ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޚުޒައިމަތު ނަޢީމް

ޤަޟިއްޔާ ނަންބަރު:
2021/SC-A/87
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
މަސްތުވާތަކެތި ޓްރެފިކްކުރުން
ނިމުނު ތާރީޚު:
24/03/22

ފަނޑިޔާރުން

މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޑރ.މުޙައްމަދު އިބްރާހިމް

މައްސަލައިގެ ޚުލާސާ

2016 އޮކްޓޫބަރު 10 ވަނަ ދުވަހު، ކެނެރީމަގުގައި ހ.ބްރެޑްލީ، ޚުޒައިމަތު ނަޢީމް މަސްތުގެ ޙާލަތުގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރިއިރު، ޚުޒައިމަތު ނަޢީމް ލައިގެންހުރި ޖަނގިޔާގެ ތެރެއިން މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓަށް ބަލާއިރު، އެ ދަޅުގައި ހުރި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 17.2872 ގްރާމް ހުރި ނަމަވެސް، މިތަކެތީގައި އެކުލެވިގެންވަނީ 11.3454 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލް އާއި 1.0554 ގްރާމް ކެނެބޯލްއެވެ. ދަޅުގައިވާ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަށް ބުރަވެ، ދައުލަތުން ޚުޒައިމަތު ނަޢީމްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލިއެވެ.

ކްރިމިނަލް ކޯޓުގައި ޚުޒައިމަތު ނަޢީމް ދަޢުވާއަށާއި، ފެނުނު ތަކެތީގެ ޖުމްލަ ބަރުދަނަށް އިންކާރުކުރާ ކަމަށް ބުނެފައިވެއެވެ. ޚުޒައިމަތު ނަޢީމް އިންކާރުކުރުމާ ގުޅިގެން މަސްތުވާތަކެތި ތަޙްލީލުކުރި ފަރާތުގެ ހެކިބަސް ނެގުމުން، ރިޕޯޓަކީ ޞައްޙަ ރިޕޯޓެއް ކަމަށް ބުނެ، ރިޕޯޓުގައިވާ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނާއި، އެކުލެވިގެންވާ ބަރުދަން ސާފުކޮށްދީފައިވެއެވެ. ކްރިމިނަލް ކޯޓުން މައްސަލަ ސާބިތުވާކަމަށް ޙުކުމްކުރީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީއެވެ.

ޚުޒައިމަތު ނަޢީމް މި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައ އިސްތިއުނާފުކުރުމުން، މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުގައި އިމްޕިއުރިޓީސް އާއި ފިލްމު ހުސްކުރި ދަޅުގެ ބަރުދަނާއި ގުޅިގެން ތަފްޞީލު ނެތްކަމަށް ބަޔާންކޮށް، ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަހުގައި ރިޕޯޓުގައި ނެތް ކަންކަން ފާހަގަކޮށްފައިވާތީ އެކަންކަން ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައި، ޖުމްލަ ބަރުދަނާއިމެދު ސުވާލު އުފައްދައި، އެކުލެވިގެންވާ ބަރުދަން ސާބިތުކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލްކަމަށް ކަނޑައެޅިއެވެ.

މިއީ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ގުޅުހުންހުރި ހެކި ކަމުގައި ކަނޑައަޅާނީ ކިހިނެއްތޯ؟

2. ހެކިބަސް ފުށުއެރުމުގެ ނަތީޖާއަކީ ކޮބައިތޯ؟

3. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގައިވާ ގޮތަށް މަސްތުވާތަކެތީގެ ބަރުދަން ބަލާނީ ކިހިނެއްތޯ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމް ބާޠިލްކޮށް، ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ގުޅުންހުރި ހެކި ބަލައިގަތުން   (Relevancy of Facts)

- މައްސަލައާ ނުވަތަ ވާޤިއާއަކާ ސީދާ ގުޅުން ހުރި ހެއްކެއް ކަމުގައި ވާނަމަ އެއީ ގުޅުންހުރި ހެއްކެއް ކަމުގައި ބަލަންވާނެކަން.

- މައްސަލައިގެ ވާޤިއާއާ ނުވަތަ ޝަރީޢަތުގެ ކުރިމަތީގައި އެ ވާޤިއާއެއް ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވާ ވާޤިއާއާ އެ ހެއްކާ ސީދާ ގުޅުމެއް ނެތް ނަމަވެސް، އެ ހެކީގެ ސަބަބުން އެ ވާޤިއާއާމެދު ގޮތެއް ނިންމުމަށް ޝަރީޢަތަށް ފަސޭހަވެގެންދިއުމުގެ ސަބަބުން، ނުވަތަ އެ ހެކީގެ ސަބަބުން ހުށަހެޅިފައިވާ އެހެން ހެއްކަކަށް ދެވޭ ބުރަދަން ބޮޑުވުމުގެ ސަބަބުން އެ ހެއްކަކީ ގުޅުންހުރި ހެއްކެއް ކަމުގައި ކަނޑައެޅިދާނެކަން.

ހެކިބަސް ފުށުއެރުން

ފުށުއެރުމުގެ ސަބަބުން ހެކިބަހަށް ބުރަދަން ނުދީ އެއްފަރާތް ކުރުން ނުވަތަ ހެކިބަހަށް އަސަރުނުކުރާ ފުށުއެރުމަކަށްވުން ބިނާވަނީ ހެކިބަހުގައިވާ ތަފާތަށް ބަލައިގެންކަން.

ދެ ފަރާތުގެ ސުވާލުތަކަށް ތަފްޞީލްކޮށް، ތަކުރާރުކޮށް އެއްގޮތަކަށް ހެކިބަސްދޭ ޙާލަތުގައި، އެންމެ ފަހަރަކު އެއާ ޚިލާފަށް ހެކިވެރިޔާ ބަހެއް ބުނުމަކީ، މައްސަލައިގެ ޚަޞްމުން ހެކިވެރިޔާއާ ސުވާލުކޮށް ދެ ފަހަރު ދެ ގޮތަކަށް ހެކިވެރިޔާ ބުނަން މެދުވެރިވި ސަބަބެއް ތަފުސީލުކުރެވިފައިނުވާނަމަ، އެ ތަފާތަކުން ހެކިބަހަށް އަސަރެއްނުކުރާނެކަން.

 

މަސްތުވާތަކެތީގެ ބަރުދަން

- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގެ ބޭނުމަށްޓަކައި މަސްތުވާތަކެތި އެއްކޮށްފައިވަނީ ކޮން ބާވަތްތަކަކާއިކަން ބަރުދަން ބެލުމުގައި ބެލިފައި އޮތުން ޤާނޫނު ލާޒިމު ނުކުރާކަން.

- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގެ ބޭނުމަށްޓަކައި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ މަސްތުވާތަކެއްޗާއި، އެއާ އެއްކޮށްފައިހުރި ހުރިހާ އެއްޗެއްގެ ޖުމްލަ ބަރުދަންކަން.

- ޤާނޫނުގެ ބޭނުމަށްޓަކައި މަސްތުވާތަކެތި ތަޙްލީލު ކުރުމުގައި، ތަޙްލީލު ކުރެވޭ މަސްތުވާތަކެތީގެ ސާމްޕަލެއްގައި އިމްޕިއުރިޓީސް ހުރުމާއި ނެތުމަކީ، އެ ސާމްޕަލުން ޖަދުވަލު 01 ގައިވާ މަސްތުވާއެއްޗެއް ފެންނަ ޙާލަތުގައި އިތުރު ނަތީޖާއެއް ނުނުކުންނާނެކަން.

- މަސްތުވާތަކެއްޗާ އެއްކޮށްފައިވާ ބާވަތަކީ ނުވަތަ ބާވަތްތަކަކީ ކޮބައިކަން ތަޙްލީލު ރިޕޯޓުގައި ބަޔާންވެފައި ނެތުމަކީ ޤާނޫނީ ގޮތުން އެ ރިޕޯޓުގައި ހުރި އުނިކަމެއް ނޫންކަން.

-މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުގައި ބަރުދަނުގެ ގޮތުގައި ބަޔާންކުރާ ޢަދަދު ގެނެވިފައިވާ ގޮތް ރިޕޯޓު ތައްޔާރުކުރި ފަރާތުން އެއްގޮތަކަށް ސާފުކޮށް ބުނެދިނުމުން ފުދޭކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ