ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤަޟިއްޔާ ނަންބަރު:
- 2021/SC-A/30
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ބާވަތް:
- މަނީލޯންޑަރިންގ
- ނިމުނު ތާރީޚު:
- 30/11/21
ފަނޑިޔާރުން
ޑރ.އަޒްމިރާލްދާ ޒާހިރު، މަޙާޒް ޢަލީ ޒާހިރު (ރިޔާސަތު)، ޑރ.މުޙައްމަދު އިބްރާހިމް
މައްސަލައިގެ ޚުލާސާ
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށްކުށްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތެއް އޮއްވައި، އެފައިސާއިން މަންފާ ހީދުމަށްޓަކައި އެފައިސާ އިންވެސްޓްކޮށްފައިވާތީއާއި މައްސަލައިގެ ތަޙްޤީޤު ނިމެންދެން އެފައިސާ އެކްސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އޭސީސީއާ އެކު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އެހެން އެކައުންޓަކުން އެކްސްކްރޯ އެކައުންޓަށް އެ ޢަދަދަށްވާ ފައިސާ ޖަމާކޮށް އެސް.އޯ.އެފުން ޖަމާކުރި ފައިސާގެ އަޞްލު އޮޅުވާލާފައިވާތީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގ ގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ. އަދި މި ނިންމުން ޢަބްދުﷲ ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1 ޖިނާއީ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫކުރެވިދާނެތޯ؟
2. އިސްތިއުނާފީ ކޯޓުގަިއ މައްސަލަ ހިނގަމުންދާއިރު، ދަށު ކޯޓުން ކޮށްފައިވާ ޖަލު ޙުކުމް ތަންފީޛުކުރުން ފަސްކުރުމަށް އަމުރުކުރެވިދާނެތޯ؟
3. މަނީ ލޯންޑަރިންގ ގެ ކުށާ ގުޅިފައިވާ ކުށް ތަޙްޤީޤު ނުކޮށް އޮތުމުގެ މައްޗަށް ބިނާކޮށް މުޅި ތަޙްޤީޤު ގޮސް ކަމަށް ކަނޑައެޅިދާނެތޯ؟
4. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ ބޭނުމަށް ދަޢުވާގައި ތަފްޞީލްތައް ހިމަނަންޖެހޭނީ ކިހާ މިންވަރަކަށްތޯ؟
5. ލިޔުންތައް ދަޢުވާ ލިބޭ ފަރާތަށް ދޭންޖެހޭ މުއްދަތުގައި ނުދެވި އޮތުމަކީ މުޅި މައްސަލައަށް އަސަރުކުރާނެ ކަމެއްތޯ؟
6. އިބްތިދާއީ މަރުހަލާ ނިންމިގޮތަށް ޝަރީޢަތުގެ އަޑުއެހުންތައް ފަށާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށްތޯ؟
ނިންމިގޮތް
ކްރިމިނަލް ކޯޓުގެ ޙުކުމާއި ހައިކޯޓުގެ ޙުކުމް ބާޠިލްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން.
ކަނޑައެޅުނު އުސޫލު
ޖިނާއީ ޙުކުމެއް ތަންފީޛުކުރާ މީހަކު ކަފާލާތުން ދޫކުރުން
- ކަފާލާތުގެ ދަށުން ދޫކުރުމަކީ ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލާ ޙާލާތުގައި ކޯޓުތަކުން އަމަލުކުރުމަށް އޮތް އިޚްތިޔާރެއްކަން ޤާނޫނު އަސާސީގެ 48 އަދި 49 ވަނަ މާއްދާއިން އެނގޭ.
- ތުހުމަތުކުރެވޭ ފަރާތް ކަފާލާތުން ދޫކުރުމާ ގުޅޭ ތަފްޞީލީ އިޖުރާއާތު، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތު ޤަވާއިދުގައި ބަޔާންކުރެވިފައިވޭ.
- ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފީ ކޯޓެއްގައި އިސްތިއުނާފްކުރުމުން އޭގެ ޒާތުގައި އޭނާގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ޙުކުމުގެ ބާރު ދަށްވެގެން ނުދާނެ.
- ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަފާލާތުގެ އުޞޫލުން ކޯޓު މެދުވެރިކޮށް ދޫވުމަކީ ޙުކުމް ތަންފީޛުކުރަމުންދާ މީހަކަށް ލިބިގެންވާ ޙައްޤެއްކަމަށް ޤާނޫނު އަސާސީއާ، ޖިނާއީ ޢަދުގެ ނިޒާމުަގެ ތެރޭގައި ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ އެއްވެސް ޤާނޫނެއްގައި ބަޔާންވެފައި ނެތް.
- މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައިވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަފާލާތުުގެ އުޞޫލުން ދޫކުރަނީ އެ މުޖުތަމަޢުތަކުގެ ޤާނޫނުގައި އެކަށައަޅައި، ޤާނޫނުތަކުގައި ބަޔާންވެފައިވާ އުޞޫލުން.
- ޙުކުމް ތަންފީޛުކުރަމުންދާ މީހަކު ކަފާލާތުން ދޫކުރުމަކީ އެކަމުގައި ޢާންމު މަޞްލަޙަތެއް އެކުލެވޭ ކަމަކަށް ވާނަމަ، އެ މަސްލަޙަތު ޙިމާޔަތްކުރުމަށް ކަމާބެހޭ ޤާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް.
- އެއާ ޚިލާފަށް، ޤާނޫނީ އިންތިޒާމެއްނެތި، ކޯޓު އަމުރަކުން ނުވަތަ ނިންމުމަކުން އުޞޫލުތައް ކަނޑައަޅައި ޖިނާއީ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަފާލާތުން ދޫކުރުމަކީ ޤާނޫނު އަސާސީ އާއި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭހައި ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ދަށުން ކުރެވިދާނެ ކަމެއް ނޫން.
- ލިޔެވިފައިވާ ތަފްސީލީ އުޞޫލެއްނެތި އިސްތިއުނާފީ މަރުހަލާގައި ޖިނާއީ ޙުކުމް ތަންފީޛުކުރަމުންދާ މީހުން ކޯޓުތަކުން ދޫކުރަށް ފަށައިފިނަމަ، އެކި މައްސަލަތަކުގައި އެކި ގޮތަށް ޢަމަލުކުރުގެ ދޮރު ހުޅުވިގެންދާނެ.
ޖަލު ޙުކުމް ތަންފީޛުކުރުން ފަސްކުރުމާއި ޖޫރިމަނާގެ އަދަބު ތަންފީޛުކުރުން ފަސްކުރުން
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ޖިނާއީ މައްސަލަތަކަށް މަޙްދޫދު ވެފައިވާ ޚާއްޞަ ޤާނޫނެއް.
- ޖިނާއީ މައްސަލައެއްގައި ދަށު މަރުހަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް އޭގެ މަތީ މަރުހަލާގެ ކޯޓުގައި އިސްތިއުނާފްކުރުމުން އެ ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތެއް، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުށް ހެދިފައިވާ ގަވާއިދުގައި ބަޔާންކޮށްފައި ނުވޭ.
- އަދި ޖިނާއީ އަދުލުގެ ނިޒާމުގައި ޢަމަލުކުރަމުންދާ އެނޫން ޤާނޫނެއްގައިވެސް އެފަދަ އިޖުރާޢަތެއް ނެތް.ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާ ކިޔަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަފްހޫމްތައް ނުގެއްލޭ ގޮތަށް.
- މި ގޮތަށް ކިޔުމުން އެ މާއްދާއަކީ ޖިނާއީ މައްސަލަތަކުގައި އިއްވާފައިވާ ޙުކުމެއް ތަންފީޛުކުރުން ފަސްކުރުމުގައި އަމަލުކުރެވޭނެ މާއްދާއެއް ނޫން.
- ޖިނާއީ އަދަބެއްގެ ގޮތުން ކުރެވޭ ޖޫރިމަނާގެ ފައިސާ ނުދައްކާފިނަމަ ޢަމަލިކުރަންޖެހޭ ގޮތް އިޖުރާއަތު ޤާނޫނުގެ 188 ވަނަ މާއްދާގައި ބަޔާންކުރެވިފައިވޭ. އެއީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމުގައި އަމަލުކުރާ އާންމު އުޞޫލުން އެފައިސާ ހޯދުން. އާންމު އުޞޫލަކީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެ ފައިސާ ހޯދުން.
- މި ގޮތުން މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން ހުށަހެޅިފައިވާ މައްސަލައިގެ ޝަރީޢަތް ހިންގައި ގޮތެއް ކަނޑައަޅައިފިނަމަ، އިސްތިއުނާފީ ކޯޓުން ބަލަމުންދާ މައްސަލާގައި އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅިދާނެކަމަށް ފެންނަ ޙާލަތުގައި ޖޫރިމަނާ ފައިސާ ހޯދުމުގެ މައްސަލަ ކުރިއަށް ނުގެންދިއުމާއި އެފައިސަ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރުމަށް އެންގިދާނެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ (ޖޮއިންޓް އިންވެސްޓިގޭޝަން)
- ހުރިހާ ހާލަތެއްގައި މަނީ ލޯންޑަރިންގެ ކުށަކީ އެންމެ ކުށެއް ތަޙްޤީޤުކޮށްގެން ތަޙްޤީޤު ފުރިހަމަ ކުރެވިދާނެ މައްސަލަތަކެއް ނޫން.
- އެއީ މަނީ ލޯންޑަރިންގ ކުށް ފުރިހަމަވުމަށް ބައެއް ފަހަރު އެ ކުށާ ގުޅިފައިވާ ކުށެއް ބޭނުނުވާތީ. އަނެއްބައި ފަހަރަށް ކުށް ކޮށްގެން ހޯދާފައިވާ މުދާ ނިސްބަތވް ކުށެއް ބޭނުންވާތީ. އަނެއްބައިފަހަރު ރާއްޖެއިން ބޭރުގައި ހިނގާ މަނީ ލޯންޑަރިންގ ކުށާ ގުޅިފައިވާ އެހެން ކުށެއް ތަޙްޤީޤުކުރެވިފައި އޮންނަން ޖެހިދާނެތީ.
- ކުށްކުރުމުގެ ސަބަބުން ފައިސާ ނުވަތަ މުދަލެއް ލިބުމުގެ މައްޗަށް ދަޢުވާކުރެވޭ މައްސަލަތަކުގައި މުދާ ނުވަތަ ފައިސާ ލިބުނު ކުށުގެ ވާޤިއާ ސާބިތުކުރެވޭނީ އެ ކުށް ތަޙްޤީޤުކޮށް ހޯދޭ ހެކީގެ މައްޗަށް.
- މި މައްސަލާގައި މަނީ ލޯންޑަރިންގ ކުށާ ގުޅިފައިވާ ކުށަކީ ކޮރަޕްޝަންގެ ކުށް. ކޮރަޕްޝަންގެ ކުށް ތަޙްޤީޤު ނުކޮށް ހަމައެކަނި މަނީ ލޯންޑަރިންގ ކުށް ތަޙްޤީޤުކުރެވިފައި އޮތުމުގެ މައްޗަށް ބިނާކޮށް މުޅި ތަޙްޤީޤު ބާޠިލެއް ނުވާނެ.
- އޭގެ ނަތީޖާއަކަށް ވާނީ، ދަޢުވާކުރަން ހުރަސް އެޅުން ނުވަތަ ދަޢުވާ ކުރިނަމަވެސް ދަޢުވާ ސާބިތުނުވުން ނުވަތަ ސާބިތު ނުވުމުގެ އިޙްތިމާލު ބޮޑުވުން.
ދަޢުވާގައި ތަފްޞީލްތައް ހިމެނުމާއި ދަޢުވާ ސާފުކޮށްދިނުން
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ދަޢުވާއެއް އޮންނަންވީ ގޮތް ބަޔާންކޮށްފައި އެވަނީ އެމީހެއްގެ މައްޗަށް އުފުލޭ ދަޢުވާގައި ބުނާ ކުށުގެ ޢަމަަލަކީ ކޮބައިކަމާއި، އެ ކުށުގެ ޢަމަލު މަނާކުރާ ޤާނޫނީ މާއްދާއާއި ކުށުގެ އަދަބު ފަދަ އެމީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށަކީ ކޮބައިކަމާއި، އެ ދަޢޫވާއިން ދިފާޢުވުމަށްޓަކައި ކުރެވޭނެ ކަންތައްތައް އެނގޭނެ ބީދައަކުން އެ ދަޢުވާ އުފުލިފައިވާކަން ކަށަވަރުކޮށްދިނުމަށާއި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤުތައް ކަށަވަރުކުރެވޭނެ ފަދައަކުން ދަޢުވާ އޮތުމާއި، ދަޢުވާ ސާފު ނުވާކަމަށާއި ދަޢުވާގައި ހުންނަ އުނި ކަންކަން ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން އިބްތިދާއީ މަރުހަލާގައި އެކަށީގެންނުވާ ދިގު ވަގުތު ހޭދަވިޔަ ނުދިނުމަށް.
- ދަޢުވާ ފޯމުގައި ތަފްޞީލްތައް ބަޔާންކުރާއިރު، ކުށުގެ ޢަމަލު ހިންގި ވަކިތަނަކާއި، ވަގުތެއް ބަޔާން ނުކރެވިދާނެ. މިސާލަކަށް އެ ކުށަކަީ އެއްތަނަށްވުރެ ގިނަ ތަންތަނުގައި ނުވަތަ އެއްވަގުތަކަށްވުރެ ގިނަ ވަގުތުތަކުގައި ކުށުގެ ޢަމަލުގެ އެކިބައިތައް ފުރިހަމަވާ ޢަމަލަކަށްވުން. ނުވަތަ އެ އަމަލަކީ އޭގެ ޒާތުގައި ފުރިހަވުމަށް ވަކި ތަނެއް ބޭނުންނުވާ ޢަމަލަށްވެސް ވެދާނެ.
- ދަޢުވާ ފޯމުގައި ތަފްޞީލްތައް ބަޔާންކޮށްފައި އޮތްގޮތުގެ ސަބަބުން ދިފާޢު ބިނާކުރުމަށް ހުރަސް އެޅޭނަމަ، ނުވަތަ ދަޢުވާ ލިބޭ މީހާގެ އެހެންވެސް ޙައްޤެއް ދަޢުވާއާ ގުޅިގެން ގެއްލޭނަމަ، އެކަން ފާހަގަކުރަން ޖެހޭ މަރުހަލާއަކީ ދަޢުވާ ސާފުކޮށްދިނުމުގެ މަރުހަލާ.
- މި މަރުހަލާގައި ދައުލަތުން ދައްކާ ވާހަކަ ދެފަހަރު ދެގޮތަށް ބުނެދީގެން ނުވާނެ.
ފަހެއް ދުވަހުގެ ތެރޭގައި ލިޔުންތައް ހަވާލުނުކުރެވުން
- މިއީ މައްސަލައަށް އަސަރުކުރާ ފަދަ ކަމެއްތޯ ނުވަތަ އިޖުރާއީ އައިބެއް އޮތްތޯ ބެލުމުގައިި ގެންގުޅޭނީ ސުޕްރީމް ކޯޓުގެ ނަންބަރު: 2020/SC-A/108,109,110 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޓެސްޓު.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު އުނިކަންކަމާއެކު ނަމަވެސް ޠަބީޢީ އިންސާފުގެ ހަމަތަކާ އެއްގޮތަށް ފުރިހަމަ ވެފައިވާނަމަ އެ ކަމަކީ މައްސަލައަށް އަސަރުކުރާ ކަމެއްކަމުގައި ނުބެލެވޭނެ.
އިބްތިދާއީ މަރުހަލާ ނިންމާ ވަގުތު ޝަރީޢަތް ފެށުން
- ދަޢުވާ ލިބޭ ފަރާތުން އިޢުތިރާޟްކުރާނަމަ، މައްސަލައިގެ ލިޔުންތައް ލިބޭ ތާރީޚުން ފެށިގެން ނުވަތަ އިބްތިދާއީ އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން 30 ދުވަސް ހަމަވުމުގެ ކުރިން މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ފެށުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންނުވާނެ.
- ދަޢުވާ ލިބޭ ފަރާތުން ބޭނުންވާނަމަ 30 ދުވަހަށްވުރެ އަވަހަށްވެސް ޝަރީޢަތުގެ އަޑުއެހުން ފެށިދާނެ.
- ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކުރުމުގައި ދެ ފަރާތާވެސް މަޝްވަރާކުރަންޖެހޭނެ. އެއީ ދެފަރާތުގެ ޙައްޤުތައް ކަށަވަރުކޮށް ހާމަކަމާއެކު ޝަރީޢަތް ކުރިއަށް ގެންދިއުމަށްޓަކައި. އަދި ދަޢުވާލިބޭ މީހާގެ އަސާސީ ޙައްޤަކަށް އުނިކަން ލިބުނަ ނުދިނުމަށްޓަކައި.
- ޝަރީޢަތް ފެށުމުގައި ދަޢުވާ ލިބޭ މީހާގެ ޙައްޤެއް، ޚާއްސަކޮށް ދަޢުވާއިން ދިފާޢުވުމުގެ ޙައްޤަށް އުނިކަމެއް އައިސްގެން ނުވާނެ.