އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2022/SC-A/82
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
30/10/22

ފަނޑިޔާރުން

މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޙުސްނުއް ސުޢޫދު

މައްސަލައިގެ ޚުލާސާ

ގދ.ހޯޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް އެ ކޯޓުން ޙުކުމްކުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން ވަނީ އެ ކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލަ ހިންގުމަށްޓަކައި އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކުރުމަށް 07 ޖޫން 2022 ދުވަހު ފުލުހުންގެ މައްޗަށް އަމުރެއް ކޮށްފައެވެ. މިފަދައިން ހައިކޯޓުން އަމުރު ކުރީ އަރުޝަދު ޚާލިދު ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ އެޑްރެހާއި ފޯނު ނަންބަރަކީ މިހާރު އަރުޝަދު ޚާލިދު ދިރިއުޅޭ އެޑްރެސް ކަމުގައި ނުވުމާއި، ފޯނު ނަންބަރަކީ އޭނާ ގެންގުޅޭ ފޯނު ނަންބަރު ކަމުގައި ނުވުމާއި، އަރުޝަދު ޚާލިދު ދިރިއުޅޭ ވަކި އެޑްރެހެއް އެނގިފައި ނުވުމާއި އަރުޝަދު ޚާލިދު ކޯޓަށް ޙާޒިރުވެފައި ނުވުމާއި، އަރުޝަދު ޚާލިދުގެ ހާޒިރުގައި މެނުވީ ޝަރީޢަތް ކުރިއަށް ނުގެންދެވޭނެތީ އާއި، ކޯޓަށް ހާޒިރުނުވެ އޭނާ ފިލާފާނެކަމަށް ބުނެ އެ ސަބަބުތައް ބަޔާން ކުރުމަށްފަހުއެވެ.

އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކުރުމަށް ހައިކޯޓުން ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށްޓަކައި ފުލުހުން އަރުޝަދު ޚާލިދު 10 އޮކްޓޫބަރު 2022 ދުވަހު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައަކީ، އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ޙާޒިރުކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރު ޤާނޫނާ ޚިލާފުކަމަށް ބުނެ، އަރުޝަދު ޚާލިދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1. ޝަރީޢަތް ހިންގުމަށްޓަކައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތް؟

2. ޤާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ) ގައި ބުނާ، އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ހައިކޯޓުގައި މައްސަލަ ބެލުން؟

ނިންމިގޮތް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހައިކޯޓުން ނެރެފައިވާ އަމުރަކީ ބާޠިލު އަމުރެއް ކަމަށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން

ކަނޑައެޅުނު އުސޫލު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުން (ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 174 ވަނަ މާއްދާ)

ޖިނާއީ މައްސަލަތަކުގައި ކޯޓަށް ހާޒިރުވުމާއި، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ މާއްދާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާކަން.

- ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 174 ވަނަ މާއްދާއަށް ބަލާއިރު، ކޯޓު އަމުރެއް ލިބިއްޖެނަމަ، އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވުމަކީ ލާޒިމްކަމެއްކަން އެނގޭކަން. އަދި ކޯޓު އަމުރުގައިވާ ގަޑިއަށް ހާޒިރުނުވުމާއި، ކޯޓު އަމުރު ބަލައި ނުގަތުމަކީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވީ ކަމުގައި ބެލެވޭނެ ދެ ޙާލަތުކަން. މިފަދައިން ޢަމަލުކުރީ ދަޢުވާ ލިބޭ މީހާނަމަ، އެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން.

- 174 ވަނަ މާއްދާގެ (ށ) އަށް ބެލުމުން ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކުރުމުގައި ކުރިން ބުނެވުނު ދެ ޙާލަތު ފުރިހަމަވާންޖެހޭކަން. މިހެންކަމުން ބަންދުގައި ބަހައްޓައިގެން ކޯޓަށް މީހަކު ހާޒިރުކުރުމުގެ ކުރިން އެ މީހާ ހާޒިރުކުރުމަށް ކޯޓުން ނެރެފައިވާ އަމުރެއް އޮތުން ލާޒިމުކަން.

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރު

-ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 52 ވަނަ މާއްދާގައި ޝަރީޢަތްތަކާ ގުޅިގެން ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް ކޯޓަށް ހާޒިރުކުރުމަށްޓަކައި އަމުރު ފޮނުވާނީ އެ ގަވާޢިދުގެ ޖަދުވަލު 15 ގައިވާ ނަމޫނާއާ އެއްގޮތަށް ކަމަށް ބުނެފައިވާކަން.

-ޖަދުވަލު 15 ގައިވާ ކޯޓު އަމުރުގެ ނަމޫނާއަށް ބަލާއިރު، ބަންދުކުރެވޭ މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަންޖެހޭ ތާރީޚާއި ވަގުތު އަމުރުގައި އޮންނަން ޖެހޭކަމަށް ބުނާކަން.

- ކޯޓު އަމުރެއް ލިބި ކޯޓަށް ހާޒިރުނުވާ މީހުންނާއި ކޯޓު އަމުރު ބަލައި ނުގަތް މީހުން ބަންދުކޮށްގެން ވަކި ވަގުތެއްގައި ކޯޓަށް ހާޒިރުކުރުމަކީ، ހުރިހާ ހާލަތެއްގައި ނުކުރެވިދާނެކަމެއްކަން. އެހެންނަމަވެސް ގަވާއިދުގެ ބޭނުމަށްޓަކައި އެފަދަ މީހަކު ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން ކަނޑައަޅާ ވަކި ތާރީޚެއް އޮތުން މުހިއްމުކަން. އެއީ މިފަދަ އަމުރަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެތީ އާއި، މި މަޢުލޫމާތު އެނގުމުން އަމުރު ރައްދުވާ މީހާއަށް އަމުރާ އެއްގޮތަށް ޢަމަލުކުރުމަށް މުހިއްމު މަޢުލޫމާތަށްވާތީކަން.

- ބަންދުކުރެވޭ މީހާ ކޯޓަށް ހާޒިރުކުރެވޭނެ ތަރީޚާއި ވަގުތު އަމުރުގައި ނުހިމަނާ ޙާލަތުގައި، އަމުރުގެ 'އިތުރު ބަޔާން' ގައި އެ އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ކަންތައްކުރަންވާނެ ގޮތުގެ އިރުޝާދު، އަމުރު ރައްދުވާ ފަރާތަށް ދިނުމަށްޓަކައި ހިމެނިދާނެކަން.

- ބަންދުކުރެވޭ މީހާ ކޯޓަށް ހާޒިރުކުރަންޖެހޭ ތާރީޚާއި ވަގުތު އަމުރުން އުނިވުމަކީ އޭގެ ޒާތުގައި އަމުރުގެ ޞައްޙަކަމަށް އަސަރުކުރާނެ ކަމެއް ނޫންކަން. އެއީ މި އަމުރުގެ ދަށުން ބަންދުކުރެވޭ މީހުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ އުސޫލު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައިވާތީކަން.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 76 ވަނަ މާއްދާގެ (ށ) އަދި ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާޢިދުގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ)

 - ބުނެވުނު މާއްދާތަކުގައި ހިމެނޭ "ފިލާފާނެ މީހަކު ކަމުގައި ބެލެވޭ" ހާލަތާއި " ކޯޓަށް ހާޒިރު ނުވާނެ މީހަކު ކަމުގައި ބެލެވޭނެ ހާލަތަކީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 174 ވަނަ މާއްދާ ދަންނަ ހާލަތެއް ނޫންކަން. އަދި މި ހާލަތުތަކަކީ، ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކުރުމުގައި ރިޢާޔަތް ކުރެވޭނެ ހާލަތުތަކެއް ނޫންކަން.

ހައިކޯޓުގެ އަމުރުގައި ސޮއިކުރުން

- ކޯޓުތަކުން ބަލާ މައްސަލައަކީ ކޮބައިކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަން.

- ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރުކުރުމަށާއި ، އެ ނޫން ގޮތަކަށްވެސް މީހުން ހާޒިރުކުރުމަށްޓަކައި ކޯޓުން ކުރާ އަމުރުތަކަކީ، އެ އަމުރުތައް ނެރެދިނުމަށް އެދި ހުށަހެޅުމުން ނެރޭ އަމުރުތަކެއް ނޫންކަން. އެ އަމުރުތަކަކީ މައްސަލަ ހިންގުމަށާއި، އެ ނޫންވެސް ޤާނޫނު ދަންނަ ބޭނުންތަކަށް އެކިއެކި ފަރާތްތައް ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ކަނޑައަޅާ ތާރީޚާއި، ވަގުތު ބަޔާންކޮށް، ނެރޭ އަމުރުތަކެއްކަން. މިފަދަ އަމުރުތަކަކީ ޤާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިސްނާވާ އަމުރުތަކެއްކަން. މިފަދައިން ނެރޭ އަމުރުތަކުގައި ހައިކޯޓުގެ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ސޮއި އޮންނަން ނުޖެހޭކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ