ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިިމިން އާދަމް

ޤަޟިއްޔާ ނަންބަރު:
2020/SC-A/42
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
24/03/21

ފަނޑިޔާރުން

ޑރ.މުޙައްމަދު އިބްރާހިމް (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢަލީ ރަޝީދު ހުސައިން

މައްސަލައިގެ ޚުލާސާ

2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު ބޮޑުބޭބެ ކިޔާ ކުޑަ އަންހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީ ޢަމަލު ހިންގާފައިވާތީ، ށ.ނޫމަރާ، ލިލީގެ، ޢަބްދުލްމުހައިމިން އާދަމްގެ މައްޗަށް ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ށ.ނޫމަރާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. މި މައްސަލަ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ކުއްޖާގެ ހެކިބަހާއި، ކުއްޖާގެ މަންމަގެ ހެކިބަހާއި، ކުއްޖާ މިވާހަކަ ކިޔައިދީފައިވާ އާއިލީ ރައްޓެއްސެއްގެ ހެކިބަހާއި، މެޑިކޯ ލީގަލް ރިޕޯޓްއާއި، ކުއްޖާގެ އިޖްތިމާޢީ ހާލަތު ބަޔާންކުރާ ރިޕޯޓްއާއި، ޢަބްދުލްމުހައިމިން ތަޙްޤީޤުގައިވީ އިޢުތިރާފު ބަޔާނާއި، ޝަރީޢަތުގައި ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް، ށ.ނޫމަރާ މެޖިސްޓްރޭޓް ކޯޓުން ޢަބްދުލްމުހައިމިން އާދަމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކުރިއެވެ. މި ޙުކުމް ޢަބްދުލްމުހައިމިން އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ކުއްޖާ ހާދިސާގެ ވާހަކަތައް ކިޔައިދީފައިވަނީ ގިނަ ދުވަސްތަކެއް ފަހުން ކަމަށާއި، އަދި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ކުއްޖާ އެކި މީހުންނަށް ކިޔައިދީފައިވާ ވާހަކަތައް އެއީ ވަކިވަކި ހެކިތަކެއް ކަމުގައި ބެލެވެން ނެތްކަމަށް ބަޔާންކޮށް މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާޠިލުކުރިއެވެ.

މިއީ ހައިކޯޓުގެ ނިންމުން ބާޠިލްކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޤާނޫނު ނަންބަރު: 12/2009 ގެ މަޤްސަދަކީ ކޮބާ؟

2. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކިތަކަކީ ކޮބާ؟

3. ތަޙްޤީޤުގައި ކުށަށް މުއްތަހަމް އިޢުތިރާފުވުމުގެ ނަތީޖާއަކީ ކޮބާ؟

4. ކުއްޖާގެ ކިޔައިދނުން ލަސްވެފައިވޭތޯ ބަލާނީ ކިހިނެއް؟

ނިންމިގޮތް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޤާނޫނު ނަންބަރު: 12/2009 ގެ މަޤްސަދުތައް

- މި ޤާނޫނުގެ މަޤްސަދަކީ:

1. ކުޑަކުދިންނާ ގުޅޭގޮތުން ކުރެވޭ ނޭދެވޭ މިފަދަ ޢަމަލުތައް ހުއްޓުވައި، އެފަދަ ކަންކަން ކުރާ މީހުންގެ ކިބައިން އެކުދިން ސަލާމަތްކޮށްދީ، މިފަދަ ޢަމަލުތައް ކުރާ މީހުންނަށް ހަރުކަށީ އަދަބު ދިނުމާއެކު މި ބާވަތުގެ މައްސަލަތައް ތަޙްޤީޤުކޮށް ހެކި ވަޒަންކުރުމުގައި ޚާއްޞަ އުސޫލުތަކެއް ކަނޑައެޅުން.

2. ހަމައެއާއެކު މި ބާވަތުގެ ކުށްކުރާ މީހުން އާންމުންނަށް އެނގޭނެ ގޮތް ހަދައި، މިބާވަތުގެ ކުށްކުރާ މީހުންނަށް ދައުލަތުން ފާރަވެރިވެވޭނެ ނިޒާމެއް ކަނޑައެޅުން.

3. ޝަރީޢަތަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން މި ބާވަތުގެ މައްސަލަތަކުގައި އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގިަންނަ ހެކީގެ މިންގަނޑު ލުއިކުރުން.

ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާ

- މި ބާވަތުގެ ކުށްތައް ހިނގަނީ ސިއްރިއްޔާތުގައި ކަމަށްވާތީ، މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމަށް 12 ވައްތަރެއްގެ ހެކި ބަޔާންކުރެވިފައިވާ ކަމާއި، މި ހެކިތަކުގެ ޒާތުގައި ވަކިވަކި ހަކިތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މި ޤާނޫނުގެ މަޤްސަދަކީ ކުއްޖާއާމެދު ކަންވިގޮތް ކިޔައިދީފައިވާ ކިޔައިދިނުމުގެ މައްޗަށް ބިނާވެފައިވާ ހެކި ބަހަކީ މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމުގެ މައިގަނޑު އަސާސްކަމަށް ބަލައި، އެ ނޫން ހެކިތަކަކީ ކުއްޖާ ކިޔައިދީފައިވާ ހެކިބަސް ކޮރޮބޮރޭޓްކުރުމުގެ ވަސީލަތްތަކެއް ކަމުގައިި ބެލުންކަން. (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓާފައިވޭ)

ތަޙްޤީްޤުގައިވާ އިޢުތިރާފު

- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ޤަޟައީ ނޫން އެހެން އިޢުތިރާފަކީ ހެއްކެއްކަމަށް ނުބެލެވޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ޝަރީޢަތުން ބޭރުގައި (ތަޙްޤީޤުގައި) ވާ އިޢުތިރާފަކީ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އެ އިޢުތިރާފުގެ މައްޗަށް ބާރު ލިބިދާނެ އިތުރު ދަލީލު ހުރިނަމަ ޤަރީނާއެއްކަން.

- ތަޙްޤީޤުގައިވާ އިޢުތިރާފު މަޙްޟަރުކުރެވިފައިވާ ކިތާބީ ހެއްކެއްގެ ސިފައިގައި ނުވަތަ މުއްތަހަމް ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަހެއްގެ ސިފައިގައި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިދާނެކަން. މިފަދަ އިޢުތިރާފެއްގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި އެއާއެކު ކޮރޮބޮރޭޓްކުރެވޭ އިތުރު ހެކި ޤަރީނާ ހުންނަންޖެހޭނެކަން.

- ތަޙްޤީޤުގައިވާ އިޢުތިރާފަށް ޝަރީޢަތުގައި މުއްތަހަމް އިންކާރުކުރާ ޙާލަތުގައި އެއީ މަޖުބޫރުން ހޯދި ނުވަތަ ދޮގު ބަޔާނެއްކަމަށްވާނަމަ، އެ ބަޔާން އެއްފަރާތްކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އަދި އިންކާރުކުރި ނަމަވެސް އެހެން ހެކިތަކުން އެ އިޢުތިރާފަކީ ސައްޙަ އިޢުތިރާފެއްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ ކުށް ސާބިތުކުރުމުގައި އެ އިޢުތިރާފަށްވެސް ބުރަދަންދެވިދާނެކަން. (މި ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލު މި ޤަޟިއްޔާގައި ދަމަހައްޓާފައިވޭ)

ކުއްޖާގެ ކިޔައިދިނުން ލަސްވެފައިވޭތޯ ބެލުން

- ޤާނޫނު ނަންބަރު: 12/2009 ގެ 47 ވަނަ މާއްދާގެ (ޅ) އަދި (ކ) ގައި ކުއްޖާއާމެދު ކަންތައްވީ ގޮތް ކިޔައިދިނުމަށް ވަކި ވަގުތެއް ކަނޑައަޅާފައިނުވާކަން.

- މިބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ކިޔައިދނުން ލަސްވެފައިވޭތޯ ބެލުމުގެ އަސާސަކީ ހަމައެކަނި އެ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ ޙާލަތުކަން. އެއީ އެކުއްޖާގެ ނަފްސާނީ، ޖިސްމާނީ އަދި ދިރިއުޅުމުގެ ޙާލަތުވެސް ހިމެނޭ ގޮތުންކަން އަދި ކުއްޖާގެ ކިޔައިދިނުން ލަސްވުމަކީ އެކުއްޖާގެ ބަހުގެ ބާރު ދެރަވާނެ ސަބަބެއް ނޫންކަން.

- ކޮންމެ މައްސަލައެއްގައި ކުއްޖާގެ ކިޔައިދިނުން ލަސްވެފައިވޭތޯ ބަލަންޖެހޭނީ ވަކި ވަކިންކަން. އެއީ ކުއްޖާ ވާހަކަތައް ކިޔައިނުދީ މަޑުކުރީ އެކުއްޖާއަށް ނަފްސާނީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ކުރިމަތިވެފައިވާ ޙާލަތެއްގެ ސަބަބުންކަމަށް ވުމުގެ ފުރުސަތު އޮތުމުން އަދި މި ޙާލަތު ކޮންމެ ކުއްޖަކަށް ތަފާތުވާނެކަން. (2 މަސް ދުވަހަކީ މި ބާވަތުގެ މައްސަލައެއް ރިޕޯޓްކުރެވެން ވަރަށް ކުރު މުއްދަތެއްކަން)

- އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހެއްގެ ފުށުން ޖިންސީ ގޯނާގެ ޢަމަލެއް ކުއްޖާއާމެދު ހިނގާ ހާލަތުގައި، ކުއްޖާއަށް އެހެން މީހަކަށް އިތުބާރުކުރަން ދަތިވުމުގެ ސަބަބުންވެސް ވާހަކަތައް ކިޔައިދިނުން ލަސްވެދާނެކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ