އަޙްމަދު ނާޡިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2018/SC-A/52
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
13/12/18

ފަނޑިޔާރުން

ޑރ.އަޙުމަދު ޢަބްދުﷲ ދީދީ، ޢަބްދުﷲ ޢަރީފު، އާދަމް މުޙައްމަދު ޢަބްދުﷲ

މައްސަލައިގެ ޚުލާސާ

މިނިސްޓްރޯ އޮފް އެޓޯލްސް ޑިވަލޮޕްމަންޓަށް 15000 ދިވެހި ދިދަ ބޭނުންވެގެން 31 ޑިސެންބަރު 2003 ދުވަހު ކުރިކަމަށް ބުނާ އިޢުލާނަކާ ގުޅިގެން މ.ނިޔަދުރުގެ، އަޙްމަދު ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕވޓ ލޓޑގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރެ، އެ ކުންފުނީގެ ތަކެއްޗާއި މުވައްޒަފުން ބޭނުންކޮށްގެން، ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ 4 ނަމެއް ބޭނުންކޮށްގެން ލެޓަރހެޑް ހަދައި، އެތަންތަނުގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި، މަކަރާއި ޙީލަތުން މި ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާތީ، އަޙްމަދު ނާޒިމްގެ މައްޗަށް ކުރި މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ. މި ޙުކުމް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ. މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ކްރިމިނަލް ކޯޓުގެ ޙުކުމާއި އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުއްރައްވާފައިވާ ޙުކުމަކީ ބާޠިލް ދެ ޙުކުމްކަމަށް ކަނޑައަޅައި، އަޙްމަދު ނާޒިމްގެ މައްޗަށް ކުރި މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގައި ކަނޑައެޅިއެވެ. 

މިއީ، ސުޕްރީމް ކޯޓުގެ އެ ނިންމުން އެ ކޯޓުން އަލުން މުރާޖަޢާކޮށްދިނުމަށް އެދި އަޙްމަދު ނާޠިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ. 

އިޝޫ

އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ފަހަނަ އަޅައިދިޔުމުގެ ޤަނޫނީ ނަތީޖާއަކީ ކޮބައިތޯ؟ 

ނިންމިގޮތް

ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވަނީ އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން ކަމަށްވާތީ، ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް މުރާޖަޢާކޮށް އެ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި.

ކަނޑައެޅުނު އުސޫލު

އިސްތިއުނާފްކުރުމުގެ ޙައްޤު 

އިސްތިއުނާފް ކުރުމުގެ ޙައްޤަކީ ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުގައި މަޢުޟޫއީ ގޮތުންނާއި އިޙްޠިޞާޞްގެ ގޮތުންނާއި ވަގުތުގެ ގޮތުން ޤައިދުކުރެވިފައިވާ ޙައްޤެއްކަން. 

ވަގުތުގެ ގޮތުން އެ ޙައްޤު ބޭނުންކުރެވޭނީ ދަށު ކޯޓުން ޙުކުމް އިއްވާ ދުވަހުން ފެށިގެން ވަކި މުއްދަތެއް ފާއިތުވުމާ ހަމައަށްކަން. 

ވަގުތުގެ ގޮތުން އިސްތިއުނާފުކުރުމުގެ ޙައްޤު ޤައިދުކުރެވޭނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިގެންވާ ގޮތަށްކަން. 

އިސްތިއުނާފުކުރުމުގެ މުއްދަތު ކަނޑައެޅުމުގައި އެކި ދައުލަތްތަކުގެ ޤާނޫނު ހެދުމުގެ ބާރުތަކުން ބަލަނީ މައިގަނޑު ދެކަމަކަށްކަން. 

ފުރަތަމަ ކަމަކީ، ލަސްވުމެއް ނެތި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޚުޞޫމަތަށް ނިމުމެއް އައިސް އެ މީސްތަކުންގެ ޙައްޤުތަކަށް ސާބިތުކަމާއި އިސްތިޤްރާރުކަން ލިބުމުގެ ޟަރޫރަތްތެރިކަން. 

ދެވަނަ ކަމަކީ، ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރަސަތު ނުލިބޭ ޙުއްޖަތްތައް ހުށަހަޅައި، ދަށު ކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނު މާނަކުރުމާއި ތަޠްބީޤުކުރުމުގައި ހެދިފައި ހުންނަ ކުށްތައް އިސްލަޙުކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އިސްތިއުނާފީ ކޯޓެއްގައި ޗެލެންޖުކޮށް އަލުން ބެލުމުގެ ފުރުޞަތު ދިނުމުގެ ޚަސްމުންނަށް ލިބިދިނުމުގެ ޟަރޫރަތްތެރިކަން. 

މި ދެކަމަށް ބަލައި ތަފާތު ދައުލަތްތަކުގައި އިސްތިއުނާފުކުރުމުގެ މުއްދަތު ކަނޑައެޅިފައިވަނީ ނިސްބަތުން ކުރުކޮށްކަން. 

އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑަނާޅައިނަމަ، އިސްތިއުނާފުކުރުމުގައި ބަލާނީ އިޖުރާއަތުގެ ޤާނޫނުތަކުގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ އާންމު މުއްދަތަށް. މި އާންމު މުއްދަތު އެކި ދައުލަތްތަކުގެ އިޖުރާއަތު ޤާނޫނު ތަކުގައި ތަފާތުކަން. 

މުއްދަތު ފަހަނައަޅާ ދިއުމުން އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ޢާއްމު ހަމައަކުން ގެއްލޭނެކަން. 

މުއްދަތު ހަމަވާފަހުން ހުށަހެޅޭ މައްސަލަތައް ބަލައިނުގަތުމަށް ޚަސްމެއްގެ ފަރާތުން ހުށަހެޅުމަކާ ނުލައިވެސް ކޯޓަށް ނިންމިދާނެކަން. 

މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކުރުމުގެ ނަތީޖާއަކީ އެ މައްސަލައެއްގައި ކޯޓުން ނިންމާފައިވާ ނިންމުން ނިހާއީވެ އެ ނިންމުމަށް ފައިޞަލާކުރަނިވި ބާރު ލިބުންކަން. 

ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރެވުނީ އަމިއްލަ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން ނުވަތަ ހީނުކުރެވޭފަދަ ކުއްލި ޙާދިޘާއެއް ނުވަތަ އެ ނޫންވެސް މަޤުބޫލު އުޒުރެއް މެދުވެރިވުމުގެ ސަބަބުން ނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމަކީ މުޞްތަޙީލުކަމެއް ކަމުގައިވާނަމަ ނުވަތަ އާދަޔާ ޚިލާފު އަދި ފޫނުބެއްދޭވަރުގެ ބުރަޔަކާއި ގެއްލުން ތަޙައްމަލުކުރަންޖެހޭފަދަ ކަމެއް ކަމުގައިވާނަމަ، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވާފަހުން އިސްތިއުނާފުކުރުމުގެ ފުރުޞަތު ދިނުމަކީ ތަފާތު ޤާނޫނީ ނިޒާމުތަކުގެ އިޖުރާއަތުގެ ޤާނޫނުތަކުގައި ބަޔާންވެފައިވާ އުޞޫލެއްކަން. 

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ