މުސްޠަފާ މުޙައްމަދުދީދީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2020/SC-A/91
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- ޖިނާއީ
- ނިމުނު ތާރީޚު:
- 02/02/22
ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއް ސުޢޫދު، ޑރ.އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)
މައްސަލައިގެ ޚުލާސާ
އަލްފަތުޙު ޙައްޖު ގުރޫޕުގެ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި މުސްތަފާ މުޙައްމަދުދީދީ ހުރެ އެ ކުންފުންޏަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ދޫކޮށްފައިވާ ޙައްޖު ކޯޓާގެ އިތުރަށް އެ އަހަރު މީހުން ޙައްޖަށް ގެންގޮސްދޭނެކަމަށްބުނެ، ޙައްޖަށް ގެންގޮސްދީފައިނުވާތީ މުސްތަފާ މުޙައްމަދުދީދީގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ އާއި ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި ދައުލަތުގެ ފަރާތުން އުފުލިއެވެ. ކްރިމިނަލް ކޯޓުން ޙުކުމްކުރީ ކުށުގެ ޢުންސުރުތައް ފުރިހަމަ ނުވާތީ އާއި ފުރިހަމަ ތަޙްޤީޤެއްގެ ކުރެވިގެން ކޮށްފައިވާ ދަޢުވާއަކަށް ނުވާތީ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ މުސްތަފާ މުޙައްމަދުދީދީގެ މައްޗަށް ސާބިތުނުވާކަމަށެވެ. ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާއާމެދު ކްރިމިނަލް ކޯޓުން ނިންމެވީ ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާއާއި މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ބިނާވެފައިވަނީ އެއް ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށްގެންކަމަށްވާތީ ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާއަކީވެސް ބާޠިލު ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށްގެން ކޮށްފައިވާ ދަޢުވާއަކަށްވާތީ މުސްތަފާ މުޙައްމަދުދީދީގެ މައްޗަށް އުފުލުނު ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާ ބާޠިލުކަމަށެވެ.
ކްރިމިނަލް ކޯޓުން މި ގޮތަށް ޙުކުމް ކުރުމުން އެ މައްސަލަ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާގެ ޢުންސުރުތައް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. އެހެންނަމަވެސް ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާއާގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އަލުން އެ ކޯޓުން ބަލަންޖެހޭނެކަމަށެވެ. އެއީ އެ މައްސަލައިގެ މައުޟޫޢުއަށް ކްރިމިނަލް ކޯޓުން ބަލާފައި ނުވާތީއެވެ.
މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ އަޤައްލިއްޔާ ރައުޔަކީ، މި މައްސަލައަކީ މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެގެން ހައިކޯޓުން ދީފައިވާ ހުއްދައެއްގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު މައްސަލަ ހުށަހަޅަން ދައުލަތަށް ހުއްދަދިން ތާރީޚުން ފެށިގެން މައްސަލަ ހުށަހެޅުމާއި ދެމެދު އެކަށީގެންނުވާ މުއްދަތެއް ފާއިތުވެގެން ގޮސްފައިވާތީ މި މައްސަލައަކީ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލުނު މައްސަލައަކީ މުސްތަފާ މުޙައްމަދުދީދީގެ މައްޗަށް ދައުލަތުން ކުރި ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާ އަލުންބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން އެ ނިންމުން އިލްތިމާސްކުރުމަށް މުސްތަފާ މުޙައްމަދު ދީދީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ.
އިޝޫ
1. ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލަ އިސްތިއުނާފު ކުރުމަށް ހުއްދަދީގެން އަލުން މައްސަލަ ހުށަހަޅާއިރު މުއްދަތު ގުނާނީ ކޮން ގޮތަކަށްތޯ؟
2. އެއް ކުށަކަށް ދެ ފަހަރު އަދަބު ނުދިނުމުގެ މަފްހޫމަށް ޢަމަލުކުރާ ގޮތަކީ ކޮބައިކަން؟
ނިންމިގޮތް
ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔަށް ތާއީދުކޮށް، އެ ޙުކުމް ދަމަހައްޓަންޖެހޭކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
1. ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި އަމިއްލަ ބާރު ނުފޯރާ ފަދަ މަޤްބޫލު ސަބަބުތަކުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލަސްވުން ހިމެނޭކަން.
2. އެއްކުށަކަށް ދެ އަދަބު ނުދިނުން ދުނިޔޭގެ އެކި ޤައުމުތަކުގައި މާނަކުރަނީ އެކި ގޮތަށް ކަމަށާއި އެއީ އެބައެއްގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ސިޔާސަތުތަކަށް ފެތޭގޮތަށް ކަމަށާއި އެއްކުށަކަށް ދެ ފަހަރު އަދަބު ނުދިނުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބުނާ މަފްހޫމަށް ބަލާއިރު؛
- ދަށު ކޯޓުން ކުށެއް ސާބިތު ނުވުމުން އެ ނިންމުން އިސްތިއުނާފު ކުރުމުން އިސްތިއުނާފީ ކޯޓަކުން ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ އެއްކުށަކަށް ދެ ފަހަރު އަދަބު ދިނުން ނޫންކަން.
- އެއް ޙާދިސާއަކާއި ގުޅިގެން އެކެއްގެ މައްޗަށް އެއްފަހަރާ އުފުލާ ތަފާތު ދަޢުވާތައް އެއް ކުށަކަށް ދެ އަދަބު ދިނުމުގެ މަފްހޫމުގައި ނުހިމެނޭނެކަން.
- އެއް ކުށެއްގައި ހިމެނިފައިވާ ހުރިހާ އުންސުރަކީ ހަމަ އަނެއް ކުށުގައިވެސް ހިމެނިފައިވާ އުންސުރުތަކެއްނަމަ އެއީ އެއް ކުށެއްކަމަށް ބެލިދާނެކަން.