ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހިމް ސާމް އަދި އިތުރު 2 ފަރާތެއް

ޤަޟިއްޔާ ނަންބަރު:
2023/SC-A/23
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
05/06/23

ފަނޑިޔާރުން

ޢަލީ ރަޝީދު ހުސައިން (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، މަޙާޒް ޢަލީ ޒާހިރު

މައްސަލައިގެ ޚުލާސާ

އިސްތިއުނާފު ރައްދުވާ ތިން މީހުންނާއެކު އިތުރު ދެ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ދައުލަތުން ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ބައެއް ހެކިންގެ ކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑު ދިފާޢަށް ހާމަކުރުމަށް ސ.ފޭދޫ މެޖިސްޓްރޭޓު ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވެއެވެ. މި ނިންމުން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. މިއީ ހައިކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެ ކޯޓުން ބެލި މައްސަލައެކެވެ.

އިޝޫ

1- ދައުލަތަށް އޮންނަ ހެކި ހާމަ ކުރުމުގެ އިލްތިޒާމް ތަކަކީ ކޮބާ؟

2- ހެކިވެރިންގެ ކުށުގެ ރެކޯޑް ނުވަތަ ހައްޔަރު ރެކޯޑް ދަޢުވާ ލިބޭ ފަރާތަށް ދޫކުރަންޖެހޭތޯ؟

ނިންމިގޮތް

ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން.

ކަނޑައެޅުނު އުސޫލު

ދައުލަތަށް އޮންނަ ހެކި ހާމަ ކުރުމުގެ އިލްތިޒާމް

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ: ކޮންމެ ޖިނާއީ މައްސަލައެއްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ހެކި / މަޢުލޫމާތު  / ލިޔެކިޔުންތައް ދަޢުވާ ލިބޭ މީހާއަށް ދައުލަތުން ހާމަކުރުން ލާޒިމުވާނެކަން. މީގެ ތެރޭގައި ދިފާޢު ބިނާކުރުމަށް ދަޢުވާ ލިބޭ މީހާއަށް މުހިންމު ލިޔުންތަކާއި، ދަޢުވާ ލިބޭ މީހާއާ އެއްކޮޅަށް ހުރި އެންމެހައި ލިޔުންތަކާއި، އަދި ދައުލަތުން ހުށަހަޅަން ގަސްތުކުރާ އެންމެހައި ހެކީންގެ ނަމާއި އެޑްރެސް ހިމެނޭ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާ: ދައުލަތުން ހާމަކުރަންޖެހޭ މަޢުލޫމާތެއް މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބަކަށްޓަކައި ހާމަނުކުރުމަށް ނުވަތަ ވަކި މިންވަރެއް އެކަނި ހާމަކުރުމަށް ނުވަތަ ހާމަކުރުން ފަސްކުރުމަށް އެދި ރައްކާތެރިކުރުމުގެ އަމުރަކަށް އެދެވިދާނެކަން.

އަންނަނިވި ޙާލަތްތަކުގައި ފިޔަވައި، މައްސަލައެއްގައި ހުރި ހުރިހާ މަޢުލޫމާތުތަކަކީ ދަޢުވާ ލިބޭ މީހާއަށް ލިބިދާނެ މަޢުލޫމާތުކަމަށް ޤާނޫނީ ގޮތުން އިފްތިރާޟްކުރަންޖެހޭކަން. އެފަދަ މަޢުލޫމާތެއް ހިއްސާކުރަން ދައުލަތުން އުޒުރުވެރިވާނަމަ، އަންނަނިވި ސަބަބުތަކުން ކުރެ ސަބަބެއް ބަޔާންކުރަންޖެހޭނެކަން:

1. އެ މަޢުލޫމާތެއް ހާމަނުކުރުމަށް ރައްކާތެރިކުރުމުގެ އަމުރެއް ނެރެފައިވާވުން.

2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ)، (ރ)، (ޅ) އަދި (ކ) ގައިވާ ގޮތުގެ މަތިން މެނުވީ ދައުލަތުގެ އިދާރާއެއްގެ އެކަނި ބޭނުމަށްޓަކައި ތައްޔާރުކުރާ ރިޕޯޓާއި ލިޔެކިޔުންތަކަށްވުން.

3. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ) އަދި (ޅ) ގައިވާ ގޮތުގެ މަތިން މެނުވީ ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ ވަކީލަކަށް ހެކިވެރިއަކު ނުވަތަ ހެކިވެރިއަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާނެއްކަމުގައިވުން.

ސިއްރު ހެކިވެރިން ފިޔަވައި އެހެން ހެކިވެރިންގެ ކުށުގެ ނުވަތަ ހައްޔަރު ރެކޯޑް ދަޢުވާލިބޭ ފަރާތަށް ދޫކުރުން

- އެއްވެސް ޤާނޫނެއްގައި މުތުލަޤުކޮށް މި ރިކޯޑްތައް ދިނުން މަނާކޮށްފައިނުވާކަން..

- ހެއްކާބެހޭ ޤާނޫނުގެ 47،48،110 އަދި އެ ޤާނޫނުގެ 15 ވަނަ ބާބުގައި އަށް ރިޢާޔަތްކުރާއިރު، މިފަދަ ރިކޯޑްތަކަކީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަންފާ ދަޢުވާލިބޭ ފަރާތަށް ލިއްބައިދިނުމަށްޓަކައި އަދި ދިފާޢު ތައްޔާރުކުރުމަށްޓަކައި، ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުކަން.

- ހެއްކާބެހޭ ޤާނޫނުގެ 47 އަދި 48 ވަނަ މާއްދާ އަދި އިތުބާރުގެ އުސޫލާ ގުޅުވައި ހެކިވެރިޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަނުވާކަމަށް ދިފާޢަށް ޗެލެންޖްކުރުމުގެ ފުރުސަތު އެ ރިކޯޑްތައް ބޭނުންކޮށްގެން އޮންނާނެކަން.

- ޤާނޫނުއަސާސީން ލިއްބައިދޭ ކުށަކުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަދި ހެއްކާބެހޭ ޤާނޫނުގެ ރޫހާ އެއްގޮތަށް މާނަކުރާނަމަ، ޝަރީޢަތުގެ ކުރިން ހެކިވެރިއެއްގެ ކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑަކީ ދޭން ނުޖެހޭ މަޢުލޫމާތެއްކަމަށް ނިންމުމުގެ ނަތީޖާއަކަށްވާނީ، ދިފާޢުން އެ މަޢުލޫމާތު ބޭނުންކުރާނީ ކިހިނެއްކަން ނޭނގި، އެކަމަށް ބަހުސްކުރުމުގެ ފުރުސަތެއް ނެތި ގޮތް ކަނޑައެޅިގެން ދިޔުންކަން.

ހެއްކާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ރިކޯޑްތަކަށް ބުރަދަން ދޭނެކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ޝަރީޢަތުގެ މަރުޙަލާގައި ދެ ފަރާތުން ދައްކާ ވާހަކަތަކުގެ މައްޗަށް ބިނާކޮށްގެންކަން. ޝަރީޢަތުގެ ކުރިން އެ މަޢުލޫމާތު ދިފާޢަށް ހިއްސާކުރުމެއްނެތި ފަނޑިޔާރަށް އެ މަޢުލޫމާތު ވަޒަންނުކުރެވޭނެކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ