މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2020/SC-A/84
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
މަރު
ނިމުނު ތާރީޚު:
17/03/22

ފަނޑިޔާރުން

ޑރ.އަޒްމިރާލްދާ ޒާހިރު، ޙުސްނުއް ސުޢޫދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒް ޢަލީ ޒާހިރު، ޑރ.މުޙައްމަދު އިބްރާހިމް

މައްސަލައިގެ ޚުލާސާ

20 ޑިސެންބަރު 2009 ދުވަހުން ފެށިގެން މ.ކުރަހާގޭގެ ކޮޓަރިއެއްގައި އުޅުނު އުޅުމުގައި، ލ.ކަޅައިދޫ، އޯޝަންވިލާ، މުޙައްމަދު ނަޖާހު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލ.ގަން، ތުނޑީގެ މަޔްރަމް ޝީރީން މަރާލާފައިވާތީ، މުޙައްމަދު ނަޖާޙުގެ މައްޗަށް ދައުލަތުންވަނީ ޤަސްދުގައި މީހަކު މަރާލުމުގެ ދަޢުވާ އުފުލިއެވެ. މި ދަޢުވާ 2010 ވަނަ އަހަރު އުފުލާފައިވަނީ އެއްވެސް ޤާނޫނަކާ ޙަވާލާނުދީއެވެ. ކްރިމިނަލް ކޯޓުން ޙުކުމްކުރީ ކުށް ސާބިތުނުވާކަމަށެވެ. މި ޙުކުމް ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުންވަނީ ދަޢުވާކޮށްފައިވާ ކުށް ނޫން އެހެން ކުށެއް، ޤަތްލު ޝިބްހު ޢަމްދު ސާބިތުވާކަމަށް ކަނޑައަޅާފައެވެ. މިއީ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި މުޙައްމަދު ނަޖާޙު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޤަރީނާ އިން މަރުގެ ކުށް ސާބިތުކުރެވޭނެ ކަން؟

2. ދަޢުވާކޮށްފައިވާ ކުށް ފިޔަވައި އެހެން ކުށެއް ސާބިތުވާކަމަށް ކަނޑައެޅިދާނެތޯ؟

3. މަރުގެ މައްސަލަތަކުގައި ދަ ލާސްޓް ސީން ތިއަރީ ބޭނުން ކުރެވިދާނެތޯ؟

4. ޤާނޫނު ނަންބަރު: 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ދަޢުވާ ކުރެވޭ މައްސަލަތަކުގައި، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އިން އަދަބު ކަނޑައެޅިދާނެތޯ؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޤަރީނާ

- ޤަރީނާތަކުގެ މައްޗަށް ބިނާކޮށް މަރުގެ ހުރިހާ ބާވަތެއްގެ ކުށް ސާބިތުކުރުން ހުއްދަކަން.ޤަރީނާއިން ސާބިތުކުރާ މަރުގެ މައްސަލަތަކުގައި ކުށްކުރި މޯޓިވް އޮތްކަން ޕްރޮސިކިއުޝަނުން ދައްކަންޖެހޭނެކަން.

- ޤަރީނާއިން ކުށް ސާބިތުކުރާނަމަ މައްސަލައިގެ ދަޢުވާގައި ހިމެނޭ މައިގަނޑު ވާޤިއާގެ ވަށައިގެންވާ އެންމެހައި ޙާލަތުތައް އެއްވެސް އުނިކަމެއް ނެތް މިންވަރަށް ފުރިހަމަވާންޖެހޭކަމާއި، ހެކީގެ ޗޭނުގައި ނުގުޅޭ ބޮޅެއް އޮވެގެންނުވާނެ ކަމާއި، މައިގަނޑު ވާޤިއާގެ ވަށައިގެންވާ އެންމެހައި ޙާލަތުތައް، މުއްތަހަމު ކުށްކޮށްފައިވާ ކަމުގެ ނަޒަރިއްޔާއާ މުޅީން އެއްކީލި ވާންޖެހޭނެ ކަމާއި، މައްސަލައިގައި ހިމެނޭ ހެކިތަކުން މުއްތަހަމު ކުށްކުރިކަމާމެދު ބުއްދީގެ ހަމައިން އެކަށީގެންވާ މިންވަރަށް ޤަބޫލުކުރެވުމާއި އެކަށީގެންވާ ބުއްދީގެ ހަމައަށް ފެތޭ އެހެން އެއްވެސް އިހުތިމާލެއް ނެތުން.

- މުއްތަހަމު ކުށްވެރިކުރުވާ ހާލަތުތައް ހުރެމެ، އެ ހާލަތުތައް މުއްތަހަމުގެ ކުރިމައްޗަށް ހުށަހެޅުމުން، ކަންވީގޮތް މުއްތަހަމު ބުނެ ނުދީފިނަމަ، ނުވަތަ ކިޔައިދީފައިވަނީ ރޯމަރުދޮގު ކަމުގައިވާނަމަ، އެކަމަކީ އޭނާއާ ދެކޮޅަށް ހުރި ހެކިތަކުގެ ޗޭނު ވަށައިޖައްސައި ބައްދައިދޭ ފަހު ބޮޅުކަން.

ދަޢުވާކޮށްފައިވާ ކުށް ފިޔަވައި އެހެން ކުށެއް ސާބިތުވާކަމަށް ކަނޑައެޅުން (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ޝަރަޙަ)

- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާ އޮތްގޮތުން ދަޢުވާ އުފުލާފައިވާ ފުރަތަމަ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވާ ޙާލަތުގައި، އޭނާގެ މައްޗަށް އެ ދެވަނަ ކުށުގެ ދަޢުވާ އުފުލިފައި ނުވިނަމަވެސް، އެ ކުށް ސާބިތުވާކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ކަނޑައެޅިދާނެކަން.

- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަނޑިޔާރުގެ ބާރު އިސްތިއުނާފީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ލިބިގެންވާކަން.

- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ބޭނުން ހިފުމުގައި، އެ މައްސަލައިގައި ޙުކުމްކުރުމުގެ ކުރިން މައްސަލައިގެ ދެ ފަރާތަށް ދުރާލައި އެކަމުގެ އެކަށީގެންވާ ނޯޓިސް ދިނުމާއި، އެކުށުގެ ތުހުމަތަށް ޖަވާބުދާރީވުމަށް ދަޢުވާ ލިބޭ ފަރާތަށް ފުރުސަތު ދިނުމާއި، ހެކިން އަލުން ހާޒިރުކުރަން އެއްވެސް ފަރާތަކުން އެދިއްޖެނަމަ އެ ފުރުސަތު ދޭންވާނެކަން.

- ދަޢުވާކޮށްފައިވާ ކުށް ނޫން އެހެން ކުށެއް ސާބިތުވާކަމަށް ނިންމަވަންވާނީ ހަމައެކަނި މައްސަލައިގެ ފައިލުގައި ހިމެނިފައިވާ ލިޔުންތަކާއި ޝަރީޢަތަށް ހާމަވާ ހެކީގެ މައްޗަށްކަން.

ދަ ލާސްޓް ސީން ތިއަރީ

- ކުށްކުރިގޮތް ނުވަތަ ކުށްކުރީ ކާކުކަން އެނގޭނެ ސީދާ ހެކި ނުހުންނަ ހާލަތުގައި، މަރުވި މީހާ ދިރިހުއްޓާ އެންމެފަހުން ފެނުނު ވަގުތު މަރުވިމީހާ އާއެކު ހުރި މީހާގެ ނަޒަރިއްޔާ (ދަ ލާސްޓް ސީން ތިއަރީ) ބޭނުންކުރެވިދާނެކަން.

ޤާނޫނު ނަންބަރު: 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ދަޢުވާ ކުރެވޭ މައްސަލަތަކުގައި، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އިން އަދަބު ކަނޑައެޅުން

- ޤާނޫނު ނަންބަރު: 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ އެ މާއްދާގެ (ރ) އިން ދަޢުވާކޮށްފައިވާ މައްސަލަތަކުގައި ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އިން އަދަބު ކަނޑައެޅުމަށް ހުރަހެއްނެތްކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ