ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ފަވާޒު ލުޠުފީ

ޤަޟިއްޔާ ނަންބަރު:
2026/HC-B12/16
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ބްލެކްމެއިލްކުރުން
ނިމުނު ތާރީޚު:
02/07/26

މައްސަލައިގެ ޚުލާސާ

  1. ދައުލަތުން މި މައްސަލާގައި މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ބްލެކްމެއިލްކުރުމުގެ ކުށުގެ ދައުވާއެވެ. އެއީ، 2021 ވަނަ އަަހަރުގެ ތެރޭގައި، ސްންޕް ޗެޓްއިން (Kamanasall) ޔޫސަރނޭމްގައި ހަދާފައިވާ އައިޑީއަކުން މީނާއަކީ އަންހެނެއްކަމަށް ދައްކައި ޙަޤީޤަތް އޮޅުވާލައިގެން، ހދ.ކުޅުދުއްފުށި، ގަންގާ، އަޙްމަދު މުޙައްމަދުއާ އޭނާގެ ސްނެޕްޗެޓް އައިޑީ ކަމަށްވާ Jamex_mode (username: Ahmed Jamex Mode) މެދުވެރިކޮށް ޗެޓުކޮށް، އަޙްމަދު މުޙައްމަދުގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފޮނުވުމަށް މީނާ އެދުމުން، އަޙްމަދު މުޙައްމަދު ފޮނުވި އޭނާގެ އޮރިޔާން މަންޒަރު ފެންނަ ފޮޓޯ އަދި ވީޑިއޯ އެހެން ފޯނަކުން ވީޑިއޯކޮށް، މީނާ ބުނި ޢަދަދަކަށް ފައިސާ ނުދީފިނަމަ އެ ފޮޓޯ އަދި ވީޑިއޯ ލީކުކޮށްލާނެކަމަށް ބުނެ އަޙްމަދު މުޙައްމަދުއަށް ބިރުދައްކައި އަޙްމަދު މުޙައްމަދު ބްލެކްމެއިލް ކޮށްފައިވާތީއެވެ.

  2. ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. އެއީ، އޮރިޔާންކާޑު ފޮނުވަން އެދުމާއި، ފޮނުވުމަކީ ޖިންސީ ޢަމަލެއްކަމަށް ނުފެންނާތީކަމަށް ބަޔާންކޮށެވެ.

އިޝޫ

އޮންލައިންކޮށް ހިންގާ ޖިންސީ މުއާމަލާތަކާ ގުޅިގެން، އޮރިޔާން ކާޑު ފޮނުވުމަކީ، ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޖިންސީ ޢަމަލުގެ މާނައިގެ ތެރެއަށް ފެތޭ އަމަލެއްތޯ؟

ނިންމިގޮތް

  1. ކްރިމިނަލް ކޯޓުގެ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް މި މައްސަލާގައި ފާހަގަކުރެވިފައިނުވާކަމަށް ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމެވި

  2. އަދި މަދަނީ މިންގަނޑުން ބަލާއިރު، މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމާފައިވަނީ އިޖުރާއީ ތަރުތީބާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި.

ކަނޑައެޅުނު އުސޫލު

  1. "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަކާމެދު، އެހެން އަމަލެއް ހިންގުން" ކަމަށް ބުނުމުން، އޭގެން ދެނެގަނެވޭ އާންމު މާނައަކީ، މީހެއްގެ ޖިންސީ ގުނަވަނެއް ނުވަތަ އެނޫން ގުނަވަނަކާމެދު އަނެކާ އަމަލެއް ހިންގުމުގެ ވާހަަކަކަމަށް،

  2. މީހެއްގެ ގުނަވަނެއް ފޮޓޯ ނަގައި ނުވަތަ ވީޑިއޯކޮށްފައި ފޮނުވައިިދިނުމަށް އެދުމަކީ، އެމީހެއްގެ ގުނަވަކާމެދު އަނެކާ ޢަމަލެއް ހިންގުންކަމަށް އާންމު އުޞޫލަކުން ނުބެލެވޭކަމަށް

  3. އަދި މީހަކު އަމިއްލަަށް އެމީހެއްގެ ގުނަވަނެއްގެ ފޮޓޯ ނަގާފައި ފޮނުވުމުން، އަނެކާ އެ ފޮޓޯ ލިބިގަތުމަކީވެސް އަދި އެ ފޮޓޯއަށް އަނެކާ ބެލުމަކީވެސް އަދި އޭގެން ނަކަލެއް ހެއްދުމަކީވެސް، އެމީހެއްގެ އެގުނަވަކާމެދު އަނެކާ ޢަމަލެއް ހިންގުންކަމުގައި ނުބެލެވޭކަމަށް.

  4. ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ޖިންސީ ޢަމަލު މާނަކޮށްދީފައިވާއިރު، މީހެއްގެ ޖިންސީ ގުނަވަނެއް އެމީހާ ލައްވައި ހާމަކުރުވުން ޞަރީހަ އިބާރާތުން ހިމަނާފައި ނުވާކަމަށާއި، އެ އިބާރާތް އެގޮތަށް ހިމަނާފައި ނުވަނީ ޤާނޫނު ހަދާ ފަރާތުން އެއިބާރާތް ހިމަނަން ބޭނުންނުވާތީކަމުގައި ބަލަންޖެހޭކަމަށް.

  5. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ މާނަކުރުމުން، އަމަލުވާން ޖެހޭނީ ޖިސްމާނީ/ މާއްދީ ބީހުމުގެ އަމަލަކަށް ކަމަށް.

  6. ދައުލަތުން އެދުނު ގޮތަށް މާނަކޮށްފިނަމަ، އެއީ މުޅި ޖިންސީ ކުށުގެ ޤާނޫނާއި، އެޤާނޫނުގައިވާ އެހެން މާއްދާތަކުގެ މަޤްޞަދު ގެއްލި އެހެން މާއްދާތަކެއްގެ ބޭނުންކެނޑޭ ގޮތަށް ކުރެވޭ މާނައެއްކަމުގައި ވެގެން ހިނގައިދާނެކަމަށް.

  7. މީހެއްގެ އަމަލުގައި ވަކި ކުށެއްގެ އުންސުރުތައް ފުރިހަމަވާނަމަ، އެމީހެއްގެ މައްޗަށް އުފުލަންވާނީ އެ އުންސުރުތައް ފުރިހަމަވާ ކުށެއްގެ ދައުވާކަަމަށް. (އޮރިޔާންކާޑާ ގުޅޭ ކުށްތައް ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށް)

  8. އެމީހަކު ކުޅަ އަމަލުގައި ވަކި ކުށެއްގެ އުންޞުރުތައް ފުރިަހަމަވާކަން ސާފުކޮށް ފެންނަ އޮންނަ ކުށަށް ދައުވާކުރުމުގެ ބަދަލުގައި، އެއަމަލު ވަކި ކުށަކަށް ގަދަކަމުން ފައްތަން މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް.

  9. އަދި މަދަނީ މިންގަނޑުން ބަލާއިރު، މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމާފައިވަނީ އިޖުރާއީ ތަރުތީބާ ޚިލާފަށް ކަމަށް ބެލެވެން ނެތީ، އިބްތިދާއީ އަޑުއެހުން ބޭއްވުމުގެ މަޤްޞަދުގެ ތެރޭގައި ދައުވާއާއިގެން ކުރިއަށް ދާނެތަނެއް އޮތްތޯ ކަނޑައެޅުން ހިމެނޭކަމަށާއި، އަދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުޙަލާއަށް ދާނީ، ދައުވާއާއިގެން ކުރިއަށްދާނެ ތަނެއް އޮތްކަމަށް ފަނޑިޔާރު ކަނޑައެޅުމުންކަމަށް ވުމުންކަމަށް.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ