ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2014/SC-A/19
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ޚިޔާނާތްތެރިވުން
ނިމުނު ތާރީޚު:
02/03/20

ފަނޑިޔާރުން

މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޙުސްނުއް ސުޢޫދު، ޢާއިޝާ ޝުޖޫން މުޙައްމަދު

މައްސަލައިގެ ޚުލާސާ

ދ.މީދޫ، އޮއިވަރު ޝަރުމީލާ ޝަރީފް އެރަށު އޮފީހުގެ ފައިސާގެ ކަންތައްތަކާ ވަގުތީގޮތުން ޙަވާލުވެގެން ހުރި ހުރުމުގައި، ސުނާމީ ކާރިސާއާ ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާއިން ގެއްލުން ލިބުނު މީހުންނަށް އެހީގެ ގޮތުގައި ދ.މީދޫ ގޭގެއަށް ބެހުމަށް ލިބިފައިވާ ފައިސާގެ ތެރެއިން 17 ސެޕްޓެންބަރު 2009 ދުވަހު 49 ގެއަށްވާ ފައިސާ ދޫކުރުމަށްފަހު، ބާކީ ހުރި ފައިސާ ޝަރުމީލާ ޝަރީފްގެ އޮފީހުގެ މޭޒުގެ ވަތްގަނޑުގައި ބަހައްޓާފައިވަނިކޮށް އޭގެ ތެރެއިން 13،200ރ (ތޭރަހާސް ދުއިސައްތަ) މަދުވެފައިވާތީ، ޝަރުމީލާ ޝަރީފްގެ މައްޗަށް ދިހަހާސް ރުފިޔާއިން ފެށިގެން މަތީގެ ޢަދަދެއްގެ ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުނެވެ. ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ޙުކުމްކުރުމުން، ޝަރުމީލާ ޝަރީފްވަނީ މި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.  

ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. ޝަރުމީލާ ޝަރީފްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ އޭނާއާ ޙަވާލުކުރެވުނު ފައިސާގެ ތެރެއިން ބާކީ ހުރި ފައިސާ އަނބުރާ ޙަވާލުކުރިއިރު، ޙަވާލުކޮށްފައިވަނީ މަދު ޢަދަދެއްކަން ހެކިންގެ ހެކިބަހުންނާއި ރަސްމީ ލިޔުންތަކުން ސާބިތުވާތީ އާއި، ފައިސާތައް ހުރި ވަތްގަނޑަށް އެއްވެސް ގެއްލުމެއްދީފައިވާކަން އެނގެންނެތްއިރު، ވަތްގަނޑުގެ ދެ ތަޅުގަނޑިވެސް އޮންނަނީ ޝަރުމީލާ ޝަރީފްގެ އަތުގައިކަން ހެކިންގެ ހެކިބަހުން ސާބިތުވާތީއެވެ. ދަޢުވާކޮށްފައިވާ ޤާނޫނާއި ގުޅިގެން ޝަރުމީލާ ޝަރީފްގެ ފަރާތުން ނެގި ދިފާޢު ހައިކޯޓުން ބަލައިނުގަތީ އެއީ ދަށުކޯޓަށް ހުށަހަޅާފައިވާ ކަމަކަށް ނުވާތީއެވެ.  

މިއީ ހައިކޯޓުގެ ނިންމުން ޝަރުމީލާ ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ. 

އިޝޫ

ޖިނާއީ ކުށެއް ސާބިތުކުރުމުގެ މިންގަނޑާއި، ޖިނާއީ ކުށެއް ކުރުމުގައި ކަން ހިނގާފައިވާ ގޮތް ސާބިތުކުރުމުގެ މިންގަނޑުގެ ތަފާތަކީ ކޮބާ؟ 

ދަށު ކޯޓުގައި ފާހަގަކޮށްފައިނުވާ ނުކުތާއެއް އިސްތިއުނާފީ މަރުޙަލާގައި ފާހަގަކުރެވިދާނެތަ؟ 

ދަޢުވާކުރާނެ ކުށް ކަނޑައަޅާނީ ކާކު؟ 

ޖުޑީޝަލް ރިވިއުއަކީ ކޮބާ؟ 

ނިންމިގޮތް

ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން.

ކަނޑައެޅުނު އުސޫލު

ކަން ހިނގާފައިވާ ގޮތް ސާބިތުކުރާ މިންގަނޑު 

ޖިނާއީ ކުށެއް ސާބިތުކުރުމުގެ މިންގަނޑަކީ އެމީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދިނުންކަން.  

ކުށެއް ސާބިތުކުރުމުގެ މިންގަނޑާއި، އެ ކުށެއްގައި ހިމެނޭ އެކި ބައިތައް / ރުކުންތައް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން އަދި ކުށުގެ ޢަމަލާ ގުޅިގެން ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާ ކަންކޮށްފައިވާ ގޮތުގެ ޙަޤީޤަތްތައް ސާބިތުކުރާ މިންގަނޑަކީ އެއް މިންގަނޑެއް ނޫންކަން.  

ކުށުގެ ޢަމަލާ ގުޅިގެން ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާ ކަންކޮށްފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތަށް ޤަބޫލުކުރެވޭ އެކަށީގެންވާ މިންވަރަށް (reasonable satisfaction) ހުށަހެޅިއްޖެނަމަ، އެ ޙަޤީޤަތެއް އޮތީ އެގޮތުގައި ކަމަށް ބެލިދާނެކަން.  

އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރު ދެކޭ ގޮތެއްގެ މައްޗަށް ނުވަތަ ހީވާ ހީވުމެއްގެ މައްޗަށް ކުރެވޭ ޤަބޫލުކުރުމެއް ކަމުގައިވެގެން ނުވާނެކަން. 

އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރަންވާނީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ އަލީގައި، އެ ހެއްކާއި ޤަރީނާއިން ކަން ހިނގާފައިވާ ގޮތާއި ތަރުތީބަށް ބަލައި، ކުރެވޭ ތުހުމަތުގެ ކުޑަ ބޮޑު މިނަށާއި، އެކަމެއް އެފަދައިން ހިނގުމުގެ ފުރުސަތު އޮތް ނެތް މިންވަރެއް ވަޒަންކޮށް އަދި އެކަމުގެ ނަތީޖާއަށްވެސް ރިޢާޔަތްކޮށްގެންކަން.  

ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާ ކަންކޮށްފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ހެކި އެކަށީގެންވާ މިންވަރަކަށް ހުށަހެޅިއްޖެނަމަ، އެ ޙަޤީޤަތެއް އޮތީ އެގޮތުގެ މަތިންކަމަށް ބެލި ނަމަވެސް، ޖިނާއީ ކުށެއް ސާބިތުކުރުމުގައި ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 51 (އ) ގައިވާ މިންގަނޑަށްކަން. 

ޤާނޫނުއަސާސީގެ 51 (އ) ގައިވާ މިންގަނޑަށް ކުށް ސާބިތުކުރުމުގައި ހުށަހެޅިފައިވާ ހެކިތައް ގުޅޭ ގޮތާއި، އެއް ހެކި އަނެއް ހެއްކަށް ބާރުވެރިކަންދޭ ގޮތާއި، އެ ހެކިތައް އުފުލާފައިވާ ދަޢުވާއާ ގުޅޭ ގޮތް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދިނުމަކީ ޕްރޮސިކިއުޝަންގެ ޒިންމާއެއްކަން.  

ހެކި ވަޒަންކުރުމުގެ މިންގަނޑާއި ކުށް ސާބިތުކުރުމުގެ މިންގަނޑަކީ ތަފާތު ދެ މިންގަނޑެއްކަން.  

ދަށު ކޯޓުގައި ފާހަގަނުކުރާ ނުކުތާއެއް އިސްތިއުނާފީ މަރުޙަލާގައި ފާހަގަކުރުން 

އިސްތިއުނާފީ މަރުޙަލާއަކީ މައްސަލައާ ގުޅިގެން ކަން ހިނގާފައިވާ ގޮތަކީ ކޮބައިކަމާއި، އެ ޙަޤީޤަތްތަކާގުޅޭ ހެކިތަކަކީ ކޮބައިކަމާއި، އެއިން ކޮންމެ ހެއްކަކަށް ދެވޭނެ ބުރަދަނަކީ ކޮބައިކަން ބަލައި މައްސަލައިގައި ގޮތެއް ކަނޑައަޅާ މަރުޙަލާ (trial) އާއި ތަފާތު މަރުޙަލާއެއްކަން. 

އިސްތިއުނާފީ މަރުޙަލާއަކީ ދަށު ކޯޓުގައި މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަން ކަނޑައަޅާ މަރުޙަލާކަން. 

ދަށު ކޯޓުން ވަކި ކަމެއް ނިންމާފައިވާ ޤާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ އައު އެހެން ހެއްކެއް ނުހިމެނޭ ގޮތުން ދަށު ކޯޓުގައި މައްސަލަ ބެލިއިރު ހުށަހެޅި ހެކިތަކާއި ދިފާޢުތަކުގެ އަލީގައިކަން.

އައު ހެއްކެއް އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅޭނީ، އެ ހެކި ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާނަމަ ކަން.  

ދަށު ކޯޓުން މައްސަލަ ބެލިއިރު ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް އިސްތިއުނާފީ މަރުޙަލާގައި ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަސްލަހަތު ބޮޑުކަމަށް ފެނިއްޖެނަމަ، އެ މައްސަލައެއް އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވުމަކީ ނުވަތަ ނުފޮނުވުމަކީ ފަނޑިޔާރުންނަށް ލިބިގެންވާ އިޚްތިޔާރެއްކަން. 

ދަޢުވާކުރުން 

ކޯޓުގެ ނިޔާއަކަށް ހުށަހެޅޭ މައްސަލައެއްގައި ކުރަންޖެހޭ ދަޢުވާއާމެދު ކޯޓުން ބަސް ބުނުމަކީ އިންސާފުވެރި ޝަރީޢަތެއް ކުރެވިދާނެކަމާމެދު ޝައްކު އުފެދޭނެ ކަމެއްކަން. ދަޢުވާކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރުގެ ތެރެއިން ވާ ކަމެއްކަން.  

ޖުޑީޝަލް ރިވިއު 

ޖުޑީޝަލް ރިވިއުއަކީ ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުމެއް ނުވަތަ ކުރާ ކަމެއް އެއީ ޤާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުން އެދި ހުށަހެޅުމުން، ކޯޓުން އެކަމަކާމެދު ގޮތް ކަނޑައެޅުމަށް ހިންގާ ބާވަތުގެ ޝަރީޢަތެއްކަން.  

ޖުޑީޝަލް ރިވިއުގައި ބެލޭނީ އެ ނިންމުމެއް ނިންމި ގޮތުގެ ނުވަތަ ކަންކުރި ގޮތުގެ އިޖުރާއަތު ރަނގަޅުކަން ނުވަތަ ނޫންކަމުގެ މައްޗަށްކަން.  

ޖުޑީޝަލް ރިވިއުގައި ބެލޭނީ ކަން ކުރި ނުވަތަ ނިންމި ގޮތް އެއީ އެކަމުން ރަނގަޅު ނުވަތަ އެކަށޭނަ ނަތީޖާއެއް ނިކުންނަ ކަމެއް ނުވަތަ ނޫންކަމުގެ މައްޗަށް ނޫންކަން. 

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ