ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އާމިނަތު މުޙައްމަދު
- ޤަޟިއްޔާ ނަންބަރު:
- 2020/SC-JC/04
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ޒިނޭ
- ނިމުނު ތާރީޚު:
- 22/11/20
ފަނޑިޔާރުން
ޢަލީ ރަޝީދު ހުސައިން (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޑރ.މުޙައްމަދު އިބްރާހިމް
މައްސަލައިގެ ޚުލާސާ
އާމިނަތު އަޙްމަދުގެ މައްޗަށް ޒިނޭކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އުޤޫބާތެއްގެ ގޮތުން އާމިނަތު އަޙްމަދު 100 އެތިފަހަރުން ހައްދުޖެހުމާއެކު 1 އަހަރު ދުވަހުގެ މުއްދަތަށް ގޭ ބަންދުކުރުމަށް ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރުމުން، މި ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއިދުކުރިއެވެ. މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުން އެދި ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެވެ.
އިޝޫ
- ސުޕްރީމް ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކަކީ ކޮބައި؟
- ޤިސާސް އަދި ހައްދުގެ މައްސަލަތަކުގައި ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި ސުޕްރީމްކޯޓަށް އިލްތިމާސްކުރަންޖެހޭތަ؟
- އެއް މައްސަލައެއްގައި ދެ ފަހަރަކު އެކަކުގެ މައްޗަށް ޝަރީޢަތްކުރެވިދާނެތަ؟
ނިންމިގޮތް
މި މައްސަލަ ބެލުމުގެ އިޙްތިސާސް ސުޕްރީމްކޯޓަށް ލިބިގެން ނުވާކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ސުޕްރީމް ކޯޓުން މައްސަލަ ބެލުމުގެ އިޙްތިސާސް
- ސުޕްރީމްކޯޓަށް ބެލޭނީ ކޮން މައްސަލަތަކެއްކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 9 ވަނަ މާއްދާއިން ފެށިގެން 13 ވަނަ މާއްދާގައި ބުނެދީފައިވާކަން.
- ޤާނޫނުއަސާސީންނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން އިސްތިއުނާފީ މައްސަލަ ބެލުމަށް ސުޕްރީމްކޯޓަށް ދީފައިވާ އިޙްތިސާސްގެ ތެރޭގައި ދަށުކޯޓުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލައެއްގައި ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ ޤާނޫނީ އުސޫލަކާ ނުވަތަ އިސްލާމީ ޝަރީޢަތާއި ޚިލާފުކަމެއް އޮތްކަމަށް ޤަބޫލުކުރެވިގެން އެކަން ފާހަގަކޮށް އިސްތިއުނާފީ އުސޫލުން ހުށަހަޅާ މައްސަލަތައް ފިޔަވައި އެހެން މައްސަލައެއް ބެލުން ހިމެނިފައިނުވާކަން.
ޤާނޫނުލްއުޤޫބާތުގެ 1204 އަދި 1205 ވަނަ މާއްދާ
- ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ މަރުގެ ކޮންމެ ޙުކުމެއް އޭގެ އަމިއްލަ ޒާތުގައި އިސްތިއުނާފު ކުރެވޭނެކަން.
- މަރުގެ އަދަބު ކަނޑައެޅޭ މައްސަލަތައް ފިޔަވައި، އެހެން އެއްވެސް މައްސަލައެއްގައި ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި އަމިއްލަ ޒާތުގައި އިސްތިއުނާފުކުރަން ނުޖެހޭނެކަން. އަދި އެފަދަ މައްސަލައެއް އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފުނުކޮށްފިނަމަ، އެ އަދަބު ނިހާއީ ވވެގެންދާނެކަން.
- ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ށ) މާނަކުރަންވާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މާއްދާ ޤާނޫނުލްއުޤޫބާތުގައި ހިމަނައި އެ މާއްދާއިން ޙައްލުކުރަން ބޭނުންވި މައްސަލަ ޙައްލުކުރަން ކަމާއި، އެއަށްވުރެ ފުޅާކޮށް އެ މާއްދާ މާނަ ނުކުރެވޭނެކަން.
- 1205 ވަނަ މާއްދާގެ (ށ) ގެ ބޭނުމަކީ އެބާވަތުގެ މައްސަލަތަކުގައި ޙުކުމްކުރުމަށްފަހު އިސްތިއުނާފުކުރުމަށް ދެ ފަރާތަށް ލިބިގެންވާ މުއްދަތު ހަމަނުވަނީސް އަދަބު ތަންފީޒުކުރެއްވިއްޖެނަމަ އެކަމަކީ އަނބުރާ އިއާދަނުކުރެވޭނެ ބާވަތުގެ އަދަބަކަށްވާތީ، އަދަބު ތަންފީޒުކުރަންވާނީ އެ ޙުކުމެއް ނިހާއީ ޙުކުމަކަށް ބަދަލުވުމުން ކަމަށް ހަމަޖެއްސުމަށާއި، އިސްތިއުނާފުކުރަން ވަގުތު އޮއްވާ އެ ޙުކުމުގައި ކަނޑައެޅުނު އަދަބު ތަންފީޒުވިޔަ ނުދިނުމަށްކަން.
- ޙުކުމެއް ނިހާއީ ޙުކުމަކަށްވާނީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައެއް އިސްތިއުނާފުކޮށްފިނަމަ، އިސްތިއުނާފު މަރުޙަލާތައް އިސްތިއުނާފުކުރުމުގެ އުސޫލުތަކުގެ ތެރެއިން ނިމުމުން ނުވަތަ އެ މައްސަލައިގައި ޝަރީޢަތްކުރި ކޯޓުން ކަނޑައެޅި ޙުކުމާމެދު އިސްތިއުނާފުކުރަން ހުށަނާޅައިފިނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވުމުންކަން.
އެއް މައްސަލައެއްގައި ދެ ފަހަރަށް އެކަކުގެ މައްޗަށް ޝަރީޢަތްކުރުން
- މައްސަލައެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަށްފަހު އެ މައްސަލައިގައި ޝަރީޢަތްކޮށް ނިމުމުން މަތީ މަރުޙަލާގެ ކޯޓަކުން އެ މައްސަލައިގައި ދަށު ކޯޓުން ކުރާ ޙުކުމުގައި ޤާނޫނީގޮތުން ކުށެއް ހެދިފައި އޮވެގެން އެ މައްސަލަ ބެލުން ފިޔަވައި، މީހެއްގެ މައްޗަށް ވަކި ކަމެއްގެ މައްޗަށް ހިންގާފައިވާ ޝަރީޢަތެއް ދެވަނަ ފަހަރަށް އެހެން ކޯޓެއްގައި އަލުން ބަލައި ހިންގުމަކީ ޝަރީޢަތްކުރުމުގެ އުސޫލުތަކާއި އިންސާނީ ޙައްޤުތަކުގެ އުސޫލުތަކާއި ޚިލާފުކަމެއްކަން.