ޙަމްދާން އަޙުމަދު ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2021/SC-A/98
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ނިމުނު ތާރީޚު:
05/12/21

ފަނޑިޔާރުން

ޢަލީ ރަޝީދު ހުސައިން (ރިޔާސަތު)، ޑރ.އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު

މައްސަލައިގެ ޚުލާސާ

ތ. ވޭމަންޑޫ / ދޭލިޔާގެ، ޙަމްދާން އަޙްމަދު ޝަރީފްގެ މައްޗަށް ތުހުމަތުކުރެވުނު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ތ.މަޑިފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމިއެވެ. މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙަމްދާން އަޙްމަދު ޝަރީފްގެ ފަރާތުން އިސްތިއުނާފްކުރުމުން ތ.ތިމަރަފުށީ މެޖިސްޓްރޭޓު ކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިއެވެ. މިއީ ހައިކޯޓުގެ ނިންމުން ޤާނޫނާއި ޚިލާފުކަމަށް ބުނެ ޙަމްދާން އަޙްމަދު ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ. ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއްކަމަށް ޙަމްދާން އަޙުމަދު ޝަރީފުގެ ފަރާތުން ފާހަގަކުރި ނުކުތާއަކީ، ހައިކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ 26 އަދި 27 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނާ ބުނުމެވެ.

އިޝޫ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ހަނުހުރުމުގެ ޙައްޤު ހިފެހެއްޓޭނީ ކޮން ޙާލަތެއްގައި؟

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

- ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ހަނު ހުރުމުގެ ޙައްޤު ހިފެހެއްޓިގެންވާކަމަށް ބަޔާންކޮށްފައިވާކަން. އެ ޤާނޫނުގެ ދަށުން ތުހުމަތު ކުރެވޭ މައްސަލައެއްގައި ބަންދު ކުރެވޭ މީހާއަށް ހަނުހުރުމުގެ ޙައްޤު އެއްވެސް މިންވަރަކަށް ލިބިގެން ނުވާކަމަށް އެ މާއްދާގައި ބުނެފައިވާކަން.

- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބުނާ ގޮތުން އެ މާއްދާގެ ދަށުން ހަނުހުރުމުގެ ޙައްޤު ހިފެހެއްޓޭނީ ހަމައެކަނި ބަންދުގައި ހުންނަ ޙާލަތުގައި އެކަނިކަން. ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައި ހުންނަ ޙާލަތުގައި އާންމު އުސޫލާއި އެއްގޮތަށް ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން.

- ހަނުހުރުމުގެ ޙައްޤު ޤާނޫނީގޮތުން ލިބިގެންވާ މީހަކަށް އެ ޙައްޤު ލިބިނުދެވޭނެ ކަމުގައި ބަލައިގެން، އޭނާގެ ފަރާތުން މަޢުލޫމާތު ހޯދޭނަމަ، އެއިގެ ނަތީޖާއަކީ ކުށެއް ކުރިކަމުގެ ތުހުމަތުގައިވާ މީހާ އެ ޙާލަތުގައި ހުރެ ދީފައިވާ ބަޔާންތައް ނުވަތަ ދައްކާފައިވާ ވާހަކަތައް އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމުގައި ހެކީގެ ގޮތުގައި ބޭނުން ނުކުރެވުންކަން. އެފަދަ ހެކި ވާނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ޤާނޫނާއި ޚިލާފަށް ހޯދާފައިވާ ހެއްކަށްކަން.

- ތުހުމަތުކުރެވޭ މީހާއަށް ހައްޔަރުގައި ހަނުހުރުމުގެ ޙައްޤު ނުދީ ހިފަހައްޓާ ޙާލަތުގައި، ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް ބުރަވުމުގައި އޭނާ ބުނި ބަހެއް ނުހިމެނޭނަމަ، އަދި ތުހުމަތުކުރެވޭ ކުށްކުރިކަމަށް ބެލެވޭ އެކަށީގެންވާ ހެކި ހުރެފައި ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި އޮތްނަމަ ބަންދުގައި ބަހައްޓަން ނިންމާ ނިންމުމަށް އަސަރެއް ނުކުރާނެކަން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ