ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލް މުހައިމިން އަދި އިތުރު 7 ފަރާތެއް
- ޤަޟިއްޔާ ނަންބަރު:
- 2022/SC-A/77
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 25/09/22
ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢަލީ ރަޝީދު ހުސައިން
މައްސަލައިގެ ޚުލާސާ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފަރާތުން ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހުން ޢާންމުންގެ ބަޔަކު ގައިގައި ތަޅައި މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގައި، 11 ފުލުހެއްގެ މައްޗަށް ކުރެވި އެ މައްސަލަ ފުލުހުންގެ ފަރާތުން ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 31 އޮކްޓޫބަރު 2019 މި ދުވަހު ކްރިމިނަލް ކޯޓުގައި އެ 11 މީހުންގެ މައްޗަށް ދަޢުވާ އުފުލިއެވެ. މި މައްސަލައިގައި ދަޢުވާ ލިބޭ މީހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއަށް ޙަވާލާދީ، މި މައްސަލަތަކުގެ ދަޢުވާ ބިނާކޮށްފައިވާ ތަޙްޤީޤަކީ އެ ތަޙްޤީޤު ކުރުމުގެ އިޚްތިޞާޞްނެތި ފުލުހުން ހިންގާފައިވާ ތަޙްޤީޤެއްކަމަށް ބުނެ، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ދަޢުވާ ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅިއެވެ. ކްރިމިނަލް ކޯޓުން ނިންމީ މި މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެކަމަށެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ދަޢުވާ ލިބޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލައިގައި ހައިކޯޓުން ނިންމީ މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ހިންގާފައިވާ ވުން އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމުގައިވާތީ އެއީ ބާޠިލު ތަޙްޤީޤެއް ކަމުގައެވެ.
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ނިންމާފައިވާ މައްސަލައެވެ.
އިޝޫ
ޖިނާއީ އިޖުރާއަތުގެ 76 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އެއް އިދާރާއަށްވުރެ ގިނަ އިދާރާއަށް ކުށެއްގެ ތަޙްޤީޤުކުރުމުގެ ޤާނޫނީ އިޙްތިޞާޞް ލިބޭ ހާލަތުގައި، ފުލުހުންގެ ފަރާތުން އެކަނި ތަޙްޤީޤެއް ހިންގާ މައްސަލައާމެދު ގޮތް ކަނޑައެޅިދާނެކަން ނުވަތަ ނޫންކަން؟
ނިންމިގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ
- މިއީ، އިޚްތިޔާރީ މާއްދާއެއްނޫންކަން.
- މި މާއްދާ ތަޠުބީޤު ކުރަންޖެހެނީ އެއް އިދާރާއަށްވުރެ ގިނަ އިދާރާއަށް ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިގެންވާ ޙާލަތުގައިކަން.
- ފުލުހުންގެ ތަޙްޤީޤުކުރަމުންދާ ޖިނާއީ މައްސަލައެއްގައި، ވަކި ޙާއްސަ ބާވަތެއްގެ ޖިނާއީ ތަޙްޤީޤުކުރުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިޙްތިޞާޞް ހިނގާނަމަ، އެ ތަޙްޤީޤު ހިންގަންވާނީ އެ ކުށުގެ އެ ބައިގައި އެ ތަޙްޤީޤު އެ އިދާރާއަކުން ކުރިއަށް ގެންދިއުމަށްޓަކައި އެ އިދާރާއަށް މައްސަލަ ހުށަހަޅައިގެން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނެއް މެދުވެރިކޮށްކަން.
- މަސްލަހަތު ފުށުއެރުމުގެ ފުރުސަތު (nemo judex in causa sua) ބޮޑުވުމުގެ އިތުރުން، އެކަމެއް ބެލުމަށް ފާރަވެރި އިދާރާއެއް ޤާއިމުވެ އޮންނަ ޙާލަތުގައި، އެ އިދާރާގެ ބަހެއްނެތި ތަޙްޤީޤު ހިންގުމަކީ ތަބިއީ އިންސާފު(natural justice) ގެ އަސާސީ އުސޫލުތަކާއި ޚިލާފުކަމެއްކަން.
- ޤާނޫނު ތަންފީޛުކުރާ ބައެއް އިދާރާތަކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވާ ގޮތުން ނުވަތަ އެފަރާތްތަކުގެ ވަސީލަތްތަކާއި ޤާބިލުކަން ހުރިގޮތުން ގުޅިގެން ތަޙްޤީޤެއް ހިންގުމަކީ އުދަނގުލާއި ގޮންޖެހުމާއި ކުރިމަތިލާންޖެހޭ ސަބަބަކަށްވުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއަށް ޢަމަލުނުކުރަން އޮތް ޤާނޫނީ ސަބަބެއްނޫންކަން.