ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ޝާން
- ޤަޟިއްޔާ ނަންބަރު:
- 2018/HC-A/360
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 08/07/21
ކަނޑައެޅުނު އުސޫލު
12.1 ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމަށްފަހު، އެ ދަޢުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް މައްސަލަ ނިންމޭނެ އުޞޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެގެން ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި އިބްރާހީމް ފާތިޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ ގައި ބަޔާންކޮށްފައިވެއެވެ. ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަލާފައިވާ މައްސަލައަކީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި ދަށުކޯޓުން ނިންމި ނިންމުމެއް، އިސްތިއުނާފު ރައްދުވާ ފަރާތެއް ނުހިމަނައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. ސުޕްރީމް ކޯޓުން ބެލި އެމައްސަލާގައި އިސްތިއުނާފު ކުރެވުނު ދަށުކޯޓު ގެ މައްސަލައަކީ އެމައްސަލާގައި ދައުލަތުން ކުރި ދަޢުވާގައި، ދަޢުވާ ރައްދުވި ފަރާތުން ހުށަހެޅި ކަންކަމާއި ގުޅިގެން ދަށުކޯޓުން ނިންމި ނިންމުމެއް ކަމަށް ފާހަގަކޮށް އެފަދަ މައްސަލަ ތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި އިސްތިއުނާފަށް ހުށަހެޅިދާނެ ޤާނޫނީ ހަމައެއް ނެތްކަމަށް އެޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.
12.5 ދަޢުވާފޯމު އިސްލާޙުކުރުމާއި ގުޅޭ ގޮތުން ހައިކޯޓުގައި ޢަމަލުކުރެވޭ ގޮތަށް ބަލާއިރު، ހައިކޯޓުން ބަލައިގެންފައިވާ މައްސަލައެއްގައި ހިމެނޭ އެއްވެސް ބައެއް އިޞްލާޙުކުރުމަށް މައްސަލާގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، އެ އިޞްލާޙަކީ މައްސަލަ ހިންގައި ނިންމުމުގައި ކޮންމެހެން ބޭނުން އިޞްލާޙެއްކަމަށް ފަނޑިޔާރުންނަށް ފެނިއްޖެ ޙާލަތެއްގައި، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީ ން، އެބައެއް އިޞްލާޙްކުރުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު އެ މައްސަލައެއް ބަލާ ފަޑިޔާރުންގެ މަޖިލީހަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) ގައި ބުނެއެވެ.
17. ޖިނާއީ ދަޢުވާއެއް ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ މަދަނީ މިންގަނޑުން ވަޒަންކުރާއިރު، އެކަމުގައި ތުހުމަތެއް ކުރެވޭވަރުގެ އެކަށީގެންވާ ހެކި ހުށަހެޅިފައިވޭތޯ ބަލައި، އެ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރަންވާނެކަމާއި، އެގޮތުން އެ ދަޢުވާއަކީ ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްތޯ ނުވަތަ ނޫންތޯ ނިންމުމު ގައި ހުށަހެޅިފައިވާ ހެކިތަކުން އެ ދަޢުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެއެވެ.
18. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ދަށުން ފަނޑިޔާރު ގޮތެއް ކަނޑައެޅުމުގައި، ދައުލަތުންދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކިތަކަށް ފަނޑިޔާރު ބަލާއިރު، ހުށަހެޅިފައިވާ ދަޢުވާގައި ބަޔާންކުރާ ކަންތައްނުވުމަށް ވުރެ އެކަންތައް ވުން ގާތްކަމަށް ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ، އެ ދަޢުވާއަކީ، މައުޟޫޢީ ގޮތުން ބަލަންޖެހޭނެ ދަޢުވާ އެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/434 ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވެއެވެ.