ޢަބްދުﷲ މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/HC-B12/74
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
10/08/22

ފަނޑިޔާރުން

ޙުސައިން މަޒީދު (ރިޔާސަތު)، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު

މައްސަލައިގެ ޚުލާސާ

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު, އެކުއްޖާގެ އުމުރުން 13 އަހަރުން ފެށިގެން ޖިންސީ ގޯނާކޮށް ބްލެކްމެއިލް ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން 5 ޖުލައި 2022 ދުވަހު ޢަބްދުالله މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން އެ މައްސަލައާ ގުޅިގެން 6 ޖުލައި 2022 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް ޢަބްދު الله މުޙައްމަދު ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ. މިއީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މި އަމުރާމެދު ހިތްހަމަނުޖެހިގެން ޢަބްދުﷲ މުޙައްމަދުގެ ފަރާތުން މި އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި އިސްތިއުނާފު ޤަޟިއްޔާއެވެ. 

އިޝޫ

2009/12 (ކުޑަކުދިންނާމެދު ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޙާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން ތުހުމަތުކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމަން ހާޟިރުކުރުމުން، ވަކީލަކު އައްޔަންކުރުމަށް އެދޭ ޙާލަތުގައި ވަގުތީ އަމުރެއް ނެރެވޭނީ އެންމެ ގިނަވެގެން ކިތަށް ދުވަހަށްތޯ؟ 

ކޯޓު އަމުރުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ ޝަކުލިއްޔާތަކީ ކޮބައިކަމާއި، އެންމެ އަސާސީ ޝަކުލިއްޔާތު ފުރިހަމަނުވާނަމަ އޭގެ ނަތީޖާ އަކީ ކޮބާ؟ 

ނިންމިގޮތް

ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: B12C/MA/2022/56 ކޯޓު އަމުރު ބާޠިލްކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން

ކަނޑައެޅުނު އުސޫލު

ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 14 ވަނަ މާއްދާ ތަތްބީޤުކުރާނެ ގޮތް 

- ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރެވިފައިވާ މީހާ ދިފާޢީ ވަކީލަކު ހަމަޖެއްސުމަށް ފުރުޞަތަކަށް އެދުމުން، ޢަމަލު ކުރާނެ އިޖުރާއަތު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ކަނޑައެޅި ސާފުކޮށް ބަޔާންވެގެން ނުވާތީ ފަނޑިޔާރު ރުޖޫޢަވާން ޖެހެނީ ޢާއްމު ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދަށްކަމުގައި ކަމަށާއި، މި ޙާލަތުގައި ނެރޭ ވަގުތީ އަމުރު ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 14 ވަނަ މާއްދާގައި ބުނާ ފަދައިން 05 (ފަހެއް) ދުވަހަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް.

- ބަންދާމެދު ގޮތް ނިންމާ އަޑުއެހުމުގައި ކޯޓުގައި އެދެންވާނީ ބަންދާމެދު ގޮތެއް ނިންމުމުގައި ދިފާޢި ވަކީލެއް އެހީތެރިކަން ބޭނުންވާކަމަށާއި، ތަޙުޤީޤު މަރުހަލާގައި ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެދުނު ނަމަވެސް ބަންދާމެދު ގޮތް ނިންމާ އަޑުއެހުމުގައި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 14  ވަނަ މާއްދާ ތަޠުބީޤު ކުރެވިދާނެކަމުގައި ނުދޭކަމަށް.

ބަންދާމެދު ގޮތެއް ނިންމުމަށްފަހު ނެރޭ ކޯޓު އަމުރުގައި ފުރިހަމަވާން އެންމެ އަސާސީ ޝަކުލިއްޔާތު 

- ކޯޓު އަމުރުގައި ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ޖުމްލަގޮތެއްގައި ނަމަވެސް ބަޔާންކުރުމާއި، އެމީހަކު ބަންދުކުރަން މެދުވެރިވި ޙާލަތާއި، އެ ޙާލަތު އޮތްކަމަށް ދޭހަކޮށްދޭ ހެކި ނުވަތަ ޤަރީނާ ޖުމްލަ ގޮތެއްގައި ނަމަވެސް ބަޔާންކުރަން ވާނެކަމަށާއި، އެނޫންނަމަ އެކޯޓު އަމުރަކީ ބާޠިލް ކޯޓު އަމުރަކަށްވާނެކަމަށް.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ
© ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2026· v1.0.363