަޅައި.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ