މުޙައްމަދު ޢާރިފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2026/HC-B12/3
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން
- ނިމުނު ތާރީޚު:
- 03/02/26
ފަނޑިޔާރުން
މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ދީބާނާޒް ފަހުމީ، އިބްރާހިމް މާހިރު
މައްސަލައިގެ ޚުލާސާ
މި މައްސަލައިގެ ދަޢުވާ ފޯމުގެ ޖަދުވަލު 1 ގައި މުޙައްމަދު ޢާރިފްގެ ދަޢުވާގެ ސަބަބުގައި އޭނާ ބަދަލުގެނައި ފޯމުތަކުގެ ތަފްސީލްތައް ބަޔާންކޮށްފައި ނުވާތީ އެއީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފަށްކަމަށް ބަޔާންކޮށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅުމުން، އެ ހުށަހެޅުން ބަލައިނުގަތުމަށް ޝަރީޢަތުންނިންމަވައި ދަޢުވާ އުފުލާފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ނިންމެވިއެވެ.
އިޝޫ
މައްސަލައިގެ ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފަށްކަމަށް ބަޔާންކޮށް އިސްތިއުނާފީ ނުކުތާ ހުށަހެޅި.
ނިންމިގޮތް
ކްރިމިނަލް ކޯޓުގެ "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" މުޙައްމަދު ޢާރިފުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކުރެއްވިއެވެ.
ކަނޑައެޅުނު އުސޫލު
ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މިންގަނޑަށް މި މައްސަލާގައި ދަޢުވާގެ ތަފްސީލު ހިމާނާފައިވޭތޯ ބެލި ބެލުމުން، ދަޢުވާގެ ކުށުގެ ޢަމަލުގައި ހިމެނޭ އެއްޗަކީ ބަދަލުގެނައިކަމަށް ބުނާ ފޯމުތައް ކަމަށާއި، އެއީ ޖަދުވަލު 2 ގައި ހިމަނާފައިވާ ފޯލިއޯ 63 ސީޑީ ހިމެނޭ ފޯމުތައްކަމަށާއި، އެކަން ދަށުކޯޓުގައި ތަފްސީލުކޮށްދީފައިވާތީ، ވަކި ވަކި ފޯމުތަކުގެ ތަފްސީލުތައް ބަޔާންކޮށްފައި ނެތުމަކީ އެކަމުގެ ސަބަބުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އޭނާއަށް އޮޅިދާފަދަ ކަމެއްކަމުގައިނުވާތީއާއި، ދަޢުވާގެ ތަފްސީލުން އެފަދަ އޮޅުމެއް ނެތަތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ދަޢުވާއަށް އަސަރުކުރާފަދަ ސަބަބެެެއް ނެތަތީ، 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މިންވަރަށް ދަޢުވާ ތަފްސީލު ކޮށްފައިވާކަމަށް ކަނޑައަޅުއްވައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކުރެއްވިއެވެ.