ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު
- ޤަޟިއްޔާ ނަންބަރު:
- 2024/HC-A/41
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުން
- ނިމުނު ތާރީޚު:
- 17/11/25
މައްސަލައިގެ ޚުލާސާ
މި މައްސަލައިގައި އުފުލި ދަޢުވާއަކީ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި އަނިޔާލިބުނު ކުއްޖާގެ ހެކިބަސް ޝަރީޢަތުގައި ނަގާފައެއް ނުވެއެވެ. ހެކީގެ ގޮތުގައި ހުށަހެޅީ ކުއްޖާ ތަޙުޤީޤަށް ދީފައިވާ ބަޔާނާއި، އެހެން ފަރާތްތަކަށް ކިޔައިދީފައިވާ ކިޔައިދިނުމާއި، ޑީއެންއޭ ހެއްކެވެ. ކުއްޖާގެ ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ދައްކާ ވާހަކައަކީ މުޚްތާރު ޤަޟިއްޔާގައި ބަޔާންކުރާ އުސޫލުން ކުއްޖާގެ "ހެކިބަސް" ނޫންކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2022/HC-A/407 (ޕީޖީ ވ. އިލްހާމް) ޤަޟިއްޔާއާ ހަވާލާދީ ނިންމައި، މައްސަލަ ސާބިތުވާ މިންވަރަށް ހެކި ނެތްކަމަށް ކަނޑައަޅައި، ދަށު ކޯޓުން ނިންމީ މައްސަލަ ސާބިތުނުވާކަމަށެވެ.
އިޝޫ
ޤާނޫނު ނަންބަރު: 12/2009 ގެ ދަށުން ދަޢުވާކުރާ މައްސަލަތަކުގައި ކުއްޖާގެ ހެކިބަސް ނެގުން ލާޒިމްތޯ
ނިންމިގޮތް
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ދަށު ކޯޓުން ކުރެއްވި ޙުކުމް ބާޠިލުކުރައްވައި، މައްސަލައިގައި ހެކި ވަޒަންކޮށް އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި ދަށު ކޯޓަށް ތަހުވީލުކުރެއްވި.
ކަނޑައެޅުނު އުސޫލު
ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް ތަހުވީލުކުރެއްވި. އެ ނިންމުން ބިނާކުރި އަސާސަކީ:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2022/HC-A/407 (ޕީޖީ ވ. އިލްހާމް) ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2024/SC-A/05 ޤަޟިއްޔާއިން 26 އޮކްޓޫބަރު 2025 ބާޠިލްކޮށް، ކުއްޖާގެ ބަސް ޝަރީޢަތަށް ނެގުމާ ގުޅޭގޮތުން ހައިކޯޓުން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަން ބާޠިލުކޮށްފައިވާތީއާއި، ކުއްޖާގެ ހެކިބަސް ނެގުމަކީ ޤާނޫނުން ދީފައިވާ އިޚްތިޔާރެއްކަމަށާއި، މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ޝަރީޢަތަށް ހާޟިރުކުރުމަކީ ވަރަށް އިސްތިސްނާ މަދު ހާލަތެއްގައި އެ ނޫންގޮތެއް ނެތިގެން ކުރަން އޮންނަ ކަމެއްކަން ޤާނޫނުގެ މަޤްޞަދަށް ބެލުމުން އެނގޭކަމަށް އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީއާއި، މި މައްސަލައިގައި ކުއްޖާގެ އަސާސީ ކިޔައިދިނުމަށް ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާއިރު، އެ ބަޔަނާކީ ފުރިހަމަ ބުރަދަން ދޭންޖެހޭ ބަޔާނެއްކަން ސުޕްރީމް ކޯޓުގެ އިލްހާމް ޤަޟިއްޔާގައި ތަފްސީލުކޮށްދީފައިވާ ހަމަތަކަށް ބެލުމުން އެނގޭތީ، މުޚްތާރު ޤަޟިއްޔާގައި ބަޔާންކޮށްދީފައިވާ އަސާސީ ހަމަތަކަށް ރިޢާޔަތްކޮށް މައްސަލައިގައި ހުށަހެޅުނު ހެކިތައް ވަޒަންކޮށް އަލުން މައްސަލަ ބަލައި ގޮތެއް ކަނޑައަޅަންޖެހޭތީ.