ދިވެހި ދައުލަތް ވ. އަޙްމަދު އަދީބު ޢަބްދުލްޣަފޫރު

ޤަޟިއްޔާ ނަންބަރު:
2019/SC-A/02
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
02/05/19

ފަނޑިޔާރުން

ޢަބްދުﷲ ޢަރީފު، އާދަމް މުޙައްމަދު ޢަބްދުﷲ، ޢަބްދުލް ޣަނީ މުޙައްމަދު

މައްސަލައިގެ ޚުލާސާ

ހ.ސާމަރާ އަހްމަދު އަދީބް ޢަބްދުލްޢަފޫރު ޖަލުގައި ބަންދުކުރެވުނު ފަހުން، އަޙްމަދު އަދީބް ޢަބްދުލްޢަފޫރުގެ ޞިއްޙަތަށް ނުރައްކާވާ ބަލިތަކެއް ހުރިކަމަށް ޑޮކްޓަރުން ކަށަވަރުކޮށް ދީފައިވާކަމަށާއި، އެ ބަލިތަކަކީ ރާއްޖެއިން ފަރުވާކުރެވެން ނެތް ބަލިތަކެއް ކަމަށާއި، ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފަރުވާ އަޙްމަދު އަދީބު ޢަބްދުލްޢަފޫރަށް ދެމުން ނުގެންދާތީ އަޙްމަދު އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ އިންތިޒާމް ހަމަޖެހުމާ ހަމައަށް އޭނާ ގޭ ބަންދަށް ބަދަލުކޮށް ދެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާއި، މިނިސްްޓްރީ އޮފް ހޯމް އެފެއާޒްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަދި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްދެއްވުން އެދި އަޙްމަދު އަދީބު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. "ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ޞިއްޙީ މަރުކަޒު ފިޔަވައި ރާއްޖޭގެ ޞިއްޙީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ޤަވައިދު" ގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއާތްތައް އަޙްމަދު އަދީބު ޢަބްދުލްޢަފޫރުގެ ފަރާތުން  ފުރިހަމަކޮށްފައިވާކަން އެނގެން ނެތަތީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.

މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އަހްމަދު އަދީބް ޢަބްދުލްޢަފޫރު އިސްތިއުނާފުކުރުމުން، އަޙްމަދު އަދީބް ޢަބްދުލްޢަފޫރުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް އޭނާގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ފާޅުކަންބޮޑު ގޮތެއްގައި ފެންނަން އޮތަތީއާއި ވަގުތީ އަމުރު ނެރުމުގައި ޝަރިއަތުގެ ފަރާތުން ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ މައްޗަށް ބަލައި ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ވަކިގޮތެއް ކަނޑައަޅަންދެން އަޙްމަދު އަދީބް ޢަބްދުލްޢަފޫރު ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކުރިއެވެ.

މިއީ ހައިކޯޓުގެ ވަގުތީ އަމުރު ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އިލްތިމާސްކުުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

އަޙްމަދު އަދީބު ޢަބްދުލްޢަފޫރުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ހުށަހެޅުމަކީ ވަގުތީ އަމުރެއް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބެލަންޖެހޭ ޢާންމު ޝަރުޠުތައް ފުރިހަމަވާ ހުށަހެޅުމެއްތޯ؟

ނިންމިގޮތް

ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރެއް ނެރިއްވާފައިވަނީ އަޙްމަދު އަދީބު ޢަބްދުލްޢަފޫރުގެ ފަރާތުން ހުށަހެޅުނު ކަމާބެހޭ ޑޮކްޓަރުން ދެއްވާފައިވާ ލިޔުންތަކަކުގެ މައްޗަށް އެފަދަ އަމުރެއް އެޙާލަތުގައި ނުނެރެފިނަމަ އަޙްމަދު އަދީބް ޢަބްދުލްޢަފޫރުގެ ސިއްޙީ ޙާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިޙްތިމާލްއޮތްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ބުރަވެވިގެންކަމަށް ވާތީ ހައިކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ވަގުތީ އަމުރުތަކާއި ޙުކުމްތައް ނެރުމުގައި ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރަކީ އެއްވެސް ޤާނޫނީ ނިޒާމެއްގައި މުތުލަޤު ބާރެއް ނޫންކަމާއި، އެފަދަ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ އާންމު ޝަރުތުތަކެއްވާކަން: (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު ދަމަހައްޓާފައިވޭ)

1. ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެގެންވުން: މިފަދައިން އިހްތިމާލް އޮތްކަމަށް ބެލެވޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ހިމާޔަތްކުރާ ޤާނޫނީ ޤާއިދާއެއް އޮތުމުގެ އިތުރުން، ވަގުތީ އަމުރަށް އެދި ހުށަހަޅާ ފެކްޓްސްތަކަކީ އެފަދަ އިހްތިމާލެއް އޮތްކަން ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ފެކްޓްސްތަކަށްވާނަ.

2. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން: އިއާދަނުކުރެވޭނެ ނުރައްކަލަކާ ދަޢުވާއާ ގުޅިގެން ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާންޖެހިފައިވާނަމަ.

3. ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަ (capacity) / ހައިސިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތަކަށްވުން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ