ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހިމް ޝަމީމް
- ޤަޟިއްޔާ ނަންބަރު:
- 2021/SC-A/07
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 28/02/21
ފަނޑިޔާރުން
ޑރ.އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ.މުޙައްމަދު އިބްރާހިމް
މައްސަލައިގެ ޚުލާސާ
ރ. ވާދޫ، ފުރުއްމާގެ އިބްރާހީމް ޝަމީމުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާގެ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ އުމުރުން 19 އަހަރު ނަމަވެސް އެ ކުއްޖާއަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަމަށް ބުނެ މިޕްސްޓްރ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅިއެވެ. މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލައިގަނެވޭނެ ލިޔުމެއްނޫންކަމަށް ބުނެ، ދަޢުވާ ބާޠިލްކޮށްދިނުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހަޅާ އިބްރާހީމް ޝަމީމްގެ ފަރާތުން ހުށަހެޅިއެވެ. އިބްރާހިމް ޝަމީމުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމީ އަނިޔާ ލިބިފައިވާ ކުއްޖާއަށް 18 އަހަރު ވެފައިވުމާއެކު، ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ޝަރީޢަތަށް ސާބިތުކޮށްދެވޭފަދަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ހުށަހަޅާފައިނުވާތީ، މި މައްސަލަ ބެލޭނެ ތަނެއް ނެތްކަމަށެވެ. މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލުކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1.ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބުނާ "ކުޑަކުއްޖަކު" ގެ މާނައިގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވީނަމަވެސް ބުއްދީގެ ތަޞައްރުފު ނުފުދޭ ކުދިން
ނިންމިގޮތް
ކްރިމިނަލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، މި މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ހިންގަންވާނެ ކަމަށް، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި.
ކަނޑައެޅުނު އުސޫލު
12/2009 ގެ 60 ވަނަ މާއްދާގެ (ށ)
- މި މާއްދާގައިވެސް އަދި އެހެން ޤާނޫނެއްގައިވެސް ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަން / މީހެއްކަން ސާބިތުކުރުމަށްޓަކައި ވަކި އިދާރާއެއްގެ ލިޔުމެއް ހުށަހަޅަންޖެހޭކަމަށް ބަޔާންނުކުރާކަން.
- މި މާއްދާގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ނުވަތަ ސަރުކާރު ޤަބޫލުކުރާ ރަސްމީ ލިޔުމެއްތޯ ކަނޑައެޅުމަށްޓަކައި ރިޢާޔަތްކުރަން ޖެހޭނީ މި ބާވަތުގެ ކަންކަން ދިވެހިރާއްޖޭގައި ތަންޒީމުކުރާ ޤާނޫނު ކަމުގައިވާ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނަށްކަން.
- މި މާއްދާގެ ދަށުން ހުށަހަޅާ ލިޔުން ތައްޔާރުކޮށް ސޮއި ކޮށްފައިވަނީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ހުއްދަ އޮންނަ ފަރާތަކުންނަމަ، އެފަދަ ކޮންމެ ލިޔުމެއްވާނީ ސަރުކާރުގެ ނުވަތަ ސަރުކާރުން ޤަބޫލުކުރާ އިދާރާއެއްގެ ލިޔުމުގެ މާނައިގައިކަން.
- ކަމާބެހޭ ޤާނޫނުތަކުން ހުއްދަކުރާ އަދި ހުއްދަ ލިބިފައިވާ ކޮންމެ ފަރާތެއްގެ ލިޔުމެއް މި މާއްދާގެ ބޭނުމަށްޓަކައި ޝަރީޢަތަށް ބަލައިގަނެވޭނެކަން. އެފަދަ ލިޔުމެއް ބަލައިނުގަނެވޭނެ ކަމަށް ކަނޑައެޅޭނީ އެ ރިޕޯޓް ތައްޔާރުކުރި ފަރާތުގެ މަސައްކަތްކުރުމުގެ ހުއްދަނެތުން ފަދަ ޙާލަތެއް ކުރިމަތިވުމުންކަން ނުވަތަ ރިޕޯޓުގައި ހިމެނިފައިވާ ކަންކަމާމެދު ތަޢުނުކުރުމުގެ ފުރުޞަތު ލިބި، އެކަންކަން ޞައްޙަ ނޫންކަމަށް ސާބިތުކޮށްދެވޭ ޙާލަތުގައިކަން.
- މި މާއްދާގައި ވަކި އިދާރާއަކުން ހުށަހަޅަންޖެހޭ ލިޔުމެއްކަމަށް ބަޔާންކޮށްފައިނުވާތީ، ކޯޓުތަކަށް ވަކި އިދާރާއެއްގެ ލިޔުމެއް އޮންނަންޖެހޭނެ ކަމަށް ކަނޑަނޭޅޭނެކަން.