ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝިމާޒް އަޙްމަދު

ޤަޟިއްޔާ ނަންބަރު:
2019/HC-A/576
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
23/10/25

ފަނޑިޔާރުން

މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން

މައްސަލައިގެ ޚުލާސާ

މި މައްސަލައަކީ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ މައްސަލައެކެވެ. ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު: 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ދަޢުވާ އުފުލި ސަބަބަކީ ޝިމާޒު އަޙްމަދު، 02 މާރިޗު 2010 ދުވަހުގެ 21:15 އެހައިކަށްހައިއިރު، ރަޖިސްޓަރީ ނަންބަރު: AA0B P8513 ސައިކަލުގައި، ބުރުޒު މަގުން އިރުން ހުޅަނގަށް ދުއްވާފައި ގޮސް، ބުރުޒުމަގުގެ ހުޅަނގު ދެކުނު ކަންމަތީން ބުރުޒުމަގުގެ ހުޅަނގު އުތުރު ކަންމައްޗާ ދިމާލަށް މަގު ހުރަސްކުރަމުން ދިޔަ މ. މޮޑަންހައުސް ޝަކީލާއާއި އޭނާގެ މާމަ ދަރިފުޅު ޢަބްދުﷲ ޔަމާން އަޙްމަދުއާ ދެމީހުން މަގުހުރަސް ކުރަނިކޮށް، މީނާ ދުއްވި ސައިކަލުން ޝަކީލާގެ ގައިގާ ޖެހި އެކްސިޑެންޓުވެފައިވާތީއާއި، މިއެކްސިޑެންޓުގެ ސަބަބުން ލިބުނު ގެއްލުމަށް ފަރުވާ ކުރަމުން ދަނިކޮށް ޝަކީލާ ނިޔާވެފައިވާތީއެވެ.

މި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިބަހުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވެއެވެ. މި ނިންމުމުގައި ހެކި ގަރީނާ ވަޒަންކުރެއްވި ގޮތް ރަނގަޅު ނޫންކަމަށް ފާހަގަކޮށް ދައުލަތުގެ ފަރާތުން ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާނެއެވެ.

އިޝޫ

މި މައްސަލާގައި ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމަށް ނުވުމެވެ. އަދި މައްސަލާގައި ނިޔާވި ފަރާތަށް ފަރުވާނުދެވި ގިނަ ވަގުތުތަކެއް ހޭދަވެފައިވީނަމަވެސް chain of causation ދެމިއޮތްކަމާއި، ހެކިންގެ ހެކިބަހުގައި ކުށް ސާބިތުނުކުރެވޭ ވަރުގެ ޖައުހަރީ ފުށުއެރުމެއްވެސް އުނިކަމެއްވެސް ނެތްކަމެވެ.

ނިންމިގޮތް

ކްރިމިނަލް ކޯޓުގެ ނަންބަރު: 1187/Cr-C/2010 ޤަޟިއްޔާއިން ކުށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި.

ކަނޑައެޅުނު އުސޫލު

ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކަކަށްޓަކައި މައްސަލާގައި ކްރިމިނަލް ކޯޓުގެ ނިންމެވުން ރަނގަޅުކަމަށް ބަޔާންކޮށް، އެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅިކަންކަމަށް ބަލައި މައިގަނޑު ގޮތެއްގައި ޝަރީޢަތުގެ ކުރިމަތީގައި އޮތީ ދެ ސުވާލުކަމާއި، އެއީ؛

  1. މައްސަލާގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ހެކިން ކަމުގައިވާ ޕޮރޭޝްއައި ޙަމްދޫން ޢަފީފްގެ ހެކިބަހުގައި ހުރި ތަފާތުތަކަކީ ޖައުހަރީ ތަފާތުތަކެއްކަން ނުވަތަ ނޫންކަމާއި،

  2. މައްސަލާގައި ހިމެނޭ އެހެން ހެކިތަކާއި، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތައް ގުޅުވާލުމުން ނިކުންނަ ނަތީޖާއަކީ ކޮބައިކަމެވެ.

މައްސަލާގައި ދެ ފަރާތުންވެސް އެކްސިޑެންޓް ހިނގިކަމަށް އެއްބަސްވާއިރު، ދެބަސްވާކަމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދުއްވަމުން ދިޔަ ސައިކަލު ދުއްވާފައިވަނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށްކަމާމެދުގައި ކަމެވެ. އެކަން ދެނެގަތުމަށްޓަކައި އިސްތިއުނާފު ރައްދުވާ ފަރާތުން ސައިކަލު ދުއްވާފައިވަނީ ބާރު ސްޕީޑްގައި ކަން ނުވަތަ ހުއްދަކޮށްފައިވާ ސްޕީޑަށްވުރެ ބާރަށްތޯއާއި ސައިކަލު ދުއްވާފައިވަނީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ބަލަންވާ މިންވަރަށް ނުބަލާކަން ސާބިތުކޮށް ދޭންޖެހޭނެކަމަށް ފާހަގަކުރައްވާފައިވެއެވެ.

މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދުއްވަމުން ދިޔަ ސައިކަލު ދުއްވި ސްޕީޑް އެއްވެސް ވަޞީލަތެއްގެ އަލީގައި ދެނެގަނެފައިނުވާތީ، މި މައްސަލަ ބިނާވެފައިވަނީ ލޮލަށް ފެނުނު ދެ ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށްކަމަށްވާތީ، އެކަން ސާބިތުކުރެވެންޖެހޭނީ އެ މީހުންގެ ހެކިބަހުން ކަަމަށް ފާހަގަކުރައްވާފައިވެއެވެ.

ޕޮރޭޝްއައި ޙަމްދޫން ޢަފީފްގެ ހެކިބަސް އަޅާކިއިއިރު، ޕޮރޭޝްެގެ ހެކިބަސް ދެމުން ސްޕީޑާ ގުޅިގެން ދެ ގޮތަށް ބުނެފައިވާތީ، ހަމައެކަނި ރިޢާޔަތްކުރެވޭނީ ތަކުރާރުކޮށް އެއްގޮތަކަށް ބުނެފައިވާ "ބްރޭކް ނުޖެއްސުމުން، ނިޔާވި މީހާގެ ގައިގާ ޖެހުނު" ކަމަށް ބުނާ ބުނުމަށްކަމަށާއި، ޙަމްދޫން ޢަފީފް ސައިކަލުގެ ދުވެއްޔާ ގުޅިގެން ޝަރީޢަތުގައި ބުނެފައިވާ ވާހަކައާއި ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާކަންކަން ދިމާނުވާތީ، ހަމްދޫން ޢަފީފްގެ ހެކިބަހަކީ މީހެއްގެ މަރުގެ ޒިންމާ އެހެން މީހަކު ނަގަންޖެހޭ ފަދަ ނިންމުމެއްގައި ރިޢާޔަތްކުރެވިދާނެ ފަދަ ހެކިބަހެއް ނޫންކަމަށެވެ.

މައްސަލާގައި ނިޔާވި ފަރާތް މަގު ހުރަސްކޮށްފައިވަނީ އެކަމަށް ޚާއްޞަކުރެވިފައިވާ ތަނަކުން ނޫންކަމާއި، މައްސަލާގައި ތައްޔާރުކޮށްފައިވާ ޗާޓަށް ބަލާއިރު، އެކްސިޑެންޓް ހިނގި ވަގުތު ނިޔާވި ފަރާތް ހުރިކަމަށް ފެންނަނީ ކާރަކުން ނިވާވެފައި ހުއްޓާކަމާއި، ބުރުޒުމަގުން ދުއްވާފައިދާ ސައިކަލުގައި އިންނަ މީހަކަށް އެވަގުތު ނުފެނިދާނެ ގޮތަކަށް ކަން އެނގޭކަމަށާއި، މި ހާލަތުގައި ކިތަންމެ މަޑުން ދުއްވާފައިވާ ދާ މީހަކަަށްވެސް ބުރަކި ނުޖެއްސި، އެ މީހާގެ ގައިގާ ޖެހުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

މީގެ އިތުރަށް ބާރު ސްޕީޑްގައި ގޮސް މީހެއްގެ ގައިގައި ޖެހުނުނަމަ، އެ ފަދަ ނިޝާނެއް ހަށިގަނޑުގައި ފެންނަން ހުންނާނެކަމާއި، މި މައްސަލައިގައި އެ ފަދަ ނިޝާނެއް ޖެހުނު ތަނުގައި ނެތްކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި ބާރު ސްޕީޑްގައި ނުޖެހުނު ނަމަވެސް ވެއްޓިދާނެކަމަށާއި، މި މައްސަލާގައި ނިޔާވި ފަރާތުގެ ބޮލަށް ލިބިފައިވާ ގެއްލުމަކީ ވެއްޓުމުން ލިބުނު ގެއްލުމެއްކަމަށާއި، ކިތަންމެ މަޑުން ވެއްޓުނު ނަމަވެސް އެ ފަދަ ގެއްލުމެއް ލިބިދާނެކަން ޑޮކްޓަރުގެ ހެކިބަހުން އެނގެން އޮންނަކަން ފާހަގަކުރައްވާފައިވެއެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން ޖެހުނުކަން ސާބިތުވޭތޯ ބަލާއިރު، ޕޮރޭޝްގެ ހެކިބަހުގައި ސައިކަލު ބްރޭކްނުކުރެވި ގޮސް ޖެހުނީކަމަށް ބުނެފައިވީނަމަވެސް ސައިކަލު ދުއްވާފައި އައިތަން ނުފެންނަ ކަމަށާއި، އެކްސިޑނެްޓް ހިނގައިދިޔަކަން ނޯޓިސްކުރެވުނީ ޖެހުމުންކަމަށްވެސް ބުނެފައިވާތީއާއި، ޙަމްދޫން ޢަފީފްގެ ހެކިބަހަށް ބަލާއިރު، އޭނާގެ ހެކިބަސް ހުރީ ތަޙުޤީޤުގައި ދިން ބަޔާނާ ދިމާ އިދިކޮޅަށް ކަމަށްވާތީ، މިއީ ހާދިސާގެ ނަތީޖާ އެނގުމުން އެ ނަތީޖާއާ ގުޅުވައިލެވޭ ގޮތަށް ދީފައިވާ ހެކިބަހެއްކަމަށް ބެލެވޭތީ، އެއް ހެކި އަނެއްކާ ގުޅުވުލާމުންވެސް ވަކި ނަތީޖާއެއް ނެރެވޭފަދަ ސާފު ހެކިބަހެއް ކަމެއް ނުފެންނާތީ، އިސްތިއުނާފު ރައްދުވާ ފަރާތް ސައިކަލު ދުއްވާފައިވަނީ ނުރައްކާތެރިކޮށްކަން ނުވަތަ ފަރުވާކުޑަކޮށްކަން އެންމެހައި ހެކިބަސް އެކުގައި ޖުމްލަކޮށް ބެލުމުންވެސް އެނގެން ނެތުމުންނެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ
© ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2026· v1.0.363