މުޙައްމަދު ނަސްވާނު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2020/HC-A/118
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ކެނަބިސް ޓްރެފިކްކުރުން
ނިމުނު ތާރީޚު:
10/02/20

ފަނޑިޔާރުން

މުޙައްމަދު ނިޔާޒު (ރިޔާސަތު)، ޙުސައިން މަޒީދު، ޙުސައިން ޝަހީދު

މައްސަލައިގެ ޚުލާސާ

2016 ޖުލައި 12 ވަނަ ދުވަހުގެ 22:33 ހައިއިރު، ރަށަކަށް މަސްތުވާތަކެތި ފޮނުވުމަށް ބަޔަކު މަސައްކަތް ކުރާކަމަށާއި އެމީހުން ބޮޑުތަކުރުފާނުމަގު ވިލާ ކޮލެޖާ ދިމާ މާލެ، ފަޅުތެރޭގައި އޮތް "ވިލާ ވާލި" ކިޔާ ދޯންޏަކަށް ފޮށިގަނޑެއް އެރުވުމަށް ދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން، ފުލުހުން އެ ސަރަހައްދަށް ގޮސް ތިއްބައި، މުޙައްމަދު ނަސްވާނު އާއި އިތުރު މީހަކު ރިހި ކުލައިގެ ކަރުދާހުން ޕާރުސަލްކޮށްފައި އޮތް ފޮށިގަނޑެއް ހިފައިގެން "ވިލާ ވާލި" ދޯނި ކައިރިއަށް ގޮސް، އެ ފޮށިގަނޑު ހިފައިގެން ހުރި މުޙައްމަދު ނަސްވާނު އޭނާއާ އެކު އައި މީހާ އަތަށް ފޮށިގަނޑު ދިނުމަށްފަހު ދޯންޏަށް އެރިވަގުތު ފުލުހުން މިދެމީހުން ހުއްޓުވައި، އެދެމީހުން ގެނައި ފޮށިގަނޑު ބަލާފާސްކުރިއިރު، އެ ފޮށިގަނޑުގެ ތެރޭގައި އޮތް ރަސްލީ ސުޕާރި ފޮއްޓެއްގެ ތެރޭގައި އޮތް ފިލްމު ހުސްކުރި ދަޅުގައި 16.5073 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، މުޙައްމަދު ނަސްވާންގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. ބުނެވިދިޔަ މަސްތުވާތަކެތި އެ ފޮށިގަނޑުން ފެނުނުކަން ހެކިންގެ ހެކިބަހުންނާއި، މުޙައްމަދު ނަސްވާނު ތަޙްޤީޤު އާއި ޝަރީޢަތުގައި ދެއްކި ވާހަކަތަކުން ސާބިތުވާތީ އާއި، އެތަކެތި ފެނިފައިވަނީ މުޙައްމަދު ނަސްވާނުގެ ހިޔާޒަތުންކަމަށްވާތީ، ކެނެބިސް ޓްރެފިކްކުރުމުގެ ކުށް މުޙައްމަދު ނަސްވާނުގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. މިއީ، ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ މުޙައްމަދު ނަސްވާނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.

އިޝޫ

1- އިންޓެލިޖެންސުން ދޭ މަޢުލޫމާތު ދުރާލާ ރެކޯޑްކުރެވިފައި އޮތުމުގެ މުހިއްމުކަން.

2- ހިޔާޒަތުން ތަޙްޤީޤުގައި މުއްތަހަމުގެ އިޢުތިރާފު ބަޔާން ނެގުމުގެ ކުރިން ޤާނޫނުއަސާސީގައި ބަޔާންކުރާ އިޖުރާޢަތްތައް

ފުރިހަމަކުރުން.

3 މާއްދީ ހިޔާޒަތު ( actual possessiom )، މައުނަވީ ހިޔާޒަތު (constructive possession) އަދި ދެމީހުންގެ ހިޔާޒަތު)

(Joint possession)

4 މާއްދީ ހެކީގެ އަދި ކުޑަކަމުދާ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ

ނިންމިގޮތް

ކްރިމިނަލް ކޯޓުން މުޙައްމަދު ނަސްވާންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، އެކުށް ސާބިތުކުރުމުގައި އެކަށީގެންވާ ޝައްކުތަކެއް ފެންނާން ހުއްޓައި އެކަންކަމަށް ބެލުމެއްނެތި ކަމަށްވާތީ، އެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، އެއީ ބާޠިލް ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައެޅުއްވި.

ކަނޑައެޅުނު އުސޫލު

އިންޓެލިޖެންސުން ދޭ މަޢުލޫމާތު ދުރާލާ ރެކޯޑްކުރެވިފައި އޮތުމުގެ މުހިއްމުކަން

- ވަކި ވަކި ތަކެތީގެ ސިފަ ބަޔާންކޮށް އިންޓެލިޖެންސުން ދޭ މަޢުލޫމާތު އެގޮތުގައި ދިންކަން ދުރާލާ ރެކޯޑްކުރެވި، ފުލުހުން ސީނަށް ގޮސް ހޯދި ހޯދުންތަކާއި އިންޓެލިޖެންސުން ދިން މަޢުލޫމާތު ދިމާވާނަމަ، އެކަންކަމަކީ ހެކިވަޒަންކޮށް ހެއްކަށް ބުރަދަން ދިނުމުގައި މުހިއްމު ދައުރެއް އަދާކުރާނެކަމެއް.

- މިސާލަކަށް ޕާރުސަލްކޮށްފައިވާ ފޮށިގަނޑެއް ކަނޑައިބެލުމުގެ ކުރިން ފުލުހުންގެ އިންޓެލިޖެންސުން އެ ފޮށީގެ ސިފަ ނުވަތަ އޭގައި ހުންނާނެ އެއްޗެހި ބަޔާންކޮށްފައި އޮވެ، އެ ފޮށިގަނޑު ކެނޑިއިރު ފުލުހުންގެ އިންޓެލިޖެންސުން ދިން މަޢުލޫމާތާއި ދިމާވެއްޖެނަމަ، ހެކި ވަޒަންކުރުމުގައި އެފަދަ ހެއްކަށް ދެވޭ ބުރަދަން އިތުވާނެ.

- އެއާޚިލާފަށް، ފޮށިގަނޑު ކަނޑައި ބެލުމަށްފަހު އެ ފޮށިގަނޑު ހުރިގޮތެއް އެނގުމުން، ފުލުހުންގެ އިންޓެލިޖެންސުން ދިން މަޢުލޫމާތަކީ އެއީކަމަށް ބުނާނަމަ، ހެކިވަޒަންކުރުމުގައި އެކަމަށް ބުރަދަން ދިނުން ރައްކާތެރިއެއް ނޫން.

- ތަފްޞީލުކޮށް ފުލުހުންގެ އިންޓެލިޖެންސްއިން ދޭ މަޢުލޫމާތަކީ ހެކިވަޒަންކޮށް ހެއްކަށް ބުރަން ދިނުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ތަފްޞީލުތަކަކަށްވާތީ، އެ މަޢުލޫމާތު ދުރާލާ ރެކޯޑްކުރުން މުހިއްމު.

ތަޙްޤީޤުގައި މުއްތަހަމުގެ އިޢުތިރާފު ބަޔާން ނެގުމުގެ ކުރިން ޤާނޫނުއަސާސީގައި ބަޔާންކުރާ އިޖުރާޢަތްތައް ފުރިހަމަކުރުން

- ތަޙްޤީޤަކީ ހެކި ހޯދުމަށް ކުރެވޭ ކަމެއް.

- ތަޙްޤީޤެއްގައި މުއްތަހަމު އިޢުތިރާފްވަނީ، ބިރުދައްކައި، ހެއްލުމެއް ހައްލައި، ވަޢުދެއްވެ، އުފޭވެރިކަމުގެ ޚަބަރެއް ނުވަތަ ބިރުވެރިކަމުގެ އިންޒާރެއް ދީގެންނަމަ، އެ އިޢުތިރާފްގެ ޞައްޙަކަމަށް އަސަރުކުރާނެ.

- އެއިންކަމެއް ތަޙްޤީޤުގައި ހިނގިކަން ކޯޓުގައި މުއްތަހަމު ސާބިތުކޮށްދީފިނަމަ، އެ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފަކަށް ނުވާނެ.

- މުއްތަހަމުންނަށް އެއިން ކަމެއް ކޯޓުގައި ސާބިތުކޮށްދިނުމަކީ ފަސޭހަކަމެއް ނޫން. އެހެންކަމުން، އެފަދަ އިޢުތިރާފެއް ތަޙްޤީޤުގައި ނަގާފައިވަނީ ޤާނޫނުއަސާސީ ބަޔާންކުރާ އިޖުރާޢަތްތައް ފުރިހަމަކޮށްގެންތޯ ކޯޓުން ބަލަންޖެހޭނެ.

- އެއީ، އިޢުތިރާފްގެ ޞައްޙަކަން ބެލުމަކަށް ނޫން. ނަމަވެސް ޤާނޫނުއަސާސީގައި ބަޔާންކުރާ ކަންކަން އެ އިޢުތިރާފް ނެގުމުގެ ކުރިން ފުރިހަމަކޮށްފައިވޭތޯ ބެލުމަށްޓަކައި.

- އެގޮތުން، އިޢުތިރާފް ނެގުމުގެކުރިން ވަކީލެއްގެ ފުރުޞަތު ދީފައިވޭތޯއާއި، މުއްތަހަމަށް ތަޙްޤީޤުގައި ކުރާ ސުވާލުތަކަށް ޖަވާބު ނުދީ ހަނު ހުރެވިދާނެކަން އަންގާފައިވޭތޯ އާއި ތަޙްޤީޤުގައި ދައްކާ ވާހަކަތައް އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ކޯޓުގައި ބޭނުން ކުރެވިދާނެކަން ބުނެދެވިފައިވޭތޯ ބަލަންޖެހޭނެ.

- އިޢުތިރާފް ބަޔާން ނެގުމުގެ ކުރިން ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ކަންކަން ފުރިހަމަ ނުކުރާނަމަ، އޭނާ ވެފައިވާ އިޢުތިރާފު ބަޔާނުން އޭނާއާ ދެކޮޅަށް ހެކި ނެގުން ރައްކާތެރިއެއް ނޫން.

މަސްތުވާތަކެތީގެ ހިޔާޒަތު

- ފުލުހުން ހައްޔަރުކުރި އިރު މަސްތުވާތަކެތި ހުރި ފޮށިގަނޑަކީ އެހެން މީހަކު އޭނާގެ އަތަށް ދިން އެއްޗެއްކަމަށް އެންމެ ހެއްކަކު ބުނާ ބުނުމަށް ބަލައި، އެ ފޮށިގަނޑުގެ މައުނަވީ ހިޔާޒަތު އެ ފޮށިގަނޑު ދިންކަމަށް ބުނާ މީހާގެ މައްޗަށް ސާބިތު ނުކުރެވޭނެ.

- އެ ޙާލަތުގައި މަސްތުވާތަކެތި ހުރި ފޮށިގަނޑު ހިފައިގެން ހުންނަ މީހާ ދެ މަޙައްލެއްގައި ދެ ގޮތަށް ބުނެފައިވުމުން، އޭނާގެ ބަހަކީ ހެކީގެ ބޭނުމަށް ބުރަދަނެއް ދެވޭފަދަ ތެދު ބަހެއްކަމުގައި ނުބެލެވޭނެ.

- އިންޓެލިޖެންސުންވެސް މަޢުލޫމާތު ލިބިފައި އޮތީ ދެމީހަކު ރަށަކަށް މަސްތުވާތަކެތި ފޮނުވަން އުޅޭކަމަށް. އެހެންކަމުން، މި ޙާލަތުގައި އެ ފޮށިގަނޑުގެ މައްޗަށް ދެމީހުންގެ ހިޔާޒަތު އޮތުމުގެ ފުރުޞަތު ބޮޑުކަމަށް ބުރަވެވޭއިރު، އޭގެ ތެރެއިން އެކަކަށް އެ ހިޔާޒަތު ނިސްބަތް ކުރެވޭނީ ހެކި ހުރެގެން.

ޗެއިން އޮފް ކަސްޓަޑީ

- ސީނުން ނަގައި އެއްޗެއް މާއްދީ ހެކީގެ ގޮތުގައި ހުށަހަޅާނަމަ، އެ އެއްޗެއް ފުލުހުން އަތުލާގަންނަ ހިސާބުން ފެށިގެން ކޯޓަށް ހުށަހެޅުމާ ހަމައަށް އެ އެއްޗެއް އެކެއްގެ ކިބައިން އަނެކެއްގެ ކިބައަށް އެއްތަނުން އަނެއްތަނަށް ދިޔަގޮތުގެ މެދުކެނޑުމެއް ނެތް ސިލްސިލާ ފެންނަން އޮންނަން ޖެހޭނެ. އެކަން ބަލަހައްޓަނީ ޗެއިން އޮފް ކަސްޓަޑީ ފޯމުން.

- ޗެއިންގެ ސިލްސިލާ މެދުކެނޑިފައިވާނަމަ، މާއްދީ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ސީނުން ނެގުނު ތަކެތިކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮންނާނެ.

- ލެބޯޓްރީ ތަޙްލީލު ކުރުމަށް ނެގޭ ސާމްޕަލްތައް އެތަކެތި ތަޙްލީލުކުރި ލެބޯޓްރީއާ ހަމައަށް ދިޔައީ އެ ނެގި ތަކެތި އެ ނެގި ގޮތަށްކަމަށް ބުރަވެވޭނީ މެދުކެނޑުމެއް ނެތް ޗެއިން އޮފް ކަސްޓަޑީއެއް އޮވެގެން.

- ސާމްޕަލް ނަގައި ސީލްކުރުމަށްފަހު ވަކި ހިސާބަކުން އެތަކެތި ދެބަޔަކަށް ބެހިވާކަން އެނގެން އޮތުމާއި، އެއް ނަންބަރެއްގައި ދެ ޗެއިން އޮފް ކަސްޓަޑީ ފޯމު ގެންގުޅެފައިވުމުން، ސާމްޕަލް ޓެސްޓުކުރި ލެބޯޓްރީއާ ހަމައަށް ސާމްޕަލް ގެންދެވުނީ އެ ނެގި ގޮތަށްކަމަށް ނުބެލެވޭނެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ