ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ފިރުޝާން
- ޤަޟިއްޔާ ނަންބަރު:
- 2025/HC-B12/35
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ބަންދު އަމުރު
- ނިމުނު ތާރީޚު:
- 30/10/25
ފަނޑިޔާރުން
އިބްރާހިމް މާހިރު، ފާތިމަތު ފަރުހީޒާ، ޢަބްދުالله ޖަމީލް މޫސާ
މައްސަލައިގެ ޚުލާސާ
ޢަބްދުﷲ ފިރުޝާންގެ މައްޗަށް ތުހުމަތުކުރެވެނީ 15 ޖަނަވަރީ 2025 ދުވަހު 08:17 އެހައިކަށްހައިއިރު، އިތުރު ބަޔަކާ ބައިވެރިވެގެން ކ.މާލެ، ރަތްވިލާހިނގުމުން ސައިކަލުގައި ދުއްވާފައި ދިޔަ އދ.މަހިބަދޫ، ބަހާރުގެ، ޢަލީ ޖީލާންއަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުﷲ ފިރުޝާން ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު: 145-J/HA/2025/149 (23 މާރިޗު 2025) ކޯޓު އަމުރުން ޢަބްދުﷲ ފިރުޝާން ހައްޔަރުކުރުމަށް އަމުރު ކުރައްވާފައިވެއެވެ. އެ އަމުރުގައި ޢަބްދުﷲ ފިރުޝާން ހައްޔަރުކުރުމަށް ބޭނުންވާ ސަބަބަކީ 15 ޖަނަވަރީ 2025 ދުވަހު 08:17 އެހައިކަށްހައިއިރު، ކ.މާލެ، ރަތްވިލާހިނގުމުން ސައިކަލުގައި ދުއްވާފައި ދިޔަ އދ.މަހިބަދޫ، ބަހާރުގެ، ޢަލީ ޖީލާންއަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލާގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. މަައްސަލާގައި ލިބިފައިވާ ހެއްކާއި ޤަރީނާއަކީ ދިވެހި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓްތައް ކަމަށް އަމުރުގައި ބަޔާންކުރައްވާފައިވެއެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު: 145-J/HA/2025/149 (23 މާރިޗު 2025) ކޯޓު އަމުރުގެ ދަށުން ޢަބްދުﷲ ފިރުޝާން ހައްޔަރުކުރުމަށްފަހު، 25 މާރިޗު 2025 ދުވަހު ޢަބްދުﷲ ފިރުޝާން ބަންދުގައި ބަހައްޓައިދިނުމަށް އެދުމުން ކްރިމިނަލް ކޯޓުގެ ނަންބަރު: 145-J/MA/2025/584 (25 މާރިޗު 2025) އަމުރުން ޢަބްދުﷲ ފިރުޝާން މައްސަލައިގެ ތަޙުޤީޤު ނިމެންދެން ބަންދުކުރުމަށް އަމުރުކުރައްވާފައިވެއެވެ. ޢަބްދުﷲ ފިރުޝާން ބަންދުކުރުމަށް އަމުރުކުރައްވާފައިވަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2021-SC-REG-01 (ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މައްދާގެ (ނ) ގެ (1)، (3)، (4)، އަދި (6) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވާތީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަން އެނގެން އޮވެއެވެ. އެ އަމުރުގައި ޢަބްދުﷲ ފިރުޝާން ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށްކަމަށް ކަނޑައަޅާފައިވެއެވެ.
މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްފަހު، ދަޢުވާކުރުމަށް އެދި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމާއެކު، ޢަބްދުﷲ ފިރުޝާން ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް މިއޮފީހުން އެދުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު: 145-J/MA/2025/901 (06 މޭ 2025) އަމުރުން ޢަބްދުﷲ ފިރުޝާން މައްސަލައިގެ ޝަަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރައްވާފައިވެއެވެ. ޢަބްދުﷲ ފިރުޝާން ބަންދުކުރުމަށް އަމުރުކުރައްވާފައިވަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2021-SC-REG-01 (ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މައްދާގެ (ނ) ގެ (1)، (3)، (4)، އަދި (6) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވާތީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަން އެ އަމުރުން އެނގެން އޮވެއެވެ.
މައްސަލާގައި ދަޢުވާ އުފުލައި، އިބްތިދާއީ އަޑުއެހުންތައް ފެށިފައިވަނިކޮށް، ޢަބްދުﷲ ފިރުޝާންގެ ފަރާތުން ބަންދު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B4/(296-2025)/2025/04 (02 އޮކްޓޫބަރު 2025) ކޯޓު އަމުރުން ޢަބްދުﷲ ފިރުޝާން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް މައްސަލަ ބައްލަވާ ފަނޑިޔާރު ނިންމެވިއެވެ. ޢަބްދުﷲ ފިރުޝާންގެ މައްޗަށް ކޯޓުން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށް ކުރައްވާފައިވަނީ އަންނަނިވި ޝަރުތުތަކެވެ.
(i) ބަންދުން ދޫކޮށްލާފައި ހުންނައިރު އިތުރު ކުށެއް ނުކުރުން.
(ii) ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުން.
(iii) ޚާއްޞަ ހާލަތެއް މެދުވެރިގެން މެނުވީ، ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 06:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން.
(iv) ހެކިންނަށް ނުފޫޒު ނުފޯރުވުން
އިޝޫ
އިސްތިއުނާފްކުރެވޭ އަމުރުގައި ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމާމެދު ފަނޑިޔާރު ސުވާލު އުފައްދަވާފައިވެއެވެ. ނަމަވެސް މި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ހުށަހެޅިއިރު، ހުށަހަޅާފައިވާ ހެއްކާއި، މައްސަލައިގެ ތަޙުޤީޤު ނިމެންދެން ބަންދުކުރި އަމުރު ނެރުއްވިއިރު ހުށަހެޅި ހެއްކާއި، މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރު ނެރުއްވިއިރު ހުށަހަޅާފައިވާ ހެކީގެ މައްޗަށް ބިނާކޮށް މި މައްސަލާގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަން އެނގެއެވެ. އަދި އޭގެ ފަހުން މައްސަލާގައި ދަޢުވާ އުފުލުނުއިރު، ދަޢުވާ ސާބިތުކުރުމަށް މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، މައްސަލާގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ އެންޑް އިމޭޖެ އެނާލިސިސް ރިޕޯޓުގައި ޢަބްދުﷲ ފިރުޝާން މި މައްސަލާގައިި އަނިޔާ ލިބުނު މީހާއަށް ހަމަލާދޭ މަންޒަރު ފެންނަކަމާއި، އެ ރިޕޯޓުގައި ފެންނަ މީހާއާއި ޢަބްދުﷲ ފިރުޝާންއާ އެއްގޮތް ސިފަތަކެއް ހުރިކަކަމަށް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ސުވާލު އުފެދިފައިވަނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބަހައްޓަންޖެހޭފަދަ ސަބަބެއް އޮތްކަމާމެދުއެވެ. އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ފިރުޝާން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B4/(296-2025)/2025/04 (02 އޮކްޓޫބަރު 2025) ކޯޓު އަމުރުގައި ކަނޑައެޅިގެން ފާހަގަކުރައްވާފައި ނެތްނަމަވެސް، ޢަބްދުﷲ ފިރުޝާން ބަންދުން ދޫކޮށްލައިފިނަމަ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތްކަމާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުޞަތު އޮތްކަމަށް ސީދާ ފަނޑިޔާރުވެސް ޤަބޫލުކުރައްވާކަން އަމުރަށް ބެލުމުން އެނގެއެވެ. އެއީ ބަންދުން ދޫކުރުމުގައި ކަނޑައެޅުއްވި ޝަރުޠުތަކީ ޢަބްދުﷲ ފިރުޝާން ބަންދުން ދޫކޮށްލައިފިނަމަ، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް އިޙްތިމާލު ކުޑަކުރެވޭނެ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުޞަތު ކުޑަކުރެވޭނެ ޝަރުޠުތަކެއްކަމަށް ފަނޑިޔާރު އަމުރުގައި ފާހަގަކުރައްވާފައިވާތީއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އޚމ) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތައް އިސްތިއުނާފްކުރެވިފައިވާ މި ނިންމެވުމަށް ތަތްބީޤްކުރާއިރު، މި އަމުރުގައި ޢަބްދުﷲ ފިރުޝާން ޝަރުޠުތަކާއެކު ބަންދުން ދޫކުރެއްވުމަށް ނިންމަވާފައިވަނީ ކޮން ޤާނޫނަކާ ޙަވާލާދެއްވައިކަން އެނގޭކަށް ނެތެވެ. މީހުން ޝަރުޠުކޮށް ބަންދުން ދޫކުރުމަކީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ ދަށުން ފަނޑިޔާރުންނަށް ލިބިފައިވާ އިޚްތިޔާރެކެވެ. މި މައްސަލާގައި ޢަބްދުﷲ ފިރުޝާން ބަންދުކޮށްފައިވަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގެ ދަށުން ބަންދުކުރާ މީހަކު ޝަރީޢަތް ނިމުމުގެ ކުރިން ބަންދުން ދޫކޮށްލުމަކީ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއް ކަމަށްނުވާތީ މި އަމުރު ނެރުއްވުމުގައި، ޤާނޫނުން ލިބިފައިނުވާ އިޚްތިޔާރެއް ފަނޑިޔާރު ބޭނުންކުރައްވައި، ޤާނޫނާ ޚިލާފަށް އަމުރު ނެރުއްވާފައިވުމެވެ.
ނިންމިގޮތް
ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B4/(296-2025)/2025/04 (02 އޮކްޓޫބަރު 2025) ކޯޓު އަމުރުން ޝަރުޠުތަކާއެކު ޢަބްދުﷲ ފިރުޝާން ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުން ބަދަލުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވައި ޙުކުމްކުރެއްވި.
ކަނޑައެޅުނު އުސޫލު
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ބަންދުކުރާ މީހުން ޝަރީޢަތް ނިމުމުގެ ކުރިން ބަންދުން ދޫކޮށްލުމަކީ ޤާޟީއަށް ލިބިފައިވާ އިޚްތިޔާރެއް ނޫންކަމަށް ހުށަހެޅި ނުކުތާއަކީ ދަށު ކޯޓުގައި ހުށަހެޅި ބަހުޘެއްކަން އެނގެން ނެތުމުން، އިސްތިއުނާފީ މަރުޙަލާގައި އެ ބަހުޘް ހުށަހެޅުމަށް ފުރުޞަތު ދީފިނަމަ، އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފީ މަރުޙަލާއަކުން މަޙްރޫމްވެގެންދާނެ ކަމަކަށް ވާނެތީއާއި،
މި މައްސަލާގައި ނިއުޅެމުން ދިޔަ ހެކީގެ މައްޗަށް ބިނާކޮށް މައްސަލާގައި ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމަށްވާތީއާއި، އެ ގޮތުން ތަޙުޤީޤު މަރުހަލާގައި ތުހުމަތުކުރެވުނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވީކަމަށްވާއިރު، ދަޢުވާ އުފުލިއިރު ތުހުމަތު ބަދަލުވެގެން ދިއުމާއި، އެ ގޮތުން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަށްފަހު އެކަން ކުރި މީހާ އެތަނުން ދިޔަ ފަހުން މީނާ އެ ތަނަށް ގޮސް އަނިޔާ ލިބުނު މީހާގެ ގައިގައި ޖެހިކަމަށް ދަޢުވާގައި އޮތުމާއި، ފުރަތަމަ ހުށަހެޅުނު ހެކީގެ ނިސްބަތަށް ބަލާއިރު، ފަހުން ލިބިފައިވާ ހެކިންގެ ހެކިބަހުގައި ޢަބްދުﷲ ފިރުޝާން އެ ތަނުން ނުފެންނަކަމަށް ބުނެފައިވުމެވެ.