ސާޖިދު ޒަކަރިއްޔާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2019/HC-A/164
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 20/07/20
ކަނޑައެޅުނު އުސޫލު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްއާއި ޢަލީ ސަމީރުގެ ރައުޔު
3.2 ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 77/A-SC/2019 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއި ކުރުމަށް އެކުލަވާލާފައިވާ ހެކީގެ އުސޫލަކީ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނޫންތޯ ވަޒަންކުރުން ކަމަށާއި، އަދި އެކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދު ކަމަށް ޤަބޫލުކުރެވޭ ހެކިތަކަކަށް ވާނަމަ، ހަމައެކަނި ކުއްޖާ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށްގެން ކުޑަކުދީންނާމެދު ހިންގާ ޖިނާއީ ކުށްތައް ސާބިތު ކުރެވިދާނެ ކަމަށެވެ. އަދި އެޤާނޫނުގެ 47 ވަނަމާއްދާގައި ބަޔާންކޮށްފައިވާ 12 ބާވަތުގެ ހެކި ވަކިވަކިން ލިސްޓްކޮށްފައި އެވަނީ ، ބެހެވުނު ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަން ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނޭ ވަސީލަތެއްގެ ގޮތުގައި ކަމަށާއި އަދި ކުއްޖާގެ 1 ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ. އިސްވެ ބުނެވުނު 47 ވަނަމާއްދާއިން ޤާއިމްކޮށްފައިވާ ހެކިބަހުގެ އުސޫލުކަމުގައިވާ، ކުއްޖާ ކިޔައިދޭކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، އެމާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އެހީގައި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބޮރޭޓްވާނަމަ، 2 ކޯޓުތަކުން މައްސަލަ ސާބިތުވާކަމަށް ޙުކުމްކުރުމަށް އެޤާނޫނު ހުއްދަކަމަށެވެ.
3.3.4 މައްސަލައިގައި ހުށަހެޅޭ ހެއްކަކު ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނާއި އޭނާ ތަޙްޤީޤުގައި ދީފައިވާ ބަޔާނާ ތަޢާރުޒުވުމަކީ އޭނާގެ ހެކިބަހުގެ ތެދު ކަމާމެދު ސުވާލު އުފެދި، ހެކިބަސްދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠެއް ކަމުގައިވާ ޢަދުލުވެރިކަމުގެ ސިފަ ހުރި ކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. މި ހާލަތުގައި ކޮންމެވެސް އެއް މަޤާމެއްގައި (ތަޙްޤީޤުގައި /ޝަރީޢަތުގައި) ޙަޤީޤަތާ އެއްގޮތަށް/ޚިލާފަށް ބުނެފައިވާކަމަށް ބަލަންޖެހެއެވެ. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހުށަހެޅިފައިވާ ވާޤިއާތަކާއި ހެކިތަކުގެ މައްޗަށް ބަލައި އެމައްސަލައިގެ ތެދު ޙަޤީޤަތް ދެނެގަތުމަކީ އެމައްސަލަ ބަލާ ފަނޑިޔާރުގެ ޒިންމާއެއް ކަމުގައިވާތީ، ބަލަމުންދާ މައްސަލައެއްގައި ހުންނަ މިފަދަ ޚިލާފުތައް ނުވަތަ އުނިކަންތައްތަކަށް ޝަރީޢަތުން ރިއާޔަތްކުރުމާމެދު ގޮތެއް ނިންމާނީ އެމައްސަލައިގެ ވަށައިގެންވާ އެހެންކަންތައްތަކުގެ މައްޗަށް ބެލުމަށްފަހުގައެވެ.
މިހާލަތުގައި މައްސަލަ ބަލާ ފަނޑިޔާރަށް ދެގޮތަކަށް ޢަމަލުކުރެވިދާނެ ކަމާއި، އެއީ އޭނާގެ ހެކިބަހަށް އެއްވެސް މިންވަރަކަށް ރިއާޔަތްނުކުރުން؛ ނުވަތަ މުޅި މައްސަލައަށް ބަލައި އޭނާގެ ހެކިބަހުގައި ހުރި ޙަޤީޤަތްކަމަށް ޤަބޫލުކުރެވޭ ކަންކަމަށް ރިއާޔަތްކުރުމެވެ. މިއިން ގޮތެއް އިޚްތިޔާރުކުރުމުގެ ބާރު އެމައްސަލައެއް ބަލާ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
ހެއްކަކު އޭނާ ކުރިން ދީފައިވާ ބަޔާނަކާ ޚިލާފުވާ ގޮތަށް ޝަރީޢަތުގެ މަޖިލީހުގައި ބުނާ ހާލަތުގައި އޭނާ ގެ ހެކިބަހުގައި ހުރި ފުށުއެރުމަކީ ކުދިކުދި ފުށުއެރުންކަމުގައި ވާނަމަ، އަދި އެފުށުއެރުމަކީ މައްސަލައިގެ ޙަޤީޤަތް އޮޅޭފަދަ ބޮޑެތި ފުށުއެރުމެއް ކަމުގައި ނުވާނަމަ، އެފަދަ ހެކިބަހަކުން އެމައްސަލައިގައި ހެކިބަސްދީފައިވާ އެހެންމީހުންގެ ހެކިބަހާ ގުޅުވައިލުމުން އެހެން ހެކިތަކަށް އިތުރު ބުރަދަނެއް ނުވަތަ ކަށަވަރުކަމެއް ގެނެސްދޭނަމަ، އެކަންކަމަށް ޝަރީޢަތުން ރިއާޔަތް ކުރަންވާނެއެވެ. އަދި އެފަދަ ޙާލަތެއްގައި އޭނާގެ ބަޔާން އެއްކޮށް ޝަރީޢަތަށް ޤަބޫލުނުކޮށް ދޫކޮށްލުމަކީ މައްސަލައިގެ ޙަޤީޤަތަށް ވާޞިލްވެ އިންޞާފުވެރި ނިންމުމެއް ނިންމުމަށް އެޅިގެންދާނެ ހުރަހެއްކަމުގައި ނޫނީ ބެލެވެން ނެތްކަމެވެ.
މީގެއިތުރުން ހެކިބަސްދޭ މީހާއަކީ އިތުބާރުކުރެވޭ ހެއްކެއް ކަމުގައިވާނަމަ، އޭނާގެ ހެކިބަސް އެއްކޮށް ޤަބޫލުނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ.
ޤާނޫނު ނަންބަރު 2009 /12 ގެ 47 ވަނަމާއްދާގެ (ނ) ގައިވަނީ "ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން" މިފަދައިން ކަމާއި، މިމާއްދާގައި ބުނަނީ ލޮލަށް ފެނުނު މީހުންގެ ބަޔާންކަމާއި އޭނާ ބަޔާންދޭ މަޙައްލެއް ތަފާތުކޮށްފައިނުވާ ކަމާއި އެހެންކަމުން ލޮލަށް ފެނުނު މީހުން ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ތަޙްޤީޤުގައި ދޭ ބަޔާންވެސް، އެއަކުރުގެ މާނަކުރުމުގެ ތެރޭގައި ހިމެނޭކަން އެނގެއެވެ.