ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ނިޒާރު ޢަބްދުލްކަރީމް

ޤަޟިއްޔާ ނަންބަރު:
2019/HC-A/547
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
20/12/20

ކަނޑައެޅުނު އުސޫލު

  1. 9.1 އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަދުވަސްތަކެއް ނުވަނީސް ކުއްޖާ ކިޔާދީފައިވާ ކިޔައިދިނުމަކީ މިބާވަތުގެ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ގަބޫލުކުރެވޭ ހެއްކެއްކަން ޤާނޫނު ނަންބަރު 12/2009 ( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު 47  ގެ (ޅ) އިން އެނގެއެވެ. ނަމަވެސް، "ދާދި އަވަހަށް" ކިޔައިދިން ކިޔައިދނުމެއްކަމަށް ބަލާނީ ނުވަތަ އެކަމެއް ހިނގުމާ ދެމެދު "ގިނަދުވަސްތަކެއް ނުވަނީސް" ކުއްޖާ ކިޔާދީފައިވާ ކިޔައިދިނުމެއްކަމަށް ބަލާނީ، އެކަމެއް ހިނގުމުން ކިހާ ދުވަހެއްގެ ތެރޭގައި އެވާހަކަ ކިޔައިދިނުމުންކަން ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.

    9.2 ކުޑަކުދިންނާމެދު ގިނަ ފަހަރަށް ޖިންސީ އަމަލު ހިންގައި، ޖިންސީ ގޯނާކުރަނީ އެ ކުޑަކުއްޖާ ދިރިއުޅޭ އާއިލާގެ ތެރެއިން ނުވަތަ ކުއްޖާއާއި ނުވަތަ އާއިލާއާއި ގާތްކަން އޮންނަ ފަރާތްތަކުންކަން ފާހަގަކުރެވެއެވެ. އެހެންވުމުން، ކުޑަކުއްޖަކާމެދު ޖިންސީ ގޯނާގެ އަމަލެއް ހިނގުމުން، ހަމަ އެވަގުތު އެވާހަކަ އެހެންމީހަކަށް ކިޔައިދިނުމަށް އެ ކުޑަކުއްޖާއަށް ނުކެރިދާނެ ނުވަތަ އުނދަގޫވެދާނެއެވެ. އަދި އެފަދަ ވާހަކައަކީ އެހެންމީހަކަށް ކިޔައިދޭންޖެހޭ ވާހަކައެއްކަން ނުވަތަ ކިޔައިދޭންވީ ކާކަށް ކަން އެ ކުއްޖާގެ ޢުމުރާއި ހާލަތުގެ ގޮތުން ނޭނގިވެސް ހިނގައިދާނެއެވެ.

    އެފަދަ ހާދިސާއެއް ކުޑަކުއްޖަކާ ކުރިމަތިވުމުން، އެކަން އެހެންމީހަކަށް ކިޔައިދިނުން ލަސްވުމުގައި އެކުއްޖާގެ އުމުރު، ނަފްސާނީ ނުވަތަ ޞިއްޙީ ޚާއްޞަ ޙާލަތު، އެފަދަ ޢަމަލުގެ ޠަބީޢަތް އެނގޭ މިންވަރު، އަދި އެ ޢަމަލު ހިންގި ފަރާތާއި އެކުއްޖާއާއި އޮންނަ އާއިލީ ގުޅުމާއި ގާތްކަމުގެ މިންވަރު ފަދަ ސަބަބުތައް ހުރެދާނެއެވެ. ވުމާއެކު، ކުޑަކުއްޖަކާމެދު ޖިންސީ ގޯނާގެ ޢަމަލެއް ހިނގުމުން، އެވާހަކަ ކިޔައިދީފައިވަނީ ދާދިއަވަހަށް ނުވަތަ ގިނަ ދުވަސްތަކެއް ނުވަނީސްތޯ ބަލައި އެކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައި ހިމެނޭ، ބަޔާންކުރެވިދިޔަ ފަދަ ކަންކަމުގެ މައްޗަށް ބަލައިގެންނެވެ.

    9.3ކުޑަކުއްޖަކާމެދު ޖިންސީ ގޯނާގެ ޢަމަލެއް ހިނގުމާއެކު އެކަން ކިޔައިނުދެވި ލަސްވާ ހާލަތްތަކުގައި، ގައި ބަޔާންކުރެވިދިޔަ ފަދަ ހާލަތްތަކުގެ މައްޗަށް ރިޢާޔަތްކުރުމެއް ނެތި، އެ ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން މިފަދަ މައްސަލައެއް ސާބިތުކުރުމަށް ބޭނުން ނުކުރެވޭނެކަމަށް ކަނޑައަޅައިގެން ވާނެކަމަށް ނުފެނެއެވެ. މިފަދަ މައްސަލަތަކުގައި ކުޑަކުއްޖަކާ މެދު ކަންވީގޮތް ވަގުތުން ކިޔައިނުދެވި ލަސްވި ސަބަބަކީ ނުވަތަ ލަސްވުމަށް މެދުވެރިވި ހާލަތަކީ ފަނޑިޔާރަށް ގަބޫލުކުރެވޭ ސަބަބެއް ނުވަތަ ހާލަތެއްކަމަށްވާނަމަ، ހަމައެކަނި ލަސްވި ލަސްވުމުގެ މައްޗަށް އެކަނި ބިނާކޮށް އެކުއްޖާ ކިޔައިދޭ ކިޔައިދިނުން ބަލައިނުގަނެ ދޫކޮށްލެވިގެން ވާނެކަމަށް ނުފެނެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ