އިސްމާޢިލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/SC-A/75
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
20/09/22

ފަނޑިޔާރުން

ޢަލީ ރަޝީދު ހުސައިން (ރިޔާސަތު)، ޑރ.މުޙައްމަދު އިބްރާހިމް، ޑރ.އަޒްމިރާލްދާ ޒާހިރު

މައްސަލައިގެ ޚުލާސާ

އިސްމާޢީލް އިފްހާމް މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާގެ މައްސަލައިގައި އޭނާގެ ފަރާތުންވަނީ މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އިސްމާޢީލް އިފްހާމުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓްތަކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކިތަކެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅާފައެވެ. އިސްމާޢީލް އިފްހާމްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ބޭންކިންގްއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ދޫކުރެވޭނީ އެކައުންޓްގެ ވެރިފަރާތުގެ ނަމާއި، އެކައުންޓް ނަންބަރު ފަދަ މަޢުލޫމާތު ކަމަށާއި، އެކައުންޓުން ކޮށްފައިވާ މުޢާމަލާތްތަކުގެ ތަފްސީލު ދޫކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެކައުންޓް ސްޓޭޓްމަންޓްތަކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ސްޓޭޓްމަންޓްތަކެއްކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގައި ކަސްޓަމަރުންގެ އެކައުންޓްތަކާބެހޭ "އެއްވެސް މަޢުލޫމާތެއް" މިހެން ބަޔާންކޮށްފައި އޮތުމުން، އޭގެ ތެރޭގައި އެކައުންޓް ސްޓޭޓްމަންޓް ހިމެނޭނެ ކަމަށާއި، މި މައްސަލައިގައި އެކައުންޓް ސްޓޭޓްމަންޓްތަކަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ސްޓޭޓްމަންޓްތަކެއްކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްމާޢީލް އިފްހާމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ވަކި ހެއްކަކީ ޝަރީޢަތަށް ބަލައި ނުގަނެވޭނެ ހެއްކެއްކަމަށް ކަނޑައަޅައިދިނުމަށް އެދޭ ޙާލަތު.

ނިންމިގޮތް

އިސްމާޢީލް އިފްހާމް މުޙައްމަދުގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ސްޓޭޓްމަންޓްއަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކި ކަމަށް ހައިކޯޓުން ނިންމި ނިންމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ބާޠިލުކަމަށް ކަނޑައަޅައި، އިސްމާޢީލް އިފްހާމް މުޙައްމަދުގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ސްޓޭޓްމަންޓްއަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއްކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު.

- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރަކީ، އިން އެޑްމިސަބަލް އެވިޑެންސް ކަނޑައެޅުމާބެހޭ މާއްދާކަން. މިއީ ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅުންހުރި އިތުބާރު ހިފޭ ހެއްކާއި، ދަޢުވާގެ މައުޟޫޢުއާ ގުޅުންނެތް، އިތުބާރު ނުހިފޭ ހެކި ވަކިކޮށް، ޖިނާއީ ޝަރީޢަތް ކޯޓުން ވަކިތަރުތީބަކުން ގެންދިއުމަށް މަގުފަހިކޮށްދިނުމަށް ބޭނުން ކުރެވޭ މާއްދާއެއްކަން.

- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން،ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި އެ ހެއްކަކީ ޝަރީޢަތުގައި މައުޟޫއީ ގޮތުން ބެލުމަކާއި ނުލައި އެއާމެދު ގޮތެއް ނިންމޭ ހުށަހެޅުމަކަށް ވާންޖެހޭނެކަން. އެ މަރުޙަލާގައި ހުށަހެޅޭނީ ދެ ފަރާތުގެ ދެމެދު ދެބަސްވާ،ބޮޑު ޤާނޫނީ ބަޙުސަކަށްދާ، އަދި މައްސަލައިގެ މައުޟޫޢުއަށްވެސް އަސަރުކުރާފަދަ ކަންކަން ނޫންކަން.

- ހެއްކެއްގެ ސައްޙަކަން ކަނޑައެޅުމާއި އެ ހެއްކަކަށް ފަނޑިޔާރު ބުރަދަންދޭ މިންވަރު ކަނޑައެޅުމަކީ ތަފާތުކަމެއްކަން. މި މަރުޙަލާގައި ބަލައިގަނެވިދާނެ ހެއްކެއްކަމަށް ފަނޑިޔާރަކު ކަނޑައެޅުމުގެ ނަތީޖާއަކީ އެއީ ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމަށް ނިންމުންކަން އަދި އެއީ ޝަރީޢަތުގެ މަރުހަލާގައި އެ ހެކީގެ ޞައްޙަކަމާމެދު ތައުނުކުރުމުގެ ފުރުސަތު ގެއްލިގެންދާ ކަމެއްނޫންކަން.

- ހެއްކެއް ޝަރީޢަތަށް ޤަބޫލުކުރުމާ ގުޅޭ މައްސަލަތަކުގައި ޢާންމު އުސޫލަކަށް ވާންޖެހޭނީ ކޮންމެ ހެއްކެއް އެއީ މައްސަލައިގައި ވަކި ކަމެއް ސާބިތުކުރުމަށް އޮތް ހަރުދަނާ ހެއްކެއްކަމަށް ބެލެވޭނަމަ ނުވަތަ މައްސަލައާ ސީދާ ގުޅުމެއްވާ ހެއްކެއްކަމަށް ބެލެވޭނަމަ، އެފަދަ ހެއްކެއް އެއީ ޝަރީޢަތުން ޤަބޫލުކުރާ ހެއްކެއްކަމަށް ވެގެންދިޔުންކަން.

ހެއްކަކީ މަތިމަތިން ބަލާބެލުމުގައި ޝަރީޢަތަށް ޤަބޫލުކުރެވިދާނެ ހެއްކެއް ކަމުގައިވާނަމަ އަދި އެ ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއްކަމަށް ދެ ފަރާތު ދެމެދު ޚިލާފުވުން އުފެދޭނަމަ، އެކަމާމެދު ދެން ގޮތެއް ކަނޑައަޅަންވާނީ މައްސަލައިގެ ޝަރީޢަތުގެ ތެރެއިންކަން. ޝަރީޢަތުގެ ކުރިއަށް ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައަށް ސީދާ އަސަރުކުރާ ފަދަ މޭރުމަކުން ދަށު ކޯޓަށްވެސް އަދި އިސްތިއުނާފީ ކޯޓަށްވެސް ގޮތެއް ނުނިންމޭނެކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ