ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2021/SC-A/08
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 03/03/21
ފަނޑިޔާރުން
ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ.މުޙައްމަދު އިބްރާހިމް
މައްސަލައިގެ ޚުލާސާ
31 ޑިސެންބަރު 2019 ދުވަހު ކްރިމިނަލް ކޯޓުން ނެރެފައިވާ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރުގެ ދަށުން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޕާސްޕޯޓް ހިފެހެއްޓިއިރު، ވ.ތިނަދޫ، ރެޑްހައުސް ޢާފިޔާ މޫސާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ. ޢާފިޔާ މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފުލުހުން ކުރި ދެ ތުހުމަތަކީ އެޗް.ޑީ.ސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓު އެޅުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަޅަންޖެހޭ ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފުރިހަމަނުކޮށް މަކަރާ ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ނަގާފައިވުމާއި، އެ މުއާމަލާތާއި ގުޅިގެން ކްރެޑިޓް ސުއިސްގެ ސައްހަ ނޫން ޕާފޮމަންސް ބޭންކް ގަރަންޓީއެއް އެޗް.ޑީ.ސީއަށް ހުށަހަޅާފައިވުމެވެ. ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާކޮށްދިނުން އެދި 17 ފެބުރުވަރީ 2020 ދުވަހު ޢާފިޔާ މޫސާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެ ކޯޓުން ނިންމީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ބާޠިލުކުރަންޖެހޭ ސަބަބެއްނެތް ކަމަށެވެ. ކްރިމިނަލް ކޯޓުގައި ޢާފިޔާ މޫސާ ބުނެފައިވަނީ މިއީ މަދަނީ މައްސަލަތަކަކާ ގުޅުންހުރި ތުހުމަތުތަކެއް ކަމަށެވެ. ފުލުހުން ޖަވާބުގައި ބުނެފައިވަނީ މިއީ މަކަރާއި ހީލަތް ހެދުމާއި ރަސްމީ ލިޔުންތަކަށް ބަދަލު ގެނައުމުގެ ތުހުމަތުކުރެވޭ މައްސަލައެއް ކަމަށާއި، ޢާފިޔާ މޫސާ ފިލުމުގެ އިހުތިމާލު އޮތް ކަމަށާއި، ޑިރެކްޓަރުންގެ ތެރެއިން އެކަކު މިހާރުވެސް ފިލާފައިވާ ކަމަށާއި، ރެޑް ނޯޓިސް ނެރެގެންވެސް ހާޒިރުކުރެވިފައިނުވާ ކަމަށެވެ.ކްރިމިނަލް ކޯޓުގެ ނިންމުން ޢާފިޔާ މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. މިއީ ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ، ޢާފިޔާ މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1.ޖިނާއީ އިޖުރާއަތުގެ 75 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދޭ ފަރާތުން ގިރާކުރަންޖެހޭ ހެކީގެ މިންވަރަކީ ކޮބާ؟
2.ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ރ) ގެ 2 ނަންބަރުގައި ބަޔާންކުރާ "އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމުގެ ހެކި ލިބިފައިވުން" ސާބިތުކޮށްދިނުމަށް ބޭނުންކުރެވޭނެ ވަސީލަތްތަކަކީ ކޮބައިކަން؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައެޅުނު އުސޫލު
ޖިނާއީ މައްސަލައަކާއި ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުން - ތުހުމަތުކުރެވޭ މީހާގެ މައްޗަށް ކުށުގެ ތުހުމަތުކުރަން އެކަށީގެންވާ ހެކި ހުރި ކަމާއި އެމީހާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭކަމަށް ބެލެވޭ ސަބަބު އޮތްކަން ފަނޑިޔާރަށް ޤަބޫލުކޮށްދިނުމަށްޓަކައި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަށް އެދޭ ފަރާތުން ގިރާކުރަންޖެހޭ ހެކީގެ މިންވަރަކީ (ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖިހާދު މައްސަލައިގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގެ 24 ވަނަ ޕެރެގްރާފްގައި ކަނޑައަޅުއްވާފައިވާ އުސޫލު) އެކަށީގެންވާ ސަބަބެއް އޮތުންކަން. ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅުން މާނަކުރުން - ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ސަބަބު އޮތްކަން ނުވަތަ ނެތްކަން ބިނާވާނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގެ ވަށައިގެންވާ ޙާލަތްތަކުގެ މައްޗަށްކަން - ކުށުގެ ތުހުމަތު ކުރެވޭ މީހާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭކަމަށް ބެލެވޭ ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ބެލުމަށްޓަކައި ތިރީގައިވާ ކަންކަމަށް ބެލިދާނެކަން: - އެމީހަކު ކުރި ކުށުގެ ބާވަތަކީ ކޮބައިކަން. (ކުށުގެ ބާވަތަކީ ކޮބައިކަން ބެލުމުގައި ޓެރަރިޒަމްގެ ކުށާއި، ކޮރަޕްޝަންގެ ކުށާއި، ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ޖިންސީ ކުށާއި، މީހުން މެރުމުގެ ކުށް ފަދަ ބޮޑެތި ކުށްކުށަކީ ކުށުގެ ތުހުމަތުކުރެވޭ މީހާކު ޝަރީޢަތަށް ނުވަތަ ތަޙްޤީޤަށް ފިލާނެ ކަމަށް ބެލެވިދާނެ ކުށްކަން) - އެމީހަކީ ކުރިންވެސް ކޯޓަށް ނުވަތަ ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ފިލައިގެން އުޅެފައިވާ މީހެއްކަން. - އެކުގައި ކުށްކުރި މީހާ ނުވަތަ މީހުންނަކީ އެ ކުށާ ގުޅިގެން ތަހުޤީޤީ އިދާރާއަކަށް ފިލައިގެން އުޅޭ މީހެއްކަން. - ކުށްކުރި މީހާއަކީ ފިލައިގެން ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ ވަޞީލަތެއް ނުވަތަ އެހީތެރިއެއް ނުވަތަ މާލީ ތަނަވަސްކަން ހުރި ފަރާތެއްކަން. - ކުށުގެ ތުހުމަތުކުރެވޭ މީހަކީ މުޖުތަމައުގައިވާ އެމީހާގެ މަޤާމަށް ބަލައި އެމީހާ ޝަރީޢަތާ ނުވަތަ ތަހުޤީޤަށް ކުރިމަތިލާން ފަސްޖެހިދާނެ ބާވަތުގެ މީހެއްކަން. |