މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2020/SC-A/40
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 11/01/21
ފަނޑިޔާރުން
ޑރ.އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، މަޙާޒް ޢަލީ ޒާހިރު، ޙުސްނުއް ސުޢޫދު
މައްސަލައިގެ ޚުލާސާ
2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ދޮންދަރިއަކާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީ ގއ.ކަނޑުހުޅުދޫ، ވިޒާ، މުޙައްމަދު މުނީރުގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ 2015 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅުނެވެ. ކްރިމިނަލް ކޯޓުން މުޙައްމަދު މުނީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކުރުމުން، މުޙައްމަދު މުނީރުވަނީ މި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން މައްސަލަ ނިންމީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.
މިއީ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި މުޙައްމަދު މުނީރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާގެ މަޤްސަދަކީ ކޮބާ؟
2. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކިތަކަކީ ކޮބާ؟
3. ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމަށް ބުރަދަން ނުދެވޭނެ ޙާލަތެއް އޮވެދާނެތަ؟
4. މެޑިކޯ ލީގަލް ރިޕޯޓްގެ ބޭނުމަކީ ކޮބާ؟
5. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާގައި ބަޔާންކުރަނީ އެއް މިންގަނޑެއްތަ؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާ
- ޤާނޫނު ނަންބަރު: 12/2009 ގެ މަޤްސަދުތަކުގެ ތެރޭގައި ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގައި އިތުރު ބާވަތްތަކުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުން ހިމެނޭކަން.
- މި ބާވަތުގެ ކުށްތައް އާންމު ގޮތެއްގައި ހިނގަނީ އެކަހެރި ތަންތަނުގައި ސިއްރުންކަމަށްވާތީ، މިފަދަ ކުށްތަކާ ގުޅިގެން މިނިވަން މުސްތަޤިއްލު ހެކިތަކެއް ގިނަ ފަހަރު ނުހުންނާނެތީ، 12 ބާވަތުގެ ހެކި ލިސްޓު ކުރެވިފައިވަނީ ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފު ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއްގެ ގޮތުގައިކަން. (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓާފައިވޭ)
އަނިޔާ ލިބުނު ކުއްޖާގެ ކިޔައިދިނުމަށް ބުރަދަން ދިނުން
- ކުއްޖާގެ ހެކިބަހަށް ބުރަދަން ދިނުމުގައި އެކުއްޖާގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ބެލިދާނެކަން.
- ކުއްޖާގެ އަޚްލާޤާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށް ބެލިދާނެކަން.
- ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެކަން.
- ކުއްޖާ ހަދައިގެން ވާހަކަ ދައްކާކަމަށް ބުނާނަމަ، ނުވަތަ ކުއްޖާގެ ނުނިޔަތެއް އޮތް ކަމަށް ބުނާނަމަ، އެކަމަށް ބާރުދޭ ސަބަބުތައް ދިފާޢުން ހުށަހަޅަންޖެހޭނެކަން.
- ކުއްޖާގެ ބަހަކީ މިބާވަތުގެ މައްސަލަތަކުގައި ރިޢާޔަތްކުރެވޭ މައިގަނޑު ހެކިކަން.
- ކުއްޖާގެ ކިޔައިދިނުމަށް ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ހެކިތަކުން ކޮރޮބޮރޭޓްވާނަމަ، އެ މިންވަރު މައްސަލަ ސާބިތުކުރުމަށް ފުދޭކަން.
މެޑިކޯ ލީގަލް ރިޕޯޓް
- މެޑިކޯ ލީގަލް ރިޕޯޓްގެ ބޭނުމަކީ ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން ދެނެގަތުންކަން. (ޖިންސީ އަނިޔާކުރި މީހަކު ދެނެގަތުން ނޫންކަން)
- މެޑިކޯއިން އަންގައިދޭ 2 ކަމަކީ: ސިއްޙީ މާހިރަށް ކިޔައިދީފައިވާ ހިސްޓްރީ ބަޔާންކުރުމުން އެފަރާތަށް ފާހަގަކުރެވޭ ކަންކަން (observations) ބަޔާންކުރުން އަދި ސިއްޙީ މާހިރުގެ ރައުޔު (expert opinion).
- މެޑިކޯއިން ކުއްޖާއަށް އަނިޔާއެއް ލިބިފައިވާކަމަށް ދައްކާނަމަ އެއީ ކުއްޖާގެ ކިޔައިދިނުމަށް ބާރުދޭ ވަސީލަތެއްކަން.
ޤާނޫނުއަސާސީގެ 51 (އ) އާއި ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާ
- އަސާސީ ފުށުއެރުމެއްނެތި 47 ވަނަ މާއްދާގައި ބަޔާންކުރާ 5 ބާވަތުގެ ހެކި ހުރިނަމަ، އެއީ ޤާނޫނުއަސާސީގެ 51 (އ) ގައިވާ މިންގަނޑުން ކުށް ސާބިތުކުރުމަށް ފުދޭނެ ހެކިކަން.
- 5 ބާވަތެއްގެ ހެކި ނެތުމަކީ އެ މައްސަލައެއްގައި ހުށަހެޅޭ ދެން ހުރި ބާވަތްތަކުގެ ހެކީގެ ހަރުދަނާ ކަމަށް ރިޢާޔަތްކުރުމާއެކު، ޤާނޫނުއަސާސީގެ 51 (އ) ގެ ދަށުން ކުށް ސާބިތުވުމަށް އޮތް ހުރަހެއް ނޫންކަން. (ދެންހުރި ހެކިން ކުއްޖާގެ ވާހަކަތައް ކޮރޮބޮރޭޓްކޮށްދޭނަމަ، އެ މިންވަރު އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުކުރުމަށް ފުދޭކަން)