ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. .

ޤަޟިއްޔާ ނަންބަރު:
2020/SC-A/20
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ދަޢުވާކުރުމުގެ މުއްދަތު
ނިމުނު ތާރީޚު:
16/10/23

ފަނޑިޔާރުން

ޑރ.އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢަލީ ރަޝީދު ހުސައިން

މައްސަލައިގެ ޚުލާސާ

ޓެކްސްއާ ގުޅުންހުރި މައްސަލަތަކެއްގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ސ.ހުޅުދޫ، ނޫރީގެ، މުޙައްމަދު ޙިސާން އާއި، ހޮސްޕިޓާލިޓީ ޑިޕޮޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޕީޖީ އޮފީހުން 7 ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. ދަޢުވާ ތައް ކްރިމިނަލް ކޯޓުން ބަލައި ނުގަނެ އެ ކޯޓުގެ ރަޖިސްޓްރަރ ނިންމާފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާ ތަޠުބީޤު ކުރަންޖެހޭނީ އެ ޤާނޫނުގައި ހުރި ކުށްތަކަށް ކަމަށާއި،ޤާނޫނުލްޢުޤޫބާތުން ދަޢުވާކުރާ މައްސަލަތަކުގައި ހިނގާނީ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ މުއްދަތު ކަމަށެވެ. މި ނިންމުމަށްވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ތާއީދުކުރައްވާފައެވެ. ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހި ރާއްޖޭގެ ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ ނިންމުމަށް ތާއީދުކޮށްފައެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން، ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

ޤާނޫނުލްޢުޤޫބާތަށް އިސްކަންދޭންޖެހެނީ ކޮން ޙާލަތެއްގައި؟

ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާއާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އާ ދެމެދު ފުށުއެރުމެއް އެބައޮތްތަ؟

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި މުއްދަތު ގުނާނީ ކިހިނެއް؟

ޓެކްސްގެ މައްސަލައެއްގައިޤާނޫނުލްޢުޤޫބާތުން ދަޢުވާކުރާ ޙާލަތުގައި މުއްދަތު ގުނާނީ ކިހިނެއް؟

ޚާއްޞަ ޤާނޫނުތަކާއި ޚާއްޞަ އުޞޫލުތަކުގެ މަޤްސަދު އަދި ޤާނޫނުތައް މަސްހުނިކުރުމުގެ ނަތީޖާއަކީ ކޮބާ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޤާނޫނުލްޢުޤޫބާތަށް އިސްކަންދިނުން

ޤާނޫނުލްޢުޤޫބާތުގެ 18 ގެ (ށ) : ޤާނޫނުލްޢުޤޫބާތަށް އިސްކަންދޭންޖެހޭނީ ދެ ޤާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާއި އެއްވެސް ފުށުއެރުމެއްވާ ޙާލަތުގައިކަން.

ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާ އާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާ

ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތަކާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދަގެ ދަށުން ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ތަފާތުކަން.

- ޤާނޫނު ހިންގުމަށާއި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށްތަކާއި ޓެކްސް ދެއްކުމުން އެއްކިބާވުމާ ގުޅޭ މައުލޫއީ ކުށްތަކަކީ އޭގެ ޒާތުގައި ތަފާތު ދެ ކަމެއްކަން.

- ދެ ޤާނޫނުގައި ކުށް ތަޖުރީމް ކުރެވިފައިވާ މާއްދާތައް އެއްގޮތްކަމުން އެއް ޤާނޫނުން އަނެއް ޤާނޫނަށް ފަސޭހައިން ހިޖުރަކުރެވޭނެ ނުވަތަ ބަދަލުގައި ބޭނުންކުރެވިދާނެ މާއްދާތަކެއް ކަމުގައި ނުފެންނަކަން.

- ދެ ޤާނޫނުގެ ދަށުން އުފުލޭނެ ދަޢުވާތަކަކީ މައްސަލައިގެ ވާޤިއާތަކުގެ ގޮތުގެ އެއް ޤާނޫނަކުން ސާބިތުކުރެވުނު ނަމަވެސް އަނެއް ޤާނޫނުގެ ދަށުން ސާބިތުނުވެދާނެ ދަޢުވާތަކެއްކަން.

ދަޢުވާކުރުމުގެ މުއްދަތު (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާ)

- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާގައިވަނީ އެ ޤާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފައިވާ މީހަކާމެދު އެ ޤާނޫނުގެ ދަށުން އެޅުމަށް ހުއްދަ ފިޔަވަޅެއް އެޅޭނެ މުއްދަތު ގުނާނެ ގޮތްކަން.

- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާ ހިނގާނީ އެ ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ކުށްތަކާ ގުޅިގެން އުފުލާ ދަޢުވާތަކުގައިކަން.

- ވަކި ޤާނޫނަކުން ދަޢުވާކުރުމަށް ނިންމާ ހިސާބުން ހިނގާނެ ޢާންމު އުސޫލަކީ އެ ޤާނޫނުގައި ދެން ހުރި މާއްދާތައްވެސް މައްސަލައިގެ މައްޗަށް ހިނގުންކަމަށްވާތީ ޤާނޫނުލްޢުޤޫބާތުން ދަޢުވާކުރާނަމަ، އެ ޤާނޫނުގައި ހުރި ހުރިހާ މާއްދާއެއް (މުއްދަތު ކަނޑައަޅާ މާއްދާތައް ހިމެނޭގޮތުން) ހިނގަން ފަށާނެކަން.

ޤާނޫނުތައް މަސްހުނިކުރުމުގެ ނަތީޖާ

ޤާނޫނެއްގެ ވަކި މާއްދާތަކަކަށް ޢަމަލުކޮށް އަނެއްބައި މާއްދާތަކަށް ޢަމަލުކުރަން ނުޖެހޭކަމަށް ކަނޑައެޅުމުގެ ނަތީޖާއަކަށްވާނީ ޤާނޫނުގެ ސިޔާދަތު ގެއްލި، ޤާނޫނުގެ ބޭނުން ނެތިގޮސް، އެކި މައްސަލައިގައި އެކި ގޮތަށް ޢަމަލުކުރެވި، ދަޢުވާކުރުމާގުޅޭ އުޞޫލުތައް ބޮޑު އޮޅުންގަނޑެއްގެ ތެރެއަށް ވެއްޓިގެން ދިއުންކަން.

ޚާއްޞަ ޤާނޫނުތަކުގައި ޚާއްޞަ އުސޫލުތައް ކަނޑައަޅާފައިވަނީ ޢާންމު ޤާނޫނުން ހައްލު ހޯދައިނުދޭ ޚާއްޞަ ޙާލަތަށް ޙައްލު ހޯދައިދިނުމަށްކަން.

އެއްގޮތަކަށް ތަޖުރީމުކޮށްފައިވާ ޢަމަލެއްގައިވެސް، ވަކި ޤާނޫނެއް ޚިޔާރުކުރަން ނިންމާ ހިސާބުން، އެ ޤާނޫނެއްގައި އެނޫންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ ޤާނޫނުގެ ކަމާގުޅުންހުރި ދެން ހުރި މާއްދާތައްވެސް މައްސަލައިގެ މައްޗަށް ހިނގާނެކަން.

ޚާއްޞަ އުސޫލުތައް ޚިޔާރުނުކޮށް، ޢާންމު އުސޫލުތަކަށް ޤާނޫނުގެ ބޭނުން މާއްދާތަކެއް ތަތުބީޤުކޮށް، ދެން ހުރި މާއްދާތަކަށް ޢާންމު ޤާނޫނުގެ ބައިތައް ތަތުބީޤުކުރުމުގެ ނަތީޖާއަކީ ވަކި ޤާނޫނުތަކަކުން މައްސަލަތަކަށް ހައްލުދޭ ނިޒާމު ނުވަތަ ޤާނޫނު ތަސައްވުރުކުރާ އޮނިގަނޑުތަކުގެ ބާރު ކަނޑުވާލައި، ޤާނޫނުގެ މަޤުސަދާއި ނެރެން ބޭނުންވާ ނަތީޖާ މާޔޫސް ކޮށްލުންކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ