ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު
- ޤަޟިއްޔާ ނަންބަރު:
- 2022/SC-A/23
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ޖިނާއީ
- ނިމުނު ތާރީޚު:
- 09/03/22
ފަނޑިޔާރުން
ޑރ.އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، މަޙާޒް ޢަލީ ޒާހިރު، ޙުސްނުއް ސުޢޫދު
މައްސަލައިގެ ޚުލާސާ
ނ.މަނަދޫ، ރެޑްސްޓަރ، މުޙައްމަދު ޝިފާޢުގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ އާއި، މީހަކު ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއްކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދަޢުވާ 21 ނޮވެންބަރު 2019 ދުވަހު ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނެވެ. މި ދަޢުވާތައް ހުށަހަޅާފައިވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވިފަހުން ކަމަށް ބަލައި، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމިއެވެ.މި ނިންމުން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، މައްސަލައަކީ އަލުން ހުށަހަޅައިފިނަމަ ބަލައިގަނެ ކުރިއަށް ގެންދަންޖެހޭ މައްސަލައެއްކަމަށް 11 ފެބުރުވަރީ 2020 ދުވަހު ހައިކޯޓުން ނިންމިއެވެ. މި ޙުކުމާއި ގުޅިގެން ޕީޖީ އޮފީހުން މައްސަލަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް އަލުން މައްސަލަ ހުށަހެޅި 22 ޖުލައި 2020 މި ދުވަހުއެވެ. އެ މައްސަލަ ނ.މަނަދޫ މެޖިސްޓްރޭޓު ކޯޓުން ބަލަން ފެށުމުން މުޙައްމަދު ޝިފާޢުގެ ފަރާތުންވަނީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދަޢުވާ އުފުލުގައި އެކަށީގެންނުވާ ދިގު މުއްދަތެއް ފާއިތުވެފައިވާ ކަމަށާއި، ދަޢުވާ ނުއުފާ ލަސްވެފައިވާ ސަބަބު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާފައިނުވާތީ، ދަޢުވާއަކީ މަޢުޟޫއީ ގޮތުން ބަލައި ގޮތް ކަނޑައެޅެން ނެތް ދަޢުވާއެއް ކަމަށް ހުށަހަޅާފައެވެ. މުޙައްމަދު ޝިފާޢު ޝަރީޢަތުގެ ކުރިން ހުށަހެޅި މިހުށަހެޅުމާމެދު ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ މުޙައްމަދު ޝިފާޢު އާ އެއްކޮޅަށެވެ.
ނ.މަނަދޫ މެޖިސްޓްރޭޓު ކޯޓުގެ ފަހުގެ ނިންމުންވެސް ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަންނަނިވި ސަބަބުތަކަށް ބިނާކޮށް ހައިކޯޓުން ޙުކުމްކުރީ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.
- ދަޢުވާ އުފުލަންޖެހޭނެ މުއްދަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 45 ދުވަސް ކަމަށް ދަށު ކޯޓުން ބަލާފައިވަނީ ރަނގަޅަށްކަމަށް.
- މައްސަލައަކީ ޕީޖީ އޮފީހުން އަލުން ހުށަހަޅައިފިނަމަ ބަލަންޖެހޭ މައްސަލައެއްކަމަށް އަންގާފައިވާތީ، މިއީ ދިވެހިރާއްޖޭގޭ ޤާނޫނުއްއުޤޫބާތުގެ 61 ވަނަ މާއްދާގެ (ނ) ގައިވާ މުއްދަތާ ތަފާތު ޙާލަތެއްކަމަށް.
- އެކަށީގެންވާ މަޤުބޫލު ސަބަބެއްނެތި މައްސަލަ ހުށަހެޅުން ލަސްވުމަކީ މައްސަލަ މަޢުޟޫއީ ގޮތުން ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ސަބަބެއްކަމަށް.
- މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، އަލުން ހުށަހަޅައިފިނަމަ ބަލަންޖެހޭނެކަމަށް ނިންމާ މައްސަލަތަކަށް ވަކި މުއްދަތެއް ޤާނޫނުގައި ކަނޑައެޅިފައިނެތުމަކީ ބޭނުންހާ ދުވަހަކު މައްސަލަ ހުށަހެޅުން ހުއްދަކުރެވޭނެ ކަމެއް ނޫންކަމަށް.
މިއީ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
ދަށު ކޯޓުން ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ނިންމާ މައްސަލަތަކުގައި، އެއީ އަލުން ހުށަހަޅައިފިނަމަ ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް އިސްތިއުނާފީ ކޯޓަކުން ކަނޑައަޅާ ޙާލަތުގައި، ދައުލަތުން ދެވަނަ ފަހަރަށް ދަޢުވާ އުފުލަންޖެހޭނީ ކިހާ މުއްދަތެއްގެ ތެރޭގައި ހެއްޔެވެ؟
ނިންމިގޮތް
ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ހަނިވާގޮތަށް ކަމަށް، ނަމަވެސް ހައިކޯޓުން ވާސިލްވި ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
- ފުރަތަމަ ދަޢުވާ އުފުލުމަށްފަހު، ދެވަނަ ފަހަރަށް ދަޢުވާ ހުށަހެޅުމުގައި މުއްދަތު ގުނަންނުޖެހޭނެ ކަމަށް ބަލައިފިނަމަ، ޤާނޫނުތަކުގައި ވަކި މުއްދަތެއްގައި ދަޢުވާ އުފުލުމަށް އޮންނަ އޮތުމުގެ މަޤްސަދު ގެއްލިދާނެކަން.
- ދެވަނަ ފަހަރަށް ދަޢުވާ އުފުލާއިރު ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ކަނޑައެޅުމުގައި ޤާނޫނީ ހުސްކަމެއްނެތްކަން. އެއީ ޤާނޫނެއްގައި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ ދެން ޢަމަލުކުރަންޖެހޭ ގޮތް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅުއްވާފައިވާތީކަން.
- ދަށު ކޯޓުން ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ނިންމާ މައްސަލަތަކުގައި، އެއީ އަލުން ހުށަހަޅައިފިނަމަ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށް އިސްތިއުނާފީ ކޯޓަކުން ކަނޑައަޅާ ޙާލަތުގައި، ދެވަނަ ފަހަރަށް ޕީޖީ އޮފީހުން ދަޢުވާ އުފުލަންޖެހޭނީ ކިހާ މުއްދަތެއްގައިކަން ޖިނާއީ އިޖުރާއަތު ޤާނޫނުގައި އަދި މުއްތަހަމުގެ މައްޗަށް ދަޢުވާ އުފުލާ ކުށާ ގުޅޭ ޤާނޫނުގައި ބަޔާންކޮށްފައިނުވާނަމަ، މި ޙާލަތުގައި ރުޖޫޢަވާންޖެހޭނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އަށްކަން.
- މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އިން ލަސްވުންތައް ހުއްދަކުރާކަން ނަމަވެސް ލަސްވާ ލަސްވުން ބިނާވާންޖެހޭނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްކަން. މުއްދަތު ކަނޑައަޅާނީ ކޮންމެ މައްސަލައެއްގެވެސް ވަށައިގެންވާ ޙާލަތަށް ރިޢާޔަތްކުރުމަށްފަހުކަން.
- ވަކި މުއްދަތެއް ޤާނޫނެއްގައި ބަޔާންކޮށްފައިނުވާ ޙާލަތެއްގައި ދެން ބަލަންޖެހޭނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނެތި އެކަމެއް ކޮށްފައިވޭތޯ ނުވަތަ ނޫންތޯކަން. މިކަން ވަޒަންކުރާނީ ސަބަބުވެރި އިންސާނެއްގެ މިންގަނޑުންކަން. އެކަށީގެންވާ މުއްދަތު ބައެއްފަހަރު ވަރަށް ދިގު އަދި ވަރަށް ކުރު މުއްދަތަކަށްވެސް ވެދާނެކަން.