އަޙުމަދު ތިޙާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2019/SC-A/92
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުން
ނިމުނު ތާރީޚު:
25/03/21

ފަނޑިޔާރުން

ޑރ.އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢާއިޝާ ޝުޖޫން މުޙައްމަދު

މައްސަލައިގެ ޚުލާސާ

ރިޔާސީ ލޯންޗު "ފިނިފެންމާ" ތެރެއިން އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން، އަޙްމަދު ތިހާމް ލޯންޗަށް އަރައި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ކުށުގެ ވެށިން ނަގައިގެން ގެން ގޮސްފައިވާކަމުގެ ތުހުމަތުގައި ދައުލަތުން އަޙްމަދު ތިހާމްގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހެޅި ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން ނިންމިއެވެ. އެ ނިންމުން އަޙްމަދު ތިހާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން، އަޙްމަދު ތިހާމްގެ މައްޗަށް ކުށް ސާބިތުވި ބަޔަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ތާއީދުކުރިއެވެ.މިއީ ހައިކޯޓުގެ ނިންމުން އަޙްމަދު ތިހާމްގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ސިފައިންގެ ވެރިއަކު ކުރާ އަމުރަކަށް ޖިނާއީ ކުށެއްކޮށްފިނަމަ ޗެއިން އޮފް ކޮމާންޑްގެ ދިފާޢު ލިބޭނެތޯ؟

2. ޝަރީޢަތަށް ހުށަހެޅިފައިވާ ހުރިހާ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުން ލާޒިމްތޯ؟

3. އެއް ޙާދިސާއެއްގައި ހިމެނޭ އެކި ފަރާތްތަކަށް ތަފާތު ޙުކުމެއް ކުރުން ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ގެ (ށ) އާއި ސްޕްރީމް ކޯޓުގެ 2011/SC-SJ/03 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުތޯ؟

4. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ދަޢުވާކުރުމުގައި ސާބިތުކޮށްދޭންޖެހޭ ކަންކަމަކީ ކޮބާ؟

ނިންމިގޮތް

ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލްކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ޗެއިން އޮފް ކޮމާންޑްގެ ދިފާޢު

- ޗެއިން އޮފް ކޮމާންޑްއަކީ ސިފައިންގެ ތެރޭގައި އަމުރުކުރުމުގެ ބާރުތަކާއި މަސައްކަތުގެ ޒިންމާތައް އެންމެ މަތީ ފަޑިން ފެށިގެން ތިރިއަށް ތަރުތީބުވެގެން އަންނަގޮތްކަން.

- މި ދިފާޢަކީ ސިފައިންގެ މީހަކު ކުރާ ޖިނާއީ ކުށަކީ އޭނާގެ މައްޗަށް ހުރި ވެރިއަކު އަންގައިގެން ކުރި ކުށެއްކަމަށް ބުނެ ހުށަހެޅެން އޮތް ދިފާޢެއް ނޫންކަން.

- ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އާއި އެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިފައިންގެ މީހަކު ކުރާކަމަކަށް ނުވަތަ ނުކޮށް ދޫކޮށްލާކަމަކަށް އިމްތިޔާޒު ލިބެނީ އެކަމަކީ ސިފައިންގެ ވެރިޔަކު ކުރާ ޤާނޫނީ އަމުރަކަށް ކިޔަމަންތެރިވުމުގެ ގޮތުން ނުވަތަ ޤާނޫނާ ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން، އެއްވެސް ނުބައި ނިޔަތެއްނެތި ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ޢަމަލުތަކަށްކަން.

- ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 42 ވަނަ މާއްދާގެ ދަށުން ދިފާއެއް ނަގާ އެ މާއްދާގެ ދަށުން މަންފާ ހޯދަން ބޭނުންވާނަމަ އެފަރާތަކުން ޢަމަލުކޮށްފައިވަނީ ޤާނޫނީ ބާރު ލިބިގެން ޤާނޫނީ އިމުގެ ތެރެއިން ޤާނޫނީ ވާޖިބެއް އަދާކުރުމުގެ ތެރެއިންކަން ސާބިތުކޮށްދޭންޖެހޭކަން.

ކޯޓަށް ހުށަހެޅޭ ހުރިހާ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުން

- ހެކިން ހާޒިރުކުރެވި އެ ހެކިން ކޮންމެ ގޮތަކަށް ހެކިބަސް ދިންކަމުގައިވީނަމަވެސް، ޝަރީޢަތަށް ހުށަހެޅިފައި ހުރި ހެކި ނަފީ ކުރެވޭވަރުގެ ހެކިބަހަކަށް ނުވާނަމަ، އެފަދަ ހެކިން ހާޒިރުކުރުން ކޯޓަށް ލާޒިމް ނުވާނެކަން.

- ދަޢުވާސާބިތުކުރުމަށް ބޭނުންވާހެކި، ނުވަތަ އެފަދަ ހެއްކެއް ނަފީކުރެވިދާނެކަމަށް ޤަބޫލުކުރެވޭ ހެކި ފުރޭނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން.

- އެއްވެސް ފަރާތަކުން ހުށަހަޅާފައިވާ ހެއްކެއް ކޯޓަށް ހާޒިރުނުކުރަން ނިންމާނަމަ، އެގޮތަށް ނިންމީ އެކަށީގެންވާ ސަބާބެއްގެ މައްޗަށް ބިނާވެގެންކަމުގައި ވާންޖެހޭނެކަން.

އެއް ހާދިސާއެއްގައި ހިމެނޭ ފަރާތްތަކަށް ތަފާތު ޙުކުމް އައުން

- އެއް ހާދިސާއެއްގައި ހިމެނޭ އެކި މީހުން ތަފާތު ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހުމާއި، އެއްބާވަތެއްގެ ޖިނާއީ މަސްއޫލިއްޔަތު އުފުލި ނަމަވެސް އެ މަސްއޫލިއްޔަތު އުފުލަންޖެހޭ މިންވަރު ތަފާތުވުމަކީ އެކަށީގެންވާކަމެއްކަން.

- ކޮންމެ މައްސަލައެއްގައި ބަލަންޖެހޭނީ އެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ އަމަލާއި ނިޔަތަށްކަން.

- ތުހުމަތުކުރެވޭ މީހާގެ އަމަލާއި ނިޔަތް ނުވަތަ މަޤްޞަދުގެ މައްޗަށް ބަލައި، އެއް ހާދިސާގައި ހިމެނޭ އެކި މީހުންގެ މައްޗަށް ކުށް ސާބިތުވާގޮތް ތަފާތުވެދާނެކަމާއި އަދި ސާބިތުވާ ހާލަތުގައި އަންނަ އަދަބު ތަފާތުވުންވެސް އެކަށީގެންވާކަން.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު (މާއްދީ ރުކުން އަދި މަޢުނަވީ ރުކުން)

- މާއްދީ ރުކުން (actus reus):ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުންހުރި މާއްދީ ހެކި ނެތިކޮށްލުން، ނުވަތަ ބަދަލުކުރުން، ނުވަތަ ފޮރުވުން، ނުވަތަ ފާހަގަނުވާގޮތް ހެދުން، ނުވަތަ ދޮގު ހެކި ބެހެއްޓުން ނުވަތަ ދޮގު މަޢޫލޫމާތު ދިނުން. މި ޢަމަލުތަކުގެ ތެރެއިން މަދުވެގެން އެއް ޢަމަލު ދަޢުވާ ލިބޭ މީހާ ކުރިކަން ދައުލަތުން ސާބިތުކޮށްދޭންޖެހޭނެކަން.

- މައުނަވީ ރުކުން (mens rea): ކުށުގެ ޢަމަލު ކޮށްފައިވަނީ ކާކު ހައްޔަރު ކުރުމަށް ނުވަތަ ކާކުގެ މައްޗަށް ދިފާޢެއް އުފުލުމަށް ނުވަތަ ކާކުގެ ދިފާޢެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ މަޤުސަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ މަޤުސަދުގައިކަން ދައުލަތުން ސާބިތުކޮށްދޭންޖެހޭނެކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ