(ނަން އުނިކުރެވިފައި) ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2025/HC-A/237
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
07/07/26

ފަނޑިޔާރުން

ޙަސަން ޝަފީޢު، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ

މައްސަލައިގެ ޚުލާސާ

މި މައްސަލައަކީ، ނަން ސިއްރުކޮށްފައިވާ މީހާ، އޭނާގެ އޭރުގެ އަނބިމީހާގެ ކޮއްކޮގެ އުމުރުން 08 (އަށެއް) އަހަރުގައި، ބެލެހެއްޓުމަށްޓަކައި އަނބިމީހާގެ ގޭގައި ދިރިއުޅުނު ދުވަސްވަރުގެ ތެރެއިން ދުވަހެއްގައި، އެ ކުއްޖާގެ މޭމަތީގައި އަތްލައި، ކުއްޖާއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ދައްކާފައިވާތީއާއި، އެހެން ދުވަހެއްގައި އެ ކުއްޖާ ފިހާރައެއްގެ ރެކްތަކަށް އެއްޗެހި އަޅަން ހުރި ވަގުތެއްގައި، މީނާގެ ކުރިމަތި ފަރާތް އެ ކުއްޖާގެ ގައިގައި ޖައްސައި، ކުއްޖާގެ މޭމަތީގައި ވަރަށް ބާރަށް ހިފާފައިވާތީއާއި، 2014 ވަނަ އަހަރު ކުއްޖާ މާލެ ބަދަލުވި ފަހުން، އާއިލާގެ މީހުން ހޮސްޕިޓަލުގައި މަޑުކުރުމަށްފަހު، މީނާއާއެކު އެ ކުއްޖާ ދިރިއުޅޭ ގޭގެ ފުރަތަމަ ފްލޯއަށް ފޮނުވުމުން، އެ ކުއްޖާ އެ ގޭގެ ސޯފާގައި އޮށޯވެގެން އޮތް ގަޑީގައި، ކުއްޖާގެ ފައި މީނާގެ ޖިންސީ ގުނަވަނާ ދިމާލަށް ގެންގޮސް، ކުއްޖާއަށް ނިދުމުން މީނާ އޮރިޔާންވެ، އެ ކުއްޖާ މީނާގެ ފަލަމަސްގަނޑުމަތީ ބާއްވާފައިވާތީއާއި، އަދި އެކި ދުވަސް މަތިން އެ ކުއްޖާއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ދައްކައި، ޖިންސީ ނިޔަތެއް އޮވެގެން ކުއްޖާގެ ގައިގައި އަތްލައި ޖިންސީ ގޯނާކޮށްފައިވާތީ، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ މީނާގެ މައްޗަށް އުފުލާފައިވާ މައްސަލައެވެ.

އިޝޫ

ކްރިމިނަލް ކޯޓުގެ ނަންބަރު: 515/Cr-C/2023 ޤަޟިއްޔާއިން ޢަލީ ޙަނީފްގެ މައްޗަށް ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 އަދި 52 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާތީ، ދަށު ކޯޓުގެ ނިންމުން ބާޠިލުކޮށްދިނުން

ނިންމިގޮތް

ދަށުކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިިލީހުގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.

ކަނޑައެޅުނު އުސޫލު

  1. މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ ޝަރީޢަތަށް ގެނެސް ހެކިބަސް ނަގާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއާއި ޚިލާފަށްކަމަށްވުން

    އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، އަނިޔާ ލިބުނު ކުއްޖާއަށް 18 އަހަރު ފުރިފައިވާތީ، އެ ކުއްޖާ ޝަރީޢަތަށް ހާޒިރުކޮށްގެން ހެކިބަސް ނެގުމަށް ދަށު ކޯޓުން ނިންމެވި ނިންމެވުމާ ގުޅިގެންނެވެ. އެއީ، ކުއްޖާގެ ހެކިބަސް ނެގުމުގައި ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް (ކުއްޖާ އިސްތިއުނާފުކުރާ ފަރާތާ އެއް ހާޒިރެއްގައި ނުވާގޮތަށް އަދި ދިފާޢުން ކުއްޖާއާ ސީދާ ސުވާލުކުރުމުގެ ބަދަލުގައި ޤާޟީ މެދުވެރިކޮށް ސުވާލުކުރުމަށް) އެދުމުން، އިސްތިއުނާފުކުރާ ފަރާތުން ކުއްޖާއާ ސީދާ ސުވާލުކުރުމުގެ ފުރުޞަތު ބޭނުންވާކަމަށް ބުނުމުގެ އިތުރުން، ޝަރީޢަތުގެ މަޖިލީހަށް ކުއްޖާ ގެނެސް ހެކިބަސް ނެގުމާމެދު އިއުތިރާޒުކޮށްފައި ނުވާތީއެވެ. ތަޙްޤީޤާއި ދަށު ކޯޓުގެ މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުގެ ބަހުންވެސް، ކުއްޖާ ޝަރީޢަތަށް ގެނެސް ހެކިބަސް ނެގުމާމެދު އިއުތިރާޒުކޮށްފައި ނުވާކަން އެނގެން އޮތުމާއެކު، މި ބަހުސަކީ މި މަރުޙަލާގައި އަލަށް ހުށަހަޅާ ބަހުސަކަށްވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝަރުމީލާ ޝަރީފް ޤަޟިއްޔާއަށް ހަވާލާދީ، މި ނުކުތާއަކީ މި މަރުޙަލާގައި ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫންކަމަށް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ.

  2. ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ހެކީގެ ނިސްބަތް ފުރިހަމަނުވަނީސްކަމަށް ބުނާ ބުނުން

    • - މި ނުކުތާގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކުއްޖާ ޝަރީޢަތަށް ހާޒިރުކޮށްގެން ނަގާފައިވާ ހެކިބަހަކީ ޤާނޫނާ ޚިލާފަށް ނަގާފައިވާ ހެކިބަހެއްކަމަށް ބުނާ ނުކުތާއަކީ މި ކޯޓަށް ބަލައިގަނެ ގޮތެއް ކަނޑައެޅޭނެ ނުކުތާއެއް ނޫންކަމާއި،

    • - މި ނުކުތާގެ ދަށުން އިތުރަށް ފާހަގަކޮށްފައިވަނީ، ކުއްޖާގެ އާއިލާގެ ފަރާތުން ނުފޫޒު ފޯރުވައިގެން ކުއްޖާ ލައްވާ ހަދައިގެން ދައްކާފައިވާ ވާހަކައެއްކަމާއި، ނަމަވެސް މިހެން ބުނުމުގެ އިތުރުން، އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައިނުވާކަމާއި، ހެކި ލިބިފައިނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ފަނޑިޔާރު ހެކި ވަޒަންކުރުމުގައި ގޯހެއް ހަދާފައިވާކަމަށް ބެލެވެން ނެތްކަމާއި،

    • - ކުއްޖާގެ އާއިލާއިން މިވާހަކަތައް ހަދައިގެން ދައްކާފައިވަނީ އިސްތިއުނާފުކުރާ ފަރާތް ކުރިން ކައިވެނިކޮށްގެން އުޅުނީ ކުއްޖާގެ ދައްތައާކަމަށްވެފައި މިހާރު އެހެން މީހަކާ ކައިވެނިކޮށްގެން އުޅޭތީކަމަށް ބުނުމުގެ އިތުރުން މި ދިފާއު ސާބިތުކުރުމަށް ހެކި ހުށަހަޅާފައިނުވާކަމާއި،

  • - ކުއްޖާ ދައްކާ ވާހަކައިގެ ޓައިމްލައިން ދިމާނުވާކަމާއި، އެކަން އެނގޭނެ ލިޔުންތައް ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އެހެން ބުނާނަމަ އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ލިޔުން ހުށަހަޅައި ހެކި ހުށަހެޅުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއްކަމާއި، 

  • - އިސްތިއުނާފުކުރާ ފަރާތުގެ މައިންބަފައިން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިނުވާކަމަށް ފާހަގަކޮށްފައިވާއިރު، ދައުލަތުން ހުށަހަޅާނެ ހެކިން ކަނޑައަޅާނީ ދައުލަތުންކަމާއި، ދިފާއުން ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުމަށް ފުރުސަތު ލިބި އެ ފުރުސަތުގެ ބޭނުން ހިފާފައިނުވާތީ މިކަމާމެދު ގޮތެއް ކަނޑައަޅަން ޖެހޭ ނުކުތާއެއް ނޫންކަމަށް ކަނޑައެޅުއްވިއެވެ. 

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ
© ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2026· v1.0.363