މުޙައްމަދު ޝިފާޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2018/HC-A/22
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ޤަސްދުގައި މީހަކު މަރާލުން
- ނިމުނު ތާރީޚު:
- 05/07/22
ފަނޑިޔާރުން
މުޙައްމަދު ނިޔާޒު (ރިޔާސަތު)، ޙުސައިން ޝަހީދު، މުޙައްމަދު ފައިޞަލް
މައްސަލައިގެ ޚުލާސާ
11 އޭޕްރީލް 2011 ދުވަހުގެ 18:00 ހާއިރު، ނ. މާޅެންދޫ، ވައިޓު ހައުސް އަޙްމަދު މިރްޒާ ވިލިމާލެ ކުޑަކުދިންގެ ޕާކު ކައިރީގައި ހުއްޓާ ފެނިގެން ލަކުޑި ބުރިއަކުން އޭނާގެ ބޮލުގައި ޖަހާ ހިންގި މާރާމާރީގައި އޭނާއަށް އަމާޒުވި ހަމަލާއިން ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް، 14 އެޕްރީލު 2011 ދުވަހު އޭނާ ނިޔާވުމާއި ގުޅިގެން، އޭނާއަށް ޙަމަލާދިންކަމުގެ ތުހުމަތުގައި ދައުލަތުން ވ. ފަޒީލާމަންޒިލް، މުޙައްމަދު ޝިފާޢުގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވެއެވެ. މި ދަޢުވާ ބަލައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މުޙައްމަދު ޝިފާޢުގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށެވެ. މިއީ ކްރިމިނަލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ޝިފާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި އިސްތިއުނާފު ޤަޟިއްޔާއެވެ.
އިޝޫ
ހެކިބަސްދޭ މީހާގެ ހެކިބަހުގައި ހުރި ތަޢާރުޟުވުމާއި އުނިކަމަކީ ކޮބާތޯ ޝަރީޢަތުން ދެނެގަތުމުގައި ބަލަންޖެހޭ ކަންތައްތައް.
ޙައްދާއި ޤިޞާޞް ސާބިތުކުރުމަށް ދެ ފިރިހެނުންގެ ހެކިބަސް ބޭނުންވާ އުޞޫލު.
ހެކިންގެ އަދުލުވެރިކަމާ ގުޅޭ އުޞޫލު.
ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއި ގުޅޭ އުޞޫލު.
ނުއުފުލޭ ދަޢުވާއަށް ޙުކުމްކުރުމާއި ގުޅޭ އުޞޫލު.
ކުށުގެ ނިޔަތާއި ގުޅޭ އުޞޫލު.
ތަޢުޒީރީ އަދަބާއި ގުޅޭ އުޞޫލު.
ނިންމިގޮތް
މުޙައްމަދު ޝިފާޢުގެ މައްޗަށް ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުކޮށް އަދަބު ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ޞައްޙަކޮށްކަމަށް ކަނޑައަޅައި، ހައިކޯޓުގެ މަރުޙަލާގައި އަޙްމަދު މިރުޒާގެ ވާރިޘުންގެ ތެރެއިން އޭނާގެ ބައްޕަ އިބްރާހީމް ޙަސަން ޤިޞާޞް މަޢާފުކޮށްފައިވާތީ، ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި މުޙައްމަދު ޝިފާޢު މެރުމަށް ކަނޑައެޅި ކަނޑައެޅުން އެ ޙުކުމުން އުނިކޮށް މުޙައްމަދު ޝިފާޢުގެ ކިބައިން ޤިޞާޞް ނުހިފެވޭނެކަމަށް ކަނޑައަޅައި، މީނާ ކުރި ޢަމަލެއްގެ ސަބަބުން އިންސާނެއްގެ ފުރާނަ ގެއްލިފައިވާތީ ތައުޒީރީ ޢަދަބެއްގެ ގޮތުން މުޙައްމަދު ޝިފާޢު 17 އަހަރާއި 06 މަސް ދުވަހަށް ޖަލަށްލުމަށް ކަނޑައަޅައި މި މުއްދަތުން މުޙައްމަދު ޝިފާޢު މިކުށާއި ގުޅިގެން ޖަލުގައި ހުރި މުއްދަތު އުނިކޮށް، މިމަރާއި ގުޅިގެން މަރުގެ ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން މެދުކެނޑުމެއްނެތި ހިޖުރީ ގޮތުން (ހަނދުމަހުން) 2 މަސް ދުވަހު ރޯދަ ހިފުމަށް މުޙައްމަދު ޝިފާއުއަށް އަމުރުކޮށް އެކަމަށް ނަސޭހަތްތެރިވެ، އަޙުމަދު މިރުޒާގެ މަރުގެ ދިޔައިގެ މައްސަލަ ވަކި މައްސަލައެއް ގޮތުގައި ދަށު ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ ފުރުސަތު އަޙުމަދު މިރުޒާގެ ވާރިޘުންގެ ތެރެއިން އޭނާގެ މަންމަގެ ވާރިޘުންގެ ތެރޭގައި ހިމެނޭ އަޙުމަދު މިރުޒާގެ ބައްޕަ ފިޔަވައި ދެންތިބި ވާރިޘުންނަށް އޮތްކަން އަންގައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ކިބަސްދޭ މީހާގެ ހެކިބަހުގައި ހުރި ތަޢާރުޟުވުމާއި އުނިކަމަކީ ކޮބާތޯ ޝަރީޢަތުން ދެނެގަތުމުގައި ބަލަންޖެހޭ ކަންތައްތަކަކީ ކޮބައިކަން
ހެކިބަސްދޭ ހެކިންގެ ހެކިބަހުގައި ތަޢާރުޟުވުމެއް ނުވަތަ އުނިކަމެއް އޮތްކަމަށް ބުނާނަމަ، ނުވަތަ ހެކިބަސްދޭ މީހާ ކުރިން ދީފައިވާ ބަޔާނާއި ޝަރީޢަތުގައި ދޭ ބަޔާނުގައި ތަޢާރުޟުވުމެއް ނުވަތަ އުނިކަމެއް އޮތްކަމަށް ބުނާނަމަ، އެކަން ޝަރީޢަތުން ބަލަންޖެހޭނެކަމަށް ބަޔާންކޮށްފައިވޭ.
މިގޮތަށް ބަލާއިރު ބަލަން ޖެހޭ ކަންތައްތަކަކީ،
1) ތަޢާރުޟުވާ ކަމަށް ނުވަތަ އުނިވާކަމަށް ބަޔާންކުރާ ހެކިބަހުގައި ޙަޤީޤަތުގައިވެސް ތަޢާރުޟުވުމެއް އަދި އުނިކަމެއް އޮތްކަން ފަރުވާތެރިކަމާއިއެކު ދެނެގަނެ އެކަން ކަނޑައެޅުމާއި އެކަމުގެ ތަބީޢަތާއި ޒާތަކީ ކޮބައިކަން ދެނެގަތުން.
2) ހެކިބިސްދިނުމުގެ ތެރޭގައި ދައްކާ ވާހަކައިގައި ހިމެނޭ ކޮންމެ ކުށަކީ ނުވަތަ ކޮންމެ ތަޢާރުޟުވުމަކާއި އުނިކަމަކީ ނުވަތަ ހެކިބަސްދޭ މައުޟޫޢުގެ ބޭރުން ދައްކާ ކޮންމެ ވާހަކައަކީ ހެކިބަސްދޭ މީހާގެ ބަހުގެ ޞައްޙަކަމާއި ތެދުކަން ނަފީވެގެންދާނެކަމެއް ނޫންކަން.
3) ތަޢާރުޟުވާކަމަށް ބުނާ ހެކިބަހާއިމެދު ފަނޑިޔާރު ނަޡަރުކޮށް އެހެކިބަސް ތަޤްޔީމް ކުރަންޖެހޭނީ އެމައްސަލައިގައި ހުށަހެޅިފައިވާ އެހެން ހުރިހާ ހެކިތަކެއް ޝާމިލުވާ އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން.
4) ހެކިންދޭ ހެކިބަސް ތަޤްޔީމް ކުރުމުގައި ހެކިބަހުގައި ހުންނަ ކުދިކުދި ފަރަގު (discrepancies) ތަކަށް އެކަށީގެންނުވާހާ ބޮޑު ބުރަދަނެއް ދީގެން ނުވާނެކަމާއި، ޕްރޮސިކިއުޝަނުން ހުށަހަޅާ ދަޢުވާގެ ޖައުހަރަށް ނުވަތަ އެދަޢުވާގެ އަސާސީ ތަރަހައަށް ލޮޅުމެއް ނާންނަ ވަރުގެ ކުދިކުދި ފަރަގުތައް އެއީ ބުރަދަނެއް ނުދީ ދޫކޮށްލަންޖެހޭ ކަންތައްތައްކަން.
ޙައްދާއި ޤިޞާޞް ސާބިތުކުރުމަށް ދެފިރިހެނުންގެ ހެކިބަސް ބޭނުންވާ އުޞޫލު.
އިސްލާމީ ފިޤުހީ އުޞޫލުތަކަށް ބަލާއިރު، ޢާންމު އުޞޫލަކީ ޒިނޭ ފިޔަވައި، ޖިނާއީ މައްސަލަތަކުގައި ހެކިންގެ ބަހުން ކުށް ސާބިތު ކުރާނަމަ، ހެކިބަސްދޭ ހެކިންގެ ނިޞާބަކީ މަދުވެގެން ދެފިރިހެނުން ކަމުގައިވުންކަމަށާއި ނަމަވެސް ބައެއް ފިޤުހު ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި، ޤިޞާޞްގެ މައްސަލަތައް ސާބިތު ކުރުމުގައި، ފިރިހެނަކާއި ދެއަންހެނުންގެ ހެ ކިބަސް ޤަބޫލު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވޭ.
ޒަމާނީ ޢިލްމީ ހޯދުންތަކުގެ އަލީގައި، ޖިނާއީ މައްސަލަތަކުގައި ޚާއްޞަކޮށް، ޤިޞާޞްގެ މައްސަލަތަކުގައި މެޑިކަލް އެވިޑެންސް އަކީ ޒަމާނުގެ އިސްލާމީ ފިޤުހު ބަލައިގެންފައިވާ ހެކީގެ އެއް ބާވަތްކަމަށާއި، މިބާވަތުގެ އިސްލާމީ ފިޤްހަކީ މަހުޖޫރު (obsolete) އެއްޗެއް ކަމުގައި ބަލައިގެންނުވާނެކަމަށާއި މިއީ ޒަމާނުގެ ޙާލަތާއި ގުޅޭ ގޮތުން ދިރެމުން ފުޅާވަމުން ދާނެ ޢިލްމެއްކަމަށްވާތީ ޤިޞާޞްގެ މައްސަލަތަކުގައި ކުށް ސާބިތުވާނީ ހަމައެކަނި ދެފިރިހެނުންގެ ހެކިބަހުގެ މައްޗަށް ކަމަށްބުނެ އެކަން ހަނި ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވޭ.
އިސްލާމީ ފިޤުހުގައިވެސް، ޤަސާމާ (ތުހުމަތުކުރެވޭ މީހާއާއި މަޤްތޫލާ މެދު ދެކޮޅުވެރިކަމެއް ނުވަތަ އަދާވާތްތެރިކަމެއް އޮތްކަން އަންގައިދިނުން) ދީގެން މަރު ސާބިތު ކުރެވޭކަމަށާއި އެހެންކަމުން، ޤިޞާޞް ހިފުމުގައި ޤަރީނާގެ މައްޗަށް އިސްލާމީ ފިޤުހު ބައެއް ޙާލަތްތަކުގައި ބުރަވާކަމަށް ބަޔާންކޮށްފައިވޭ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142ވަނަ މާއްދާގެ އަލީގައި ޝަރީޢަތުން ބަލަންޖެހެނީ، ހެކިބަސް އަދާ ކުރާމީހާއަކީ ފިރިހެނެއް ކަމުގައި ނުވަތަ އަންހެނެއް ކަމުގައި ވުމާބެހޭ ގޮތުން، ދިވެހިރާއްޖޭގައި ޢަމަލު ކުރުމަށް އޮތް ގޮތަކީ ކޮބައިތޯކަމަށާއި ޒިނޭ ފިޔަވައި ޙައްދާއި ޤިޞާޞްގެ މައްސަލަތަކުގައި ހެކިބަސް އަދާކުރާ މީހަކީ ކަނޑައެޅިގެން 2 ފިރިހެނުން ކަމުގައި މުޠްލަޤަށް ބުނެވޭނެ ޤާނޫނީ ހަމައެއް ދިވެހިރާއްޖޭގައި ނެތްކަމަށް ބަޔާންކޮށްފައިވޭ.
ކީރިތި ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަ ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މިއުޞޫލަކީ ކަނޑައެޅިގެން އިސްލާމީ ފިޤުހާއި ޚިލާފު އުޞޫލެއް ނޫންކަމަށް ބަޔާންކޮށްފައިވޭ.
ހެކިންގެ އަދުލުވެރިކަމާ ގުޅޭ އުޞޫލު.
އިސްލާމީ ފިޤުހީ ހަމަތައް ބަޔާންކުރާ ގޮތުން އަދި އެހެނިހެން ޤާނޫނީ ނިޒާމުތަކުގައިވެސް ހެކިބަސްދޭ ހެކިންގެ ޢަދުލުވެރި ނުވަތަ ތެދުވެރި (credibility) ކަމަކީ، ހެކިބަސް ދޭއިރު އެމީހުންގެ ކޮންމެހެން ހުރުން ލާޒިމު ކުރާ ސިފައެއްކަމާއި ހެކިބަސްދޭ މީހާ ތަޙްޤީޤު އާއި ޝަރީޢަތުގައި ވާހަކަ ދެއްކުމުގައި އަންނަ ތަފާތުތައް ނުވަތަ ކިޔައިދޭ ދިނުމުގައި ހުންނަ ފަރަޤުތައް އެއީ އޭނާގެ ޢަދުލުވެރިކަމަށް އަސަރުކުރާނެ ކަމެއް ނޫންކަން ބަޔާންކޮށްފައިވޭ.
ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއި ގުޅޭ އުޞޫލު.
ވަގުތުގެ ޙާލަތު ނިޔާކުރާގޮތުން، ޤާނޫނީ ވަކީލެއް ގެ އެހީތެރިކަން ހޯދުމަށް ނުއެދުމާއި، އަދި އެފަދަ ޙާލަތެއް އޮތުން ސަބަބެއް ކަމަށް ދައްކައި، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކީލުން ފަސްޖެހޭ ޙާލަތުގައި، އެއީ އިސްތިއުނާފީ ނުކުތާއެއްކަމަށް ބަލައިގަތުމަކީ ކުރެވޭނެ ކަމެއް ނޫންކަމާއި، އެހެން އެކަން ވާނަމަ ކުށުގެ މައްސަލަތަކުގައި، ވަކީލުންގެ އެހީތެރިކަމަށް ނުއެދުމާއި، އަދި އެހީތެރިކަން ފޯރުކޮށްނުދިނުން ވެގެންދާނީ، އިސްތިއުނާފުން މައްސަލަ ކާމިޔާބު ކުރަން ގެންގުޅޭ ވަސީލަތެއްކަމަށް ބަޔާންކޮށްފައިވޭ.
ނުއުފުލޭ ދަޢުވާއަށް ޙުކުމްކުރުމާއި ގުޅޭ އުޞޫލު.
ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަން ސާބިތުވެގެން ޤަޞްދުގައި މީހަކު މެރި މީހަކަށް އޮތް ޢުޤޫބާތް ކަނޑައެޅިދާނެތޯ އާއި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ޕްރޮސިކިއުޝަނުން ކޮށްފައިވާ ދަޢުވާއަކީ ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދަޢުވާ ކަމަށާއި، މި ދަޢުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު: 1/81 (ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ) 12 ވަނަ މާއްދާ އިން ކަމަށާއި، މި މާއްދާއާއެކު އެ ޤާނޫނުގެ 14 ވަނަ މާއްދާ ކިޔަންޖެހޭނެކަމަށާއި، ތުހުމަތުކުރެވޭ މީހާ ކުށްކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާތީ 14 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް ސީދާ އެކުށްކުރީކަމަށް ބެލެވޭތީ ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ ސާބިތުކުރެވޭކަމަށް ބަޔާންކޮށްފައިވޭ.
ކުށުގެ ނިޔަތާއި ގުޅޭ އުޞޫލު
ކުށެއް ސާބިތު ކުރުމުގައި، އަސާސީ ދެ އުންސުރެއް ޕްރޮސިކިއުޝަނުން ސާބިތު ކޮށްދޭން ޖެހޭކަމަށާއި އެއީ، ކުށުގެ ޢަމަލުގެ ރުކުނާއި ކުށުގެ ނިޔަތުގެ ރުކުންކަމަށް ބަޔާންކޮށްފައިވޭ.
ކުށުގެ ނިޔަތް (mens rea) ދެނެގަންނާނީ، ލިބެން ހުރި ހުރިހާ ހެކިތަކެއްގެ މައްޗަށް ބަލައި، މައްސަލައިގެ ވާޤިއާ ތަކުންނާއި، ތުހުމަތުގައިވާ މީހާ ދައްކާ ވާހަކަތަކުންނާއި، އަދި އޭނާ ކުރިކަންތަކާއި އޭނާ ކުރިން ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށްކަމަށާއި ކުށްކުރިއިރު އޮތް ނިޔަތަކީ ކޮބާތޯ އޭނާ ގާތު އަހަން ނުޖެހޭކަމަށް ބަޔާންކޮށްފައިވޭ.
ކުށުގެ ޢަމަލު ހިންގިއިރު، މުއްތަހަމުގެ ކިބައިގައި، މެރުމުގެ ނިޔަތް ނުވަތަ ޤަޞްދު އޮތްތޯ ދެނެގަތުމުގައި، ޚާއްޞަކޮށް ރިޢާޔަތްކޮށް ބަލަންޖެހޭ ޙަޤީޤަތްތަކަކީ، ދީފައިވާ އަނިޔާގެ ބާވަތާއި، އަނިޔާ ދީފައިވާ ތަނާއި، އަނިޔާކޮށްފައިވާ ޢަދަދާއި އަނިޔާ ދިންގޮތާއި، ހަތިޔާރެއް ބޭނުން ކުރިތޯއާއި އެހަތިޔާރުގެ ބާވަތާއި މިފަދަ މިފަދަ ކަންކަމަށްކަން ބަޔާންކޮށްފައިވޭ.
ތަޢުޒީރީ އަދަބާއި ގުޅޭ އުޞޫލު.
ޤަޞްދު މަރު ސާބިތުވުމާއިއެކު، ޤާތިލުގެ ކިބައިން ޤިޞާޞް ނުހިފައި، މަޤްތޫލުގެ ވާރިޘުން ޤާޠިލަށް މަޢާފު ކުރާ ޙާލަތުގައި، ޤާތިލުގެ މައްޗަށް ތަޢުޒީރީ ޢުޤޫބާތެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުރެވިދާނެ ކަމެއްކަމަށާއި މިގޮތުން، ޢާންމު މަސްލަޙަތާއި އެމައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު ތަޢުޒީރީ ޢުޤޫބާތެއް ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައިވޭ.