އަޙްމަދު ޙައްމާދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2021/HC-N-A/06
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 31/08/21
ކަނޑައެޅުނު އުސޫލު
7. ޤާނޫނުއަސާސީގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެކަމަށެވެ. އެހެންކަމުން، އިޢުތިރާފަށް ޤަޠުޢީ ހެއްކެއްގެ ބުރަދަންދެވެނީ އެއީ ޤަޟާއީ އިޢުތިރާފެއްކަމުގައި ވާނަމަ ކަން ސާފެވެ. ސުވާލަކީ ކުށެއްގެ ތުހުމަތުގައިވާ މީހާ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލީހަކީ ޝަރީޢަތުގެ މަޖިލީހެއްތޯއެވެ؟ އަދި އެމަޖިލީހުގައިވެވޭ އިޢުތިރާފަކީ ހެއްކެއް ކަމުގައި ބެލިދާ ނެތޯއެވެ؟
8. މިސުވާލުގެ ޖަވާބު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެމާއްދާގައި ބަޔާންކޮށްފައިވަނީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބާއްވާ ޝަރީޢަތުގެ އަޑުއެހުމަކީ، އެގާނޫނުގެ ބޭނުމަށްޓަކައި ޝަރީޢަތުގެ މަޖިލީހެއް ކަމުގައި ބެލޭނެ ކަމަށެވެ. އަދި އެ މަޖިލީހުގައި އޭނާ ދޭ ބަޔާންތަކާއި ދައްކާ ވާހަކަތަކަކީ، އޭނާގެ މައްޗަށް އެ ކުށުގެ ދަޢުވާ ފަހުން އުފުލިއްޖެ ޙާލަތެއްގައި ބޭއްވޭ ޝަރީޢަތުގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެކި ކަމުގައި ބެލޭނެކަމަށެވެ. މިކޯޓުގެ އިބްރާހީމް ނާފިޘް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ މުއްދަތު މަޖިލީހެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ވެފައިވާ އިޢުތިރާފަކީ ހުސް ބަޔާނެއް ކަމަށް ނުބެލެވޭނެކަމަށާއި އެބަޔާނަކީ އެއަށް އިތުބާރުދެވޭނެ ޤަރީނާއެއްކަމުގައެވެ.
13. ބަންދާމެދު ގޮތެއް ނިމުނު މަޖިލީސް އޯޑިއޯ ރެކޯޑު ކުރެވިފައިވޭތޯ މިޝަރީޢަތުން ކުރި ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ކޯޓުން މަޢުލޫމާތުދީފައިވަނީ އެދުވަހުގެ މަޖިލީހުގެ ރެކޯޑިން އެކޯޓުގައި ނެތް ކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު، ޙުސައިން ޒަހީން، އަރުޝަދު ޚާލިދު ވ ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާތަކުގައި ރިޢާޔަތްކޮށްފައިވާ ހަމަތަކުގެ މައްޗަށް ބަލާއިރު ޖިނާއީ ބައެއް އިޖުރާއާތުތަކަކީ 17 އެއާ ޚިލާފުވުމުގެ ސަބަބުން ތުހުމަތުކުރެވޭ މީހާގެ އަސާސީ ޙައްޤަކާއި ގުޅުމެއް ނެތް އަދި އެއިޖުރާއާތު ރަނގަޅުކުރުމުގެ ފުރުސަތު އޮންނަ އިދާރީ އިންތިޒާމްތަކެކެވެ. އަދި ކޮންމެ އިޖުރާއީ ގޯހެއްގެ ނަތީޖާއަކީ އެކަމުގެ ސަބަބުން މުޅި މައްސަލަ ބާޠިލު ނުވާނެ އިޖުރާއާތެއްކަމަށެވެ. ސުވާލަކީ ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގެ އޯޑިއޯ ރެކޯޑިންގް އެއް ނެތުމަކީ އެ އިޢުތިރާފުގެ ޞައް ޙަކަން ގެއްލިގެންދާ ފަދަ އިޖުރާއީ ގޯހެއްތޯ އެވެ.
14. ޖިނާއީ މައްސަލަތަކުގައި އަޑުއެހުން ރެކޯޑުކޮށް މަޙްޟަރުކުރުމުގެ މައިގަނޑު މަޤްސަދަކީ އިންސާފުވެރި ޝަރީއަތެއް ހިންގުމުގެ އަސާސީ ޙައްޤާއި ގުޅިފައިވާ ކަމެކެވެ. މިފަދައިން ރެކޯޑުކުރެވޭކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ޤާއިމުވެފައި ހުރުމަކީ ޤާނޫނުގައިވާ ގޮތުގެ މަތިން ނިޒާމް ހިންގުމަށްޓަކައި ލާޒިމްކަމެއްކަމުގައި ދެކެމެވެ. އެހެންނަމަވެސް، މިނިޒާމް ފަށައިގެން ޢަމަލުކުރެވެން ފެށިތާ ގިނަ ދުވަސްތަކެއްވެފައިވާއިރު ރެކޯޑުކުރުމުގެ އިންތިޒާމް ހަމަޖެހުމުގައި ރާއްޖޭގެ ބައެއް ކޯޓުތަކުގައި، ޚާއްސަކޮށް އަތޮޅުތެރޭގެ ކޯޓުތަކުގައި، ގޮންޖެހުންތައް ހުރިކަން ފާހަގަކުރެވެއެވެ. އަދި ނިޒާމް ޤާއިމު ވެފައިވާ ކޯޓުތަކުގައިވެސް، ދިމާވާ ޓެކްނިކަލް މައްސަލައެއްގައި ނުވަތަ ރެކޯޑު ބެލެހެއްޓުމުގައި އެކަށީގެންވާ ފުރިހަމަ ނިޒާމެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން އޯޑިއޯ ރެކޯޑެއް ނެތުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތެއްގައި އެފަދަ ރެކޯޑެއް ނެތުމުން މައްސަލައަށް ކުރާނެ އަސަރު ބެލުމުގައި އިންސާފުޤާއިމުކުރުމުގައި މުޖުތަމަޢުގެ ޙައްޤާއި އިންސާފުވެރި ޝަރީޢަތެއް ލިބުމުގައި ތުހުމަތު ކުރެވޭ މީހާއަށް ލިބޭ ޙައްޤު އަޅާ ކިޔައި މިންކޮށް ގޮތް ނިންމުމުގައި ކޮންމެ މައްސަލައެއްގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ޝަރީޢަތުން ރިޢާޔަތްކުރަންވާނެ ކަމުގައި ދެކެމެވެ.
16. ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 10 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ބަންދާ މެދު ގޮތެއް ނިންމާ މަޖިލީސް ތަކުގައި މުއްތަހަމުން ދައްކާ ވާހަކަތައް ބަޔާނެއް ގެ ސިފައިގައި ލިޔުމަށް ތިރިކޮށް މަޙްޟަރުކުރެވެނީ މުއްތަހަމު އެމަޖިލީހުގައި ކުށަށް އިޢުތިރާފުވުމުންނެވެ. ޢާންމުކޮށް ޢަމަލުކުރެވޭ ގޮތަކީ މުއްދަތު މަޖިލީހުގައި ކުށަށް އިޢުތިރާފު ނުވާނަމަ އެމަޖިލީހުގައި ދެކެވޭ އެއްވެސް ވާހަކައެއް ލިޔުމަށް ތިރިކޮށް މަޙްޟަރުކުރުމުގެ ބަދަލުގައި އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންގ ބެލެހެއްޓުމެވެ. އެހެންކަމުން، އަޙްމަދު ޙައްމާދުގެ ފަރާތުން ބުނާ ފަދައިން މިއީ އޭނާ ހައްޔަރުކުރި ސަބަބު މުއްދަތު މަޖިލީހުގައި ބުނުމަށް ބޭނުންކޮށްފައިވާ ޢިބާރާތެއް ކަމަށް ނު ބެލެވެއެވެ. އަދި އެފަރާތުން ބުނާފަދައިން "ކުއްޖާގެ ކުރިމަތީގެ ފަރާތުގައި ހިފީމައި ބަންދުކުރީ" ކަން ބުނުމަށް ދައްކާފައިވާ ވާހަކައެއް ކަމުގައި ބެލިނަމަވެސް އެބަޔާން އޭނާއާ ދެކޮޅަށް ބޭނުންކުރުމަށް ހުރަހެއް އޮތް ކަމުގައި ނުދެކެމެވެ. އެހެނީ، އޭނާ ހައްޔަރުކުރަން ޖެހުނީ ކުޑަކުއްޖާގެ ޖިންސީ ގުނަވަނެއްގައި އޭނާ ހިފީމަކަމަށް ބުނާ ބުނުމަކީވެސް އޭނާ އެގޮތަށް ހިފިކަން ދޭހަވާ ކަމެއްކަމުގައިވުމެވެ. ހަމައެއާއެކު ބަޔާނުގައި ކުށަށް އިޢުތިރާފުވާކަމުގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާކަންވެސް އެނގެއެވެ. އެހެންކަމުން، މުއްދަތު މަޖިލީހުގައި އަޙްމަދު ޙައްމާދުގެ ފަރާތުން ދީފައިވާ ބަޔާނަކީ މިމައްސަލައިގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެއްކެއްކަމުގައި ދެކެމެވެ.