ޝެޕޮން ދަލި ވ. ޕްރޮސިކިއުޓަރ ޖެނެރަލް
- ޤަޟިއްޔާ ނަންބަރު:
- 2019/HC-A/509
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 15/02/22
ކަނޑައެޅުނު އުސޫލު
12.2 ކުޑަކުދިންނާމެދު ގިނަ ފަހަރަށް ޖިންސީ ޢަމަލު ހިންގައި، ޖިންސީ ގޯނާކުރަނީ އެ ކުއްޖާ ދިރިއުޅޭ ޢާއިލާގެ ތެރެއިން ނުވަތަ ކުއްޖާއާއި ނުވަތަ ޢާއިލާއާ ގާތްކަން އޮންނަ ފަރާތްތަކުންކަން ފާހަގަކުރެވެއެވެ. އެހެންވުމުން، ކުޑަކުއްޖަކާމެދު ޖިންސީ ގޯނާގެ ޢަމަލެއް ހިނގުމުން، ހަމަ އެ ވަގުތު އެ ވާހަކަ އެހެން މީހަކަށް ކިޔައިދިނުމަށް އެ ކުއްޖާއަށް ނުކެރިދާނެ ނުވަތަ އުނދަގޫވެދާނެއެވެ. އަދި އެ ފަދަ ވާހަކައަކީ އެހެން މީހަކަށް ކިޔައިދޭންޖެހޭ ވާހަކައެއްކަން ނުވަތަ ކިޔައިދޭންވީ ކާކަށްކަން އެ ކުއްޖާގެ ޢުމުރާއި ޙާލަތުގެ ގޮތުން ނޭނގިވެސް ހިނގައިދާނެއެވެ.
12.3 އެ ފަދަ ހާދިސާއެއް ކުޑަކުއްޖަކާ ކުރިމަތިވުމުން، އެ ކަން އެހެން މީހަކަށް ކިޔައދިނުން ލަސްވުމުގައި އެ ކުއްޖާގެ ޢުމުރު، ނަފްސާނީ ނުވަތަ ޞިއްޙީ ޚާއްޞަ ޙާލަތު، އެފަދަ ޢަމަލުގެ ޠަބީޢަތް އެނގޭ މިންވަރު، އަދި އެ ޢަމަލު ހިންގި ފަރާތާއި އެކުއްޖާއާ އޮންނަ ޢާއިލީ ގުޅުމާއި ގާތްކަކަމުގެ މިންވަރު ފަދަ ސަބަބުތައް ހުރެދާނެއެވެ. ވުމާއެކު، ކުޑަކުއްޖަކާމެދު ޖިންސީ ގޯނާގެ ޢަމަލެއް ހިނގުމުން، އެ ވާހަކަ ކިޔައިދީފައިވަނީ ދާދި އަވަހަށް ނުވަތަ ގިނަ ދުވަސްތަކެއް ނުވަނީސްތޯ ބަލައި އެކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައި ހިމެނޭ، ބަޔާންކުރެވިދިޔަ ފަދަ ކަންކަމުގެ މައްޗަށް ބަލައިގެންނެވެ.
12.4 ކުޑަކުއްޖަކާމެދު ޖިންސީ ގޯނާގެ ޢަމަލެއް ހިނގުމާއެކު އެކަން ކިޔައިނުދެވި ލަސްވި ލަސްވުމުގެ މައްޗަށް ރިޢާޔަތްކުރުމެއް ނެތި، އެ ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން މިފަދަ މައްސަލައެއް ސާބިތުކުރުމަށް ބޭނުން ނުކުރެވޭނެކަމަށް ކަނޑައަޅިގެން ވާނޭކަމަށް ނުފެނެއެވެ. މިފަދަ މައްސަލަތަކުގައި ކުޑަކުއްޖަކާމެދު ކަންވީގޮތް ވަގުތުން ކިޔައިނުދެވި ލަސްވި ސަބަބަކީ ނުވަތަ ލަސްވުމަށް މެދުވެރިވި ހާލަތަކީ ފަނޑިޔާރަށް ޤަބޫލުކުރެވޭ ސަބަބެއް ނުވަތަ ޙާލަތެއް ކަމަށްވާނަމަ، ހަމައެކަނި ލަސްވި ލަސްވުމުގެ މައްޗަށް އެކަނި ބިނާކޮށް އެކުއްޖާ ކިޔައިދޭ ކިޔައިދިނުން ބަލައިނުގަނެ ދޫކޮށްލެވިގެން ވާނޭކަމަށް ނުފެނެއެވެ.