ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނިޝާމް
- ޤަޟިއްޔާ ނަންބަރު:
- 2020/SC-A/61
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 19/05/21
ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، މަޙާޒް ޢަލީ ޒާހިރު، ޙުސްނުއް ސުޢޫދު
މައްސަލައިގެ ޚުލާސާ
15 ޖޫން 2019 ދުވަހުގެ ހެނދުނު ބ.ގޮއިދޫ، ރިހިވެލި އަޙްމަދު ނިޝާމް އޭނާގެ ލޯބިވެރިޔާގެ ގައިގާ ތަޅާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެން ހައްޔަރުކުރެވުނެވެ. އަޙްމަދު ނިޝާމް ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވަފާނެތ ކަމަށާއި، އޭނާގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބުނެ 15 ޖޫން 2019 ދުވަހު ފުލުހުން އޭނާ 15 ދުވަހަށް ބަންދުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރިއެވެ. ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ފުލުހުން ހުށަހެޅުމުން އިތުރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. ކްރިމިނަލް ކޯޓުގެ މި އަމުރު ބާތިލްކޮށްދިނުމަށް އެދި އަޙްމަދު ނިޝާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރިއެވެ.
މިއީ ހައިކޯޓުގެ ނިންމުން ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ މާނަކޮށް، އެ މާއްދާގެ ދަށުން ފަނޑިޔާރަކު ބަންދާމެދު ގޮތެއް ނިންމާއިރު ޢަމަލުކުރަންޖެހޭނީ ކިހިނެއް؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލްކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ
- ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކުރުމަށް ފަނޑިޔާރަކަށް އަމުރުކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަދި (ބ) ގެ ދަށުންކަން.
- (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަކު ޢަމަލުކުރަންޖެހޭ ގޮތަކީ: (ތާވަލު ޤަޟިއްޔާގައި)
1. 60 (ށ) : މީހާއާމެދު ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި، ބަންދުން ދޫކޮށްފިނަމަ (ށ) ގައި ބަޔާންކޮށްފައިވާ 4 ޙާލަތުގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރުން.
2. 60 (ނ) : މީހާއާމެދު ތުހުމަތުކުރެވޭ މިންވަރަށް ހެކި ނެތިފައި، (ށ) ގައި ބަޔާންކޮށްފައިވާ 4 ޙާލަތުގެ ތެރެއިން ޙާލަތެއް ނެތްނަމަ، އެއްވެސް ޝަރުތަކާ ނުލައި އޭނާ ބަންދުން ދޫކޮށްލުމަށް އެންގުން.
3 60 (ރ) : މީހާއާމެދު ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި، (ށ) ގައި ބަޔާންކޮށްފައިވާ 4 ޙާލަތުގެ ތެރެއިން ޙާލަތެއް ނެތްނަމަ، އޭނާ ކަފާލާތުން ދޫކުރުން ނުވަތަ ޝަރުތުތަކާއެކު ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވޭ.
4 60 (ބ) : މީހާއާމެދު ކުށް ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުރެފައި، (ށ) ގައި ބަޔާންކޮށްފައިވާ 4 ޙާލަތުގެ ތެރެއިން ޙާލަތެއް އޮތްނަމަ، 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، 15 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އޭނާ ބަންދުކުރުމަށް އަމުރުކުރުން.
5. 60 (ޅ) : މީހާއާ ކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހައިތަނަށް ނެތް ނަމަވެސް، ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްވެފައި، ޤާނޫނު ތަންފީޒުކުރާ އިދާރާއިން އޭނާ ބަންދުގައި ބަހައްޓަން ބޭނުންވުމާއި، މުއްދަތު ހަމަވުމުގެ ކުރިން ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރުކޮށްފައިވާނަމަ، 15 ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވޭ.
6. 60 (ކ) : މީހާ ބަންދުކޮށްފައިވަނިކޮށް، އޭނާ އެކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ، 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވޭ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަދި (ބ)
- މި ދެ އަކުރުގައި ބަޔާންކުރާ ޙާލަތަކީ: އާންމު ޙާލަތުގައި ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ބޮޑު ކުށަކަށްވާން ނުޖެހޭކަން.
- މި ދެ އަކުރުގެ ދަށުންވެސް ބަންދުގައި ބެހެއްޓޭނީ (ށ) ގައި ބަޔާންކޮށްފައިވާ 4 ސަބަބުންކުރެ ސަބަބެއް ވުޖޫދުގައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިގެންކަން.
- މި ދެ އަކުރުގެ ތަފާތަކީ: ތުހުމަތުކުރެވިފައިވާ މީހާއާ ދެކޮޅަށް ހުރި ހެކީގެ ނިސްބަތާއި އަޅަން އޮތް ފިޔަވަޅުކަން.
- (ށ) : ކުށުގެ ތުހުމަތުގައިވާ މީހާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަން ޖެހޭކަން.
- (ބ) : ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތް ކަމުގައިވިޔަސް، ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، ފަނޑިޔާރަށް ލިބިގެންވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، 15 ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރުކަން.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ) އަދި (ކ)
- ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރަނީ މި އަކުރުތަކުގައިކަން.
- (ޅ) : ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބަންދުކުރުމަށް ފަނޑިޔާރު ދީފައިވާ މުއްދަތު ހަމަވުމަށްފަހު އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާއިން ބޭނުންނަމަ، އޭނާ ބަންދު ކުރެވުނު މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރުކުރުމުން، އިތުރު މުއްދަތަކަށް ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން. އެހެންނަމަވެސް، ކުށާއި ގުޅުވައިދޭ އެކަށީގެންވާ ހެކި އެހައިތަނަށްވެސް ލިބިފައިނުވާނަމަ، އެފަދައިން އިތުރުކޮށްދޭ މުއްދަތު 15 ދުވަހަށްވުރެ އިތުރުވެގެން ނުވާނެކަން.
- (ކ) : ބަންދުކޮށްފައިވަނިކޮށް އެކަށީގެންވާ މިންވަރަށް ހެކި ލިބިއްޖެނަމަ ދެން އޭނާ 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން.
ފަނޑިޔާރުގެ ޒިންމާ އަދި އިޚްތިޔާރު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކުރާ ހުރިހާ ފަރާތެއް ބަންދުކުރުމުގެ ކުރިން، އެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކުރަންވާނެކަން.
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާ އެކުގައި ކިޔުމުން، ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހަކީ އެހެން ޝަރީޢަތުގެ މަޖްލިސްތަކާ އެއްގޮތަށް، ދެ ފަރާތުން ހުށަހަޅާ ކަންކަމަށް މައްސަލަ ބަލާ ފަނޑިޔާރު ރިޢާޔަތްކޮށް، ހެކި ހުށަހެޅިފައިވާނަމަ، އެ ހެއްކަށް ދެވޭ ބުރަދަން ވަޒަންކޮށް ނިންމުންތައް ނިންމަންޖެހޭ މަޖިލީހެއްކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައިވާ 4 ޙާލަތަކީ ޤާނޫނުއަސާސީގެ 49 ވަނަ މައްދާގައި ބަޔާންކުރާ ޙާލަތްތަކަށްވާތީ، ކުށުގެ ތުހުމަތުގައި މީހަކު ބަންދުގައި ބެހެއްޓުމަށް ނުވަތަ މިނިވަންކުރުމަށް ނިންމުމުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކުރަންޖެހޭނެކަން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ) އަދި (ކ) އަކީ މި މާއްދާގެ (ބ) ގެ ދަށުން ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށެއްނަމަ ޢަމަލުކުރަންޖެހޭ ގޮތް ކަމުން، މި މާއްދާގެ (ޅ) އަދި (ކ) ދަށުން ބަންދާމެދު ގޮތެއް ކަނޑައަޅާއިރުވެސް އެ މާއްދާގެ (ބ) އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކުރަންޖެހޭނެކަން.
- ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަދި (ކ) އިންކަން.
- އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ މާނަކުރާނީ "މަޤްސަދަށް ބެލުމުގެ އުސޫލު" ން ކަން: ޤާނޫނީ މާއްދާއެއް މާނަކުރާއިރު މުޅި މާއްދާގައި ބަޔާންކުރާ ކަންކަމަށާއި، އެ މާއްދާއަށް އަސަރުކޮށްފާނެ އެހެން މާއްދާ ތަކަށާއި، ޖުމްލްކޮށް ޤާނޫނުން ގެންނަން ބޭނުންވާ ބަދަލާއި ޤާނޫނުގެ މަޤްސަދަށް ރިޢާޔަތްކުރުން.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި "ފަނޑިޔާރު އަމުރުކުރަންވާނެ" މިފަދައިން އޮންނަ ޢިބާރާތް މާނަކުރަންވާނީ އިޚްތިޔާރެއްގެ ގޮތުގައިކަން އަދި އެފަދައިން އަމުރުކުރުން ފަނޑިޔާރަށް ލާޒިމުނޫންކަން.
ބަންދުކުރުން
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމާއިރު ބޭނުންކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޓެސްޓްކަން.
- ބަންދާމެދު ގޮތެއް ކަނޑައަޅާއިރު ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަށްވުން ލާޒިމްނޫންކަން.