ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙުމަދު ރަޝީދު
- ޤަޟިއްޔާ ނަންބަރު:
- 2022/SC-A/16, 2022/SC-A/18, 2022/SC-A/19
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަސްތުވާތަކެތި ޓްރެފިކްކުރުން
- ނިމުނު ތާރީޚު:
- 23/02/22
ފަނޑިޔާރުން
މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
މައްސަލައިގެ ޚުލާސާ
ތިން މައްސަލައިގައިވެސް ބަހުސް ކުރެވެނީ ޤާނޫނީ އެއް މައުޟޫއެއްގެ މައްޗަށް ކަމަށްވާތީ، މި ތިން މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ އެއް މައްސަލައެއްގެ ގޮތުގައެވެ. ފުރަތަމަ މައްސަލަ 2019 ޖޫން 04 ވަނަ ދުވަހު، ހުޅުމާލެ ގޯތި ނަންބަރު 10361، އަޙްމަދު ރަޝީދު އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ޕީޖީ އޮފީހުން އަޙްމަދު ރަޝީދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. މި މައްސަލައިގައި އަޙްމަދު ރަޝީދު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. އަޙުމަދު ރަޝީދު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުމުން އަޙުމަދު ރަޝީދު ބަންދުގައި ދަމަހައްޓަން ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ނިންމިއެވެ. މި ގޮތަށް ނިމުމުން ހުޅުމާޅެ މެޖިސްޓްރޭޓް ކޯޓަކީ މިފަދަ އަމުރު ނެރުމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓެއް ނޫންކަމަށް ބުނެ އަޙްމަދު ރަޝީދު މި ދެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން މައްސަލަ ނިންމީ އަޙުމަދު ރަޝީދު އާ އެއްކޮޅަށެވެ. އަދި އަޙުމަދު ރަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ނެރެފައިވާ އަމުރުތައް ނެރެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އެ އަމުރުތައް ހައިކޯޓުން ބާޠިލުކުރިއެވެ. ހައިކޯޓުގެ އެ ނިންމުން ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުންވެސް މައްސަލަތައް ނިމިފައިވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. އަޙްމަދު ރަޝީދުގެ ހައްޔަރާ ގުޅޭ އަމުރުތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލްކޮށްފައިވަނިކޮށް، އަދި އެ ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވަނިކޮށް އަޙްމަދު ރަޝީދުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ބަންދު އަމުރު ނެރުމުގެ އިޙްތިޞާޞް ނެތް ކޯޓެއްކަން ހައިކޯޓު އަދި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމަށް ބުނެ މި އަސާސްގެ މައްޗަށް ބިނާކޮށް އަޙުމަދު ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި އޭނާ ދީފައިވާ ބަޔާން އޭނާއާ ދެކޮޅަށް ބޭނުންނުކުރެވޭނެ ކަމަށާއި، ތަޙްޤީޤަކީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ އާއި، 52 ވަނަ މާއްދާއާ ޚިލާފަށް ހިންގާފައިވާ ތަޙްޤީޤެއް ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި ފުލުހުން ހެކި ހޯދާފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ އާއި، 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީ، އެ ތަޙްޤީޤުގެ މައްޗަށް ދަޢުވާވެސް ނުކުރެވޭނެ ކަމަށް ބުނެފައެވެ. އަޙުމަދު ރަޝީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވަނީ މި މައްސަލައިގައި ފުލުހުން ހެކި ހޯދާފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ އާއި، 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީ، އެ ތަޙްޤީޤުގެ މައްޗަށް މި ދަޢުވާ އަޙުމަދު ރަޝީދުގެ މައްޗަށް ނުކުރެވޭނެކަމަށެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމީ އަޙްމަދު ރަޝީދުއާ އެއްކޮޅަށެވެ. މިއީ ހައިކޯޓުގެ ގެ ނިންމުން ބާޠިލްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޖީ އޮފީހުން ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ. ދެވަނަ އަދި ތިންވަނަ މައްސަލަ ދިވެހިރާއްޖެއަށް މަސްތުވާތަކެރި އެތެރެކޮށް، އެތަކެތި ގެންގުޅެ، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން 10 ޖޫން 2019 ދުވަހު ހުޅުމާލެ ފްލެޓް ނަންބަރު 174-2-02 ބަލައި ފާސްކުރުމުން މަސްތުވާތަކެތި ފެނިފައިވެއެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން ގދ.ގައްދޫ، ފުނަމާގެ، އިސްމާޢީލް މީރާން އާއި އޭނާގެ އަންހެނުން މ.ހިއުމިޑް، މަރްޔަމް ތިލްމީޒާގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ބަންދު އަމުރު ނެރުމުގެ އިޙްތިޞާޞް ނެތް ކޯޓެއް ކަމަށް ހައިކޯޓުގެ އަޙްމަދު ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ނިންމި ނިންމުމަށް ޙަވާލާދީ އިސްމާޢީލް މީރާންއާއި މަރިޔަމް ތިލްމީޒާވަނީ މި ދެމީހުންނާ ދެކޮޅަށް މި މައްސަލައިގައި ހޯދާފައިވާ ހެކިތަކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅާފައެވެ. މި ހުށަހެޅުންތަކާމެދު ގޮތް ނިންމަމުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފާހަގަކޮށްފައިވަނީ އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ މައްޗަށް ދަޢުވާކުރެވޭ މައްސަލައިގައި އެ ކޯޓުން ނެރެފައިވާ އަމުރެއް މަތީ މަރުޙަލާގެ ކޯޓަކުން ބާޠިލްކޮށްފައިނުވާތީ، މައްސަލައިގައި ހެކި ހޯދާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން އިސްމާޢީލް މީރާން އާއި މަރިޔަމް ތިލްމީޒާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން މައްސަލަ ނިންމީ މި ދެ މީހުންނާ ދެކޮޅަށެވެ. ހައިކޯޓުގެ ގެ ނިންމުން ބާޠިލްކަމަށް ކަނޑައަޅައިދިނުމަށް އެދި އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން އެ މައްސަލަވެސް ބެލުނީ މި ޤަޟިއްޔާގެ ތެރެއިންނެވެ. |
އިޝޫ
1. އިޖުރާއީ ޢައިބުތައް ގިންތިކޮށް އިޖުރާއީ ޢައިބަކީ ކޮންކަހަލަ ޢައިބެއްތޯ ބަލާނެ އުސޫލަކީ ކޮބައިކަން؟
2. ޤާނޫނާ ޚިލާފު ބަންދެއްގައި ބަހައްޓައިގެން ހިންގާ ތަޙްޤީޤެއްގެ މައްޗަށް ދަޢުވާ އުފުލިދާނެކަން ނުވަތަ ނޫންކަން؟
3. ޤާނޫނާ ޚިލާފަށް ހޯދާ ހެއްކެއް ކޯޓަށް ބަލައިގަނެވިދާނެކަން؟
4. ކޯޓު އަމުރު ދޫކުރުމުގެ އިޚްތިސާސްނެތް ކޯޓަކުން ދޫކޮށްފައިވާ ކޯޓު އަމުރެއް ތަންފީޛުކުރުމުގެ ތެރެއިން ހޯދާ ހެއްކަކީ ކޯޓުން ބަލައިގަނެވިދާނެ ހެއްކެއްކަން ނުވަތަ ނޫންކަން؟
5. ހެޔޮ ނިޔަތުގެ އިސްތިސްނާ ތަޠުބީޤު ކުރެވިދާނެ ޙާލަތްތަކަކީ ކަޮބައިކަން؟
ނިންމިގޮތް
2022/HC-B12/3 ގެ ޙުކުމް ބާޠިލްކޮށް، 2022/HC-B12/06 އަދި 2022/HC-B12/07 ގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި، 363/HMC/2019 އަދި 398/HMC/2019 ގެ ދަޢުވާ ފޯމްތައް ބާޠިލް ނޫން ކަމަށް ކަނޑައަޅައި، މި މައްސަލަތައް ކުރިއަށް ގެންގޮސް ޝަރީޢަތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
އިޖުރާއީ އައިބުތައް ރަނގަޅުކުރުން
- ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި އިޖުރާއީ އައިބުތައް ގިންތިކޮށް ރަނގަޅުކުރުމާމެދު ގޮތްތަކެއް ކަނޑައަޅާފައިވާކަން.
- އިޖުރާއާތެއް އެންމެ ފުރިހަމައަށް ފުރިހަމަވެފައި ނެތް ނަމަވެސް، އެ އިޖުރާއާތު ރަނގަޅު ކުރުމުގެ ފުރުސަތު އޮތްނަމަ އެއީ ފަރުވާދީ ރަނގަޅު ކުރެވިދާނެ އިޖުރާއާތެއްކަން.
- އިޖުރާއީ އައިބުތަކަށް ފަރުވާ ކުރުމުގައި ސުޕްރީމް ކޯޓުން ގެންގުޅޭ އަދާހަމަ ޓެސްޓަކީ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައިވާ ޓެސްޓްކަން.
ޤާނޫނާ ޚިލާފު ބަންދެއްގައި ބަހައްޓައިގެން ތަޙްޤީޤު ކުރިއަށް ގެންދިއުން އަދި އެ މަރުޙަލާގައި ހޯދާ ހެކި ބަލައިގަތުން
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބަންދުގައި ހުންނަ ހުރުމާއި، އެ މީހާގެ މައްޗަށް ހިންގޭ ތަޙްޤީޤާއި ގުޅުމެއް އޮތް ހާލަތެއް ބަޔާންކޮށްފައިނުވާކަން.
- މީހެއްގެ ހައްޔަރު ނުވަތަ ބަންދު ޤާނޫނާ ޚިލާފުކަމަށް ކަނޑައެޅުމަކީ އެ ސަބަބަށްޓަކައި އެ މީހެއްގެ މައްޗަށް ޤާނޫނު ތަންފީޒުކުރާ އިދާރާއިން ހޯދާ ހެކި ޤަބޫލުކުރަންނުޖެހޭ ސަބަބެއްކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނެފައި ނުވާކަން.
ޤާނޫނާ ޚިލާފަށް ހޯދާ ހެކި ބަލައިގަނެވޭނެ ޙާލަތު
- ޢާންމު އުސޫލަކީ ޤާނޫނާ ޚިލާފަށް ހޯދާ ހެކި ބަލައިނުގަތުންކަން. އެހެންނަމަވެސް އެ އުސޫލުގެ މައްޗަށް އިސްތިސްނާ ޙާލަތްތަކެއްވާކަން. މި ގޮތުން؛
1 ޤާނޫނު ތަންފީޒުކުރާ ފަރާތުން ހެޔޮ ނިޔަތުގައި ކުރާ ޢަމަލެއްގެ ސަބަބުން ލިބޭ ހެކި. (Good Faith Exception)
2 މުސްތަޤިއްލު ތިންވަނަ ފަރާތަކުން ނުވަތަ އެހެން ތަޙްޤީޤެއްގެ ތެރެއިން ލިބޭ ހެކި. (Independent Source Doctrine)
3. ޤާނޫނާ އެއްގޮތަށް ޢަމަލުކުރި ނަމަވެސް ފެންމަތި ނުވެ ނުދާނެ ހެކި. (Inevitable Discovery Doctrine) ހިމެނޭކަން.
ހެޔޮނިޔަތުގެ އިސްތިސްނާ
- ޤާނޫނު ތަންފީޒުކުރާ ފަރާތަކުން ޤާނޫނާ ޚިލާފަށް ހެޔޮ ނިޔަތުގައި ކުރާ ޢަމަލެއްގެ ނަތީޖާއިން ހެކިތަކެއް ލިބިޖެއްނަމަ، އިސްތިސްނާއީ ޙާލަތްތަކުގައި އެ ހެކިތައް ކޯޓުތަކުން ބަލައިގަނެވޭނެކަން.
- މިފަދަ ހެކިތައް ބަލައިގަތުމުގައި ކޮންމެ މައްސަލައެއްގެ ވާޤީއާތައް ވަކިވަކިން ބަލަންޖެހޭނެކަން. މިގޮތުން މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި، ޤާނޫނު ތަންފީޒުކުރާ ފަރާތުގެ ޢަމަލުތައް ހުރީ ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ޙާލަތުގައި އޭނާގެ ޢަމަލުތައް ހުންނާނެ ގޮތުގައިކަން ނުވަތަ ނޫންކަމާއި، އޭނާގެ ޢަމަލުން ހީލަތްތެރިކަމެއް ނުވަތަ ނުނިޔަތެއް ފާޅުވާކަން ނުވަތަ ނޫންކަން ވަޒަންކުރަން ޖެހޭނެކަން.
- މިފަދަ ހެކި ބަލައިގަތުމުގައި ފެނިފައިވާ ހެކީގެ ޠަބީޢަތަށްވެސް ރިޢާޔަތްކުރެވިދާނެކަން.
- ޤާނޫނާ ޚިލާފު ޢަމަލަކާމެދު ގޮތް ކަނޑައަޅާއިރު، ޤާނޫނު ތަންފީޒުކުރާ ފަރާތުގެ ޢަމަލުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއްނެތް، ކަނޑައެޅިގެން ޤާނޫނު އެއްފަރާތް ކުރުމުގެ ޢަމަލެއްކަން ނުވަތަ އެ ޢަމަލަކީ ޤާނޫނީ ގޮތުން ދެކޮޅުޖެހޭ، ރަނގަޅު ޢަމަލެއް ކަމުގައި ޤާނޫނީ ގޮތުން ބަހުސްކުރެވޭނެ ޖާގަ ގޮތް ޢަމަލެއްތޯ ބަލަންޖެހޭނެކަން.