މުޙައްމަދު ރާޣިބު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2023/HC-B12/26
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ބަންދު އަމުރު
- ނިމުނު ތާރީޚު:
- 05/04/23
ފަނޑިޔާރުން
މުޙައްމަދު ސަލީމް، ދީބާނާޒް ފަހުމީ، މުޙައްމަދު ފައިޞަލް (ރިޔާސަތު)
މައްސަލައިގެ ޚުލާސާ
05 މާރިޗު 2023 ދުވަހުގެ ވަގުތެއްގައި ދިވެހި ފުލުހުންގެ މާލެ ކަސްޓޯޑިއަލް ކުރިމަތީ ހުރެ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފުލުހަކަށާއި އޭނާގެ އާއިލާއާއި އަނބިދަރީން އުޅޭ ތަނެއް ހޯދައި އެމީހުން އަވީލުމަށް ބުނެ ވީޑިއޯއެއް މެދވެރިކޮށް ބިރުދައްކާ އިންޒާރުދީފައިވާ މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ ވީޑިއޯ ކްލިޕްގައި ވާހަކަ ދައްކާ މީހާގެ އަޑާއި މުޙައްމަދު ރާޣިބް އަޙްމަދުގެ އަޑާއި ގުޅުންހުރި މިންވަރު ދެނެގަތުމަށް ވޮއިސް އެނާލިސިސް ރިޕޯޓު ތައްޔާރުކުރުމަށް އޭނާގެ އަޑުގެ ސާމްޕަލް ނެގުމަށްޓަކައި ހަށިގަނޑުގެ ބޭރުން ސާމްޕަލް ނެގުމުގެ އަމުރަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދުމުން، ޤާނޫނު އަސާސީގެ 244 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) އާއި ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 138 ވަނަ މާއްދާ އާ ޙަވާލާދީ 30 މާރިޗު 2023 ދުވަހު ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވެއެވެ. އެއަށްފަހު، 05 އޭޕްރީލް 2023 ދުވަހު، ހަމަ އެ މައްސަލާގައި ހަށިގަނޑުގެ ބޭރުން ސާމްޕަލް ނެގުމުގެ އަމުރަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދުމުން، ޤާނޫނު އަސާސީގެ 244 ވަަނަ މާއްދާއާއި، ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 119 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، މުޙައްމަދު ރާޣިބް އަޙްމަދުގެ އަޑު ރެކޯޑުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންވާ ގޮތަށް ވާހަކަ ދެއްކުމަށާއި، އަދި ހަށީގަނޑުގެ ބޭރު ފުށުން ފޮޓޯ ނަގަން ދިނުމަށް މުޙައްމަދު ރާޣިބް އަޙްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ. މިއީ، ކްރިމިނަލް ކޯޓުން ފަހުން ނެރުނު އަމުރާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ރާޣިބް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.
އިޝޫ
1. މިއީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާ ތަޠްބީޤް ކުރެވޭނެ ޙާލަތެއްތޯ؟
2. ހަށިގަނޑުގެ ބޭރުން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާނަމަ އެ ސާމްޕަލް ދިނުމަށް ކޯޓުން ލާޒިމްކުރުމަށްޓަކައި ސާމްޕަލް ދޭ މީހަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހަކަށް ވާންޖެހޭނެތޯ؟ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ފިޔަވައި، އެހެން ފަރާތަކަށް ސާމްޕަލް ދިނުމަށް ކޯޓު އަމުރެއް ހޯދުމަށް އެދެވިދާނެތޯ؟
3. ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 119 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހާގެ ސާމްޕަލް ނެގުމުގެ އަމުރަކަށް އެދި ހުށަހެޅޭނީ އެމީހާ ސާމްޕަލް ދިނުމަށް އިންކާރު ކުރާ ޙާލަތުގައި އެކަނިތޯ؟
ނިންމިގޮތް
މުޙައްމަދު ރާޣިބް އަޙްމަދުގެ އަޑު ރެކޯޑުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންވާ ގޮތަށް ވާހަކަ ދެއްކުމަށާއި، އަދި ހަށިގަނޑުގެ ބޭރު ފުށުން ފޮޓޯ ނަގަން ދިނުމަށް މުޙައްމަދު ރާޣިބް އަޙްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާޠިލްކުރާނެ ތަނެއް ނެތްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުއްވި.
ކަނޑައެޅުނު އުސޫލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާ
- މި މާއްދާ ތަޠްބީޤުކުރަންޖެހޭނީ، ޝަރީޢަތަށް ހެއްކެއް ގޮތުގައި ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި، އޭނާގެ ސާމްޕަލެއް ހޯދުން ކަމުގައިވާނަމަ.
- މާނައަކީ، ހެއްކެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި އޭނާގެ ސާމްޕަލް ނެގުން ކަމުގައިވާނަމަ، އެ ސާމްޕަލް ނުދިނުމަކީ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ތެރޭގައި ހިމެނޭ ކަމެއް.
- އެ ނޫން ޙާލަތްތަކުގައި ސާމްޕަލް ނެގުމުގައި ރުޖޫޢަ ވާންޖެހޭނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) އަށް.
ހަށިގަނޑުގެ ބޭރުން ސާމްޕަލް ދިނުމަށް ކޯޓުން ލާޒިމްކުރުމަށްޓަކައި ސާމްޕަލް ދޭ މީހަކީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ
މީހަކަށް ވާންޖެހޭނެތޯ؟ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ނުވާ މީހަކަށް ސާމްޕަލް ދިނުމަށް ކޯޓުން އަމުރުކުރެވިދާނެތޯ؟
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓްރީ ތައްޔާރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންވެފައިވަނީ އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ރ) އަދި (ބ) ގައިކަން.
ސާމްޕަލް ނެގުމުގެ އަމުރަކަށް އެދި ހުށަހެޅޭނީ ހަމައެކަނި ސާމްޕަލް ދިނުމަށް އިންކާރު ކުރާ ޙާލަތުަގައިތޯ؟
- ސާމްޕަލް ދިނުމުގެ ކޯޓު އަމުރަށް އެދެވޭނީ، ސާމްޕަލް ދޭ މީހާގެ ރުހުން އޮތްތޯ/ނެތްތޯ ބެލުމަށްފަހުގައިކަން ދޭހަވާފަދަ ޢިބާރާތެއް 119 ވަނަ މާއްދާގައި ނެތް.
- ކޯޓު އަމުރަކަށް އެދެވޭނީ ސާމްޕަލް ދޭން ދެކޮޅު ހަދާނަމަކަމަށް އެ މާއްދާގައި ޝަރުތުކޮށްފައި ނުވޭ. އަދި އެގޮތަށް އެ މާއްދާ މާނަ ކުރެވިދާނެކަމަށް ނުބެލެވޭ.