ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހިމް ނާފިޛް
- ޤަޟިއްޔާ ނަންބަރު:
- 2012/SC-A/23
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަސްތުވާތަކެތި ޓްރެފިކްކުރުން
- ނިމުނު ތާރީޚު:
- 19/01/20
ފަނޑިޔާރުން
އަޙުމަދު މުޢުތަސިމް ޢަދުނާނު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢާއިޝާ ޝުޖޫން މުޙައްމަދު
މައްސަލައިގެ ޚުލާސާ
ގދ.ނަޑެއްލާ، އަތަމާގެ އިބްރާހީމް ނާފިޛް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އޭނާ އުޅޭ ކޮޓަރީގެ އަލަމާރިއެއްގެ މަތީގައި އޮއްވާ ފެނުނު ސިޓީ އުރައެއްގެ ތެރެއިން 56.8003 ގްރާމް މަސްތުވާތަކެތި ފެނުނެވެ. އިބްރާހިމް ނާފިޛްގެ މައްޗަށް މި މައްސަލައިގައި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޖިނާއީ ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ޙުކުމްކުރީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.އެއީ، އިބްރާހީމް ނާފިޛްގެ މިބާވަތުގެ ކުށުގެ ރިކޯޑެއް ނެތުމާއި، އޭނާގެ ޔޫރިން ޕޮސިޓިވްނުވުމާއި، އޭނާގެ ހަށިގަނޑުން މަސްތުވާއެއްޗެއް ނުފެނުމާއި، އޭނާގެ ފިންގަރޕްރިންޓެއް މަސްތުވާތަކެތިން ނުފެނުމާއި، މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ އެހެން މީހުންވެސް ވަދެ ނުކުމެ ހަދާ ކޮޓަރިއަކަށްވުމާއި، މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ނެގުމާއި، ސީނަށް ހާޒިރުވި ފުލުހުންގެ ހެކިބަހުގައި ފުށުއެރުން ހުރުމުން، އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ކުށް ސާބިތުވާ މިންވަރަށް ފުރިހަމަ ހެއްކާއި ޤަރީނާ ނެތްކަމަށް ބަޔާންކޮށެވެ. މި ޙުކުމް ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ޙުކުމްކުރީ ޖިނާއީ ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. މިއީ ހައިކޯޓުގެ ނިންމުން ޕީޖީ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
-ކުށެއްގެ މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހުމަކީ ކޮބާ؟
-މަސްތުވާތަކެތި އަތުގައި ހުރުމަކީ މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްތަ؟
-މަސްތުވާތަކެތީ ހިޔާޒަތު ސާބިތުކޮށްދޭނީ ކިހިނެއް؟
-އެހެން މީހެއްގެ ހިޔާޒަތުގެ ދަށުން ފެންނަ މަސްތުވާތަކެއްޗަށް މީހަކު ޒިންމާ ނަގާ ޙާލަތުގައި ޢަމަލުކުރާނީ ކިހިނެއް؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ކުށުގެ މުޠުލަޤު މަސްއޫލިއްޔަތު އުފުލަން ޖެހުން
- އާންމު އުސޫލުން މީހަކު ކުށެއް ކުރިކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ މީހާ ކޮށްފައިވާ ކުށުގެ މާއްދީ (ކުށުގެ ޢަމަލު) ރުކުނާއި މައުނަވީ (ކުށުގެ ނިޔަތް) ރުކުން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވުމުންކަން..
- ކުށެއްގެ މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހުމަކީ ކުށުގެ މައުނަވީ ރުކުން ކަމުގައިވާ ކުށުގެ ނިޔަތް އޮތްކަން ނުވަތަ ނެތްކަން ދޭހަކުރެވޭ ކަންކަންކަމުގައިވާ–ގަސްތުގައި އެކަންކުރުން، އެނގިހުރެ އެކަންކުރުން، ބެލުމެއްނެތި އެކަންކުރުން، ފަރުވާތެރިކަމެއްނެތި އެކަންކުރުން –މިއިން އެއްވެސް ކަމެއް ސާބިތުކުރުމަކާއި ނުލައި، ހަމައެކަނި ކުށެއްގެ މާއްދީ ރުކުނުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެކަމުގެ މަސްއޫލިއްޔަތު އުފުލަން ލާޒިމުކުރުވުންކަން.
މަސްތުވާއެއްޗެއް އަތުގައި ހުރުމާއި މުތުލަޤު މަސްއޫލިއްޔަތު
- އަތުގައި ހުރުން / މީހެއްގެ ހިޔާޒަތުގެ ދަށުގައި އެއްޗެއް ހުރުން ކަމަށް ބެލެވޭނީ އެއްޗެއް މީހެއްގެ އަތުގައި ނުވަތަ މީހެއްގެ މާއްދީ ކޮންޓްރޯލްގެ ދަށުގައި ހުރުމަށްކަން.
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައިވާ އިފްތިރާޟުތަކަކީ ކުށުގެ މައުނަވީ ރުކުން ސާބިތުކުރުމަކާއިނުލައި ކުށް ސާބިތުކުރުމުގެ މަޤުސަދުގައި ބަޔާންކޮށްފައިވާ އިފްތިރާޟުތަކެއްނޫންކަން.
- މަސްތުވާއެއްޗެއް މީހެއްގެ އަތުގައި އޮތްކަމަށް ނުވަތަ އެއެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުރި ކަމަށް ބަލައި ދަޢުވާކުރާ ޙާލަތުގައި ޕްރޮސިކިއުޝަނުން ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން ޝަރީޢަތަށް ސާބިތުކޮށްދޭން ޖެހޭނެކަން.
- މަސްތުވާއެއްޗެއް މީހެއްގެ އަތުން ފެނުމަކީ މުޠުލަތު މަސްއޫލިއްޔަތު އުފުލަންޖެހޭ ކަމެއް ނޫންކަން.
މަސްތުވާތަކެތީގެ ހިޔާޒަތު
- މަސްތުވާއެއްޗެއް އަތުގައި އޮތްކަން ސާބިތުވާނީ އަތުގައި މަސްތުވާއެއްޗެއް އޮތްކަން އޭނާއަށް އެނގިގެންކަން އަދި އެ މަސްތުވާއެއްޗެއްގެ މައްޗަށް އެމީހެއްގެ ކޮންޓްރޯލް އާއި ބެލެހެއްޓުންތެރިކަން އޮވެގެންކަން.
- މަސްތުވާއެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން ފެންނަ ޙާލަތުގައި، ކުށް ސާބިތުވާނީ އެ މަސްތުވާ އެއްޗަކާއި އެމީހާއާ ގުޅޭ އިތުރު ހެއްކެއް / ޤަރީނާއެއް / މޯޓިވްއެއް / އެ އެއްޗެއް އޭނާގެ އަތުގައި އޮތްކަން އޭނާއަށް އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެންކަން.
މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ނެގުން
- އެހެން މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުންނަ މަސްތުވާތަކެތީ ޒިންމާ އުފުލައި މީހަކުވާ އިޢުތިރާފަކީ އަބަދުވެސް އެ ބަޔާންދީފައިވާ ޙާލަތަށް ބަލާއިރު ޝައްކު އުފެދޭ މަހައްލެއްގައި ދޭ ބަޔާނަކަށްވާނެތީ، މިފަދަ ބަޔާންތައް ޤަބޫލުކުރުމުގައި ޚާއްސަ ފަރުވާތެރިކަމެއް ބަހައްޓައި، އެ އިޢުތިރާފަށް ބާރު ލިބޭ ނުވަތަ ކޮރޮބޮރޭޓްކުރެވޭކަން ކޯޓުން ކަށަވަރުކުރަންވާނެކަން.
- އެހެން މީހެއްގެ ހިޔާޒަތުގެ ދަށުން ފެންނަ މަސްތުވާތަކެތީގެ ޒިންމާ މީހަކު ނަގާނަމަ، އެކަން ބަލައިގަތުމުގެ ކުރިން، އެ މީހަކު ޒިންމާ ނެގުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކާއި، އެ ވާހަކަތައް ދައްކާފައިވާ ވަގުތާއި، ޙާލަތާއި އަދި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރަންޖެހޭނެކަން.
- މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވިފައިވާ މީހަކު، އެ މީހަކާ ގުޅުން އޮތް މީހަކު ޙިމާޔަތްކުރުމުގެ ގޮތުން ޖިނާއީ ޢަދުލުގެ ނިޒާމު ހަލާކުކޮށްލުމަށް މިފަދަ ކުށަކަށް އިޢުތިރާފުވެދާނެކަން އަދި އެފަދަ މީހެއްގެ އިޢުތިރާފު ކޯޓުން ބަލައިގަނެގެން ނުވާނެކަން.
- މަސްތުވާތަކެތީގެ ޒިންމާ ނަގާ މީހާގެ މައްޗަށް އޭނާގެ އިޢުތިރާފު ހެކި ހުށަހަޅައިގެން ކޮރޮބޮރޭޓްކުރުމުގެ މަސްއޫލިއްޔަތު އޮންނާނެކަން.