މޫސާ ޤާސިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2020/SC-A/73
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަކަރާއި ޙީލަތްހެދުން
- ނިމުނު ތާރީޚު:
- 08/05/23
ފަނޑިޔާރުން
ޑރ.މުޙައްމަދު އިބްރާހިމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ހުސައިން
މައްސަލައިގެ ޚުލާސާ
މޫސާ ޤާސިމްގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ އާއި، މަކަރާއި ޙީލަތުން ނަގާފައިވާ ފައިސާ ހޯދުމުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އެއީ، އޮޅުވެލި ލާމް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން ލ.މާވަށް،ވިކްޓްރީ ހައުސް، އިސްމާޢީލް ރަފީޢު އަށް ދައްކަންޖެހޭ ސާބިތު ދަރަނީގެ ތެރެއިން އެ ކުންފުނިން ސިވިލް ކޯޓަށް ދައްކާފައިވާ ފައިސާ މިނިސްޓްރީ އޮފް ފިނޭންސަށް އަށް ފޮނުވާފައިވަނިކޮށް،އިސްމާޢީލް ރަފީޢު އަށް ނޭނގި އިސްމާޢީލް ރަފީޢުގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީއެއް ހިފައިގެން ގޮސް،ފިނޭންސް މިނިސްޓްރީން ދޫކުރި ޗެކެއް މޫސާ ޤާސިމް ހިއްސާވާ ކުންފުންޏެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާތީ އެކަމުގެ މައްޗަށް ބަލައިގެންނެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ޙުކުމް ކޮށްފައިވަނީ، މޫސާ ޤާސިމްގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށެވެ. މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމީ މޫސާ ޤާސިމްގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ. މިއީ، ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް މޫސާ ޤާސިމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބެލި މައްސަލައެވެ.
އިޝޫ
1. ކުރިން ޢަމަލު ކުރެވެމުންދިޔަ ޤާނޫނު ނަންބަރު 76/24 ގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ސޮއިގެ ސައްޙަކަން ބެލުމުގައި ޢަމަލު ކުރެވޭނެ ގޮތަކީ ކޮބާ؟
2. ޚަބީރެއްގެ ހެކިބަސް ނަގާއިރު ބަލަންވީ ކަންކަމަކީ ކޮބާ؟
3. ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ މާނައަކީ ކޮބާ؟
4. ދަށު ކޯޓުގައި ތަޢުނުކުރުމުގެ ފުރުސަތު ލިބި މަތީ މަރުޙަލާގެ ކޯޓެއް ތަޢުނުކުރެވިދާނެތަ؟
5. އިސްތިއުނާފުގެ މުއްދަތު ފަހަނަ އަޅައި ދިއުމަށްފަހު އިސްތިއުނާފަށް ހުށަހެޅިދާނެތަ؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައެޅުނު އުސޫލު
ޤާނޫނު ނަންބަރު 76/24 ގެ 4 ވަނަ މާއްދާއަށް ބަލައި ސޮއިގެ ސައްޙަކަން ބެލުމަށްޓަކައި ޢަމަލުކުރާނީ ކިހިނެތް؟
- ކުރިން ޢަމަލުކުރަމުންދިޔަ ހެއްކާބެހޭ ޤާނޫނު، ޤާނޫނު ނަންބަރު 76/24 ގެ 4 ވަނަ މާއްދާގައި، އެއިރު ދިވެހިރާއްޖެ އޮތް ޙާލަތަށް ބަލައި ކަންކަން ސާބިތު ކުރެވިދާނެ ބައެއް ޢާއްމު ހަމަތަކެއްކަން.
- ޤާނޫނުގެ އެ މާއްދާއަކީ، ސޮއި ކަށަވަރު ކުރެވިދާނެ ހަމައެކަނި ގޮތްކަން ބަޔާން ކުރާ މާއްދާ ނޫންކަން. އެ ޤާނޫނުގައި ނެތް ހެއްކާބެހޭ ޝަރުޢީ އަދި ޤާނޫނީ އެތައް އުޞޫލުތަކާއި ހަމަތައް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބަލައިގަނެ ތަތުބީޤު ކުރަމުން ގޮސްފައިވާކަން. އެ ޤާނޫނުގައި ބަޔާން ނުކުރާ ހަރުދަނާ އެހެނިހެން ވަސީލަތްތަކާއި ހެކި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހަޅައިގެން މީހެއްގެ ސޮއި ކަށަވަރު ކުރުމުގެ ދޮރު އެ ޤާނޫނުން ބަންދުކޮށްފައި ނުވާކަން.
ޚަބީރެއްގެ ހެކި ބަސް ބަލައިގަތުން
- ޚަބީރެއްގެ ހެކިބަސް ބަލައި ގަތުމުގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޢަމަލުކުރާ ގޮތަށް ބަލައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުޠަކީ އެ ހެކި ބަހެއް ދޭ ފަރާތުގެ ކިބައިގައި ކަމާއި ގުޅުންހުރި ތައުލީމް ނުވަތަ ތަޖުރިބާ ހުރުންކަން. މި ޝަރުތު ފުރިހަމަ ވޭތޯ ބަލާނީ، ކޮންމެ މައްސަލައެއްގައި ޝަރީޢަތުގެ ކުރިމަށް ހުށަހެޅޭ ކަންކަމުގެ އަލީގައި ފަނޑިޔާރުކަން.
- ޖިނާއީ މައްސަލައެއްގައި، ޚަބީޜަކު ތައްޔާރުކުރާ ރިޕޯޓު ނުވަތަ އޭނާގެ ހެކިބަސް ސައްޙަކަން ކަނޑައެޅުމުގައި، އެ ރިޕޯޓު ތައްޔާރުކުރާ ފަރާތާ މުނާޤަޝާ ކުރަން އެދުމުގެ ޙައްޤު މައްސަލައިގައި ޝާމިލުވާ ކޮންމެ ފަރާތަކަށް ލިބިގެންވާކަން.
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުން
- ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަކީ މުއްތަހަމުގެ މަސްލަޙަތު ހިމާޔަތްކޮށް ދިފާޢުކުރުމުގެ ޙައްޤެއް ކަމަށް ވާއިރު، އެ ޙައްޤު ބޭނުން ހިފުމަކީ އޭނާގެ އިޚުތިޔާރެއްކަން.
- ކޯޓަކުން ޤާނޫނީ ވަކީލެއް ޢައްޔަން ކުރުމުގެ ފުރުސަތު ދިނުމަށްފަހު އެ ފުރުސަތުގެ ބޭނުން މުއްތަހަމު ނުހިފާ ކަމަށް އެ ކޯޓަކަށް ޤަބޫލުކުރެވޭނަމަ، ޤާނޫނީ ވަކީލަކާ ނުލައި މުއްތަހަމު ޝަރީޢަތް ކުރިއަށް ގެންދިއުމަށް އިޚްތިޔާރު ކުރީކަމުގައި ބެލެވޭނެކަން.
ދަށުކޯޓުގައި ތަޢުނުކުރުމުގެ ފުރުސަތު ލިބި، އެކަމަށް ސުވާލެއް އުފައްދާފައި ނުވުން.
- ހައި ކޯޓުގައި ތަޢުނުކުރުމުގެ ފުރުސަތު ލިބި ބަހުސް ކުރެވިފައި ނުވާ ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތަޢުނު ކުރުމުގެ ފުރުސަތު ލިބިގެން ނުވާކަން.
އިސްތިއުނާފުގެ މުއްދަތު ފަހަނަ އަޅައި ދިއުމަށްފަހު އިސްތިއުނާފު ކުރުން
- އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް މެދުވެރިވުމަކީ، އިސްތިއުނާފުގެ މުއްދަތު ފަހަނަ އަޅައި ދިއުމަށްފަހުވެސް އިސްތިއުނާފު ކުރެވިދާނެ އިސްތިސްނާ ޙާލަތެއްކަން.
- ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމަކީ، އިސްތިއުނާފު ކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއްކަން ނުވަތަ ނޫންކަން ބަލައި ވަޒަން ކުރެވިދާނެ މިންގަނޑެއްކަން.