ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމު
- ޤަޟިއްޔާ ނަންބަރު:
- 2016/SC-JC/06
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަރު
- ނިމުނު ތާރީޚު:
- 24/06/16
ފަނޑިޔާރުން
ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފު، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާސާ
ހ. ލޮބީ، ޙުސައިން ހުމާމް އަޙްމަދު އިތުރު ބަޔަކާއެކު ރ.އުގޫފާރު، ގުލްފާމުގެ ޑރ.އަފްރާޝީމް ޢަލީއަށް ޙަމަލާދިނުމަށްޓަކައި ރޭވުމަށްފަހު، 01 އޮކްޓޫބަރު 2012 ދުވަހު ހ.ފުންވިލު ގެއަށްގޮސް، ޑރ.އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވާތީ، އޭނާގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުނެވެ. ޙުސައިން ހުމާމް އަޙްމަދު މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ކުށަށް އިޢުތިރާފުވެ، ކުށުގެ ޢަމަލާއި ގުޅޭ ވާޤިއާތަކަށް އިޤުރާރުވެފައިވެއެވެ. އެހެންނަމަވެސް އެ އިޢުތިރާފުން ޙުސައިން ޙުމާމް ޝަރީޢަތުގެ މަޖިލީހުގައި ވަނީ ރުޖޫޢަވެފައެވެ.
އެކި ފަހަރުމަތިން ޙުސައިން ހުމާމް އަޙްމަދުވީ އިޢުތިރާފާއި، މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ހެކި ޤަރީނާ ވަޒަންކޮށް ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ނިންމައި، ޙުސައިން ހުމާމް އަޙްމަދު މަރަން ޙުކުމްކުރިއެވެ. މިއީ ޤިޞާޞްގެ މައްސަލައަކަށްވާތީ، މި ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށް ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުންވެސް ޙުސައިން ހުމާމް އަޙްމަދު މަރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ތާއީދުކުރިއެވެ.މިއީ ހައިކޯޓުން ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި ޕީޖީ އޮފިހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފަށް ދެވޭ ބުރަދަނަކީ ކޮބައި؟
2. ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުން ރުޖޫޢަ ވުމާއި ގުޅޭ ގޮތުން އިސްލާމީ ފިޤުހުގައި ބުނާ ގޮތަކީ ކޮބައި؟
3. ޝަރީޢަތަށް ހެކިން ޙާޟިރުކުރުމުގައި ބަލާ މިންގަނޑަކީ ކޮބައި؟
4. ޤިޞާޞްގެ މައްސަލަތަކުގައި ވާރިޘުންގެ ތެރޭގައި ތިބޭ ބާލިޣު ނުވާ ކުޑަކުދިން ތިބިނަމަ ކަންކުރާނެ ގޮތަކީ ކޮބައި؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފް
- ބުއްދި ސަލާމަތުންހުރެ، މަޖުބޫރުކަމެއްނެތި ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފަކީ ޝަރީޢަތުން އެއަށް ޢަމަލުކުރަންޖެހޭ ޞައްޙަ އިޢުތިރާފެއްކަން.
- މަޖުބޫރުކޮށްގެން ނުވަތަ ޤާނޫނާ ޚިލާފަށް ހޯދާ އިޢުތިރާފު ޝަރީޢަތަށް ބަލައިނުގަނެވޭނެކަން.
އިޢުތިރާފުން ރުޖޫޢަވުން
- ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުން ރުޖޫޢަވާ ޙާލަތުގައި ފިޤްހުގައި އެ އިޢުތިރާފު ޤަބޫލުކުރުމާއި ނުކުރުމުގައި 2 ޙާލަތެއްވާކަން:
1. ހަމައެކަނި ﷲ ގެ ޙައްޤު އެކުލެވޭ ކަމެއްގައިވެވޭ އިޢުތިރާފު. (މިސާލު: ހައްދު ކަނޑައެޅިފައިވާ ޒިނޭގެ ކުށް) ﷲ ގެ ޙައްޤެއް އެކުލެވޭ ކަމެއްގައި އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ، އެކަމުގެ މައްޗަށް ބުރަދަން ދެވިދާނެކަން.
2. އާދަމުގެ ދަރިއެއްގެ ޙައްޤެއް އެކުލެވޭ ކަމެއްގައިވެވޭ އިޢުތިރާފު. ޤިޞާޞްފަދަ އާދަމުގެ ދަރިންގެ ޙައްޤު އެކުލެވޭ ކަންކަމުގައި އިޢުތިރާފުން ރުޖޫޢަނުވެވޭނެކަން.
ހެކިން ޙާޟިރު ކުރުން
- ޝަރީޢަތުގެ މަޖިލީހަށް ހެކިން ޙާޟިރުކުރުމަކީ ވަކި ހަމަތަކެއްގެ މަތިން ޝަރީޢަތަށް ހުށަހެޅޭ، އަދި ވަކި ހަމަތަކެއްގެ މަތިން ކޯޓުން ބަލައިގަނެވޭ ކަމެއްކަން. މައްސަލައެއްގެ ޚަސްމަކު ކޯޓަށް ޙާޟިރުކުރަން ބޭނުންވާ ކޮންމެ މީހަކު ކޯޓަށް ޙާޟިރުކޮށް އެ މީހެއްގެ ބަޔާން ނެގުން ކޯޓުގެ މައްޗަށް ލާޒިމް ކޮށްފައިނުވާކަން.
ބާލިޣުނުވާ ކުޑަކުދިން ވާރިޘުންގެ ގޮތުގައި ތިބޭ ޙާލަތު
- އަހުލުއް ސުންނަތި ވަލްޖަމާޢަތުގެ އިސްލާމީ ފިޤުހުގެ މަޒުހަބުގެ ތެރެއިން ޝާފިޢީ އަދި ޙަންބަލީ މަޒުހަބު ބުރަވެފައިވަނީ، މަރާލެވުނު މީހާގެ ވާރިޘުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖެއް ހުރިނަމަ، އެ ކުއްޖާ ބާލިޣުވެ ތަޞައްރަފު ފުދެންދެން. ޤާތިލުގެ ކިބައިން ޤިޞާޞް ފަސްކުރުންކަން.
- ޝާފިޢީ އަދި ޙަންބަލީ މަޒުހަބުން ބުރަވަނީ، ވާރިޘުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖެއް ހުރިކަމުގައިވީނަމަވެސް ވާރިޘުންގެ ތެރޭގައި ބާލިޣުވެ ތަޞައްރަފު ފުދިފައިވާ މީހުން ޤިޞާޞް ހިފުމަށް އެދޭ އެދުމާއި ގުޅިގެން ޤިޞާޞް ހިފުމަށް ޤާޟީ ޙުކުމް ކޮށްފިނަމަ އެ ސަބަބަށްޓަކައި އެ ޙުކުމެއް ބާޠިލު ނުކުރެވޭނެކަން.
- އިމާމް އަބޫ ޙަނީފާއާއި އިމާމް މާލިކުގެ ރައުޔަކީ،ޤިޞާޞް އަކީ، އަނިޔާވެރި ގޮތުގައި ގަސްދުގައި މަރާލެވުނު މީހާގެ ވާރިޘުންގެ ތެރެއިން ކޮންމެ ވާރިޘަކަށްމެ، މުސްތަޤިއްލު ގޮތުގައި ލިބިގެންވާ ޙައްޤެއްކަމުން، ވާރިޘުންގެ ތެރެއިން ބާލިޣުވެފއިވާ މީހުން ޤިޞާޞް ހިފުމަށް އެދޭނަމަ އެމީހުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖެއް ހުރި ކަމުގައި ވީނަމަވެސް ކުދިން ބާލިޣުވަންދެން ޤިޞާޞް ހިފުން ފަސްކުރަން ނުޖެހޭކަން.