ޢަލީ ނަދީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2025/HC-B12/43
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ބާވަތް:
ބަންދު އަމުރު
ނިމުނު ތާރީޚު:
04/01/26

ފަނޑިޔާރުން

ޢަބްދުﷲ ޖަމީލު މޫސާ (ރިޔާސަތު)، ޙަސަން ޝަފީޢު، އިބްރާހިމް މާހިރު

މައްސަލައިގެ ޚުލާސާ

މި މައްސަލައަކީ އަލީ ނަދީމްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:686-CA/218/2025 (04 ޑިސެންބަރު 2025) ކޯޓު އަމުރުން ނިންމި ނިންމުމާމެދު ހިތްހަަމަނުޖެހިގެން ޢަލީ ނަދީމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެގޮތުން މި އަމުރުން އަލީ ނަދީމް 30 (ތިރީސް) ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

އިޝޫ

މައްސަލައާ ގުޅިގެން ޖުމްލަ 5 އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ.

  1. އިސްތިއުނާފުކޮށްފައިވާ އަމުރު ނެރުމަށްޓަކައި ބޭއްވި ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުން ޢާންމުކޮށް ހުޅުވާނުލައި ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ، ސިއްރުކުރި ސަބަބެއްވެސް، ޙާލަތެއްވެސް ޢަލީ ނަދީމަށް އެންގުމެއްނެތި އަދި އަޑުއެހުން ސިއްރުކުރިކަންވެސް އިޢުލާނުކުރުމެއްނެތި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް.

  2. އިސްތިއުނާފުކޮށްފައިވާ އަމުރުގައި ޢަލީ ނަދީމް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅާފައިވަނީ ޢަލީ ނަދީމް ހައްޔަރުކުރުމަށް ނެރެފައިވާ އަމުރާއި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެއީ ޤާނޫނު ހުއްދަކުރާގޮތަށް ނެރެފައިވާ އަމުރެއް ނޫންކަމަށް ބަޔާންކޮށްފައިވަނިކޮށް، އެކަން ދިފާޢުކުރެވޭނެ ހުށަހެޅުމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހަޅާފައިނުވަނީސް، ޢަލީ ނަދީމްގެ ފަރާތުން ފާހަގަކުރި އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި، އަދި ރިޢާޔަތްނުކުރި ސަބަބެއްވެސް ބަޔާންކުރުމަކާ ނުލައިކަމަށް.

  3. އިސްތިއުނާފުކޮށްފައިވާ އަމުރުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ވަކި އަކުރަކާ ޙަވާލާދިނުމެއްނެތި އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ވަކި އަކުރަކާ ޙަވާލާދިނުމެއްނެތި، ޢަލީ ނަދީމް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) އާއި، ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލުތަކާއި، ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާއާ ޚިލާފަށް ކަމަށް.

  4. އިސްތިއުނާފުކޮށްފައިވާ އަމުރުގައި 30 ދުވަހަށް ބަންދުކުރުމަށް ފަނޑިޔާރު ރިޢާޔަތްކުރި ކަންކަމުގެ ތެރޭގައި ޢަލީ ނަދީމްގެ "ކުށުގެ ރެކޯޑު" ހުރިކަމަށް ކަނޑައަޅާފައިވަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް ކަމަށްވުމުން ފަނޑިޔާރުގެ އެ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއްކަމަށް.

  5. ޢަލީ ނަދީމްގެ މައްޗަށް ތުހުމަތުކުރާ މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުންދާތާ 8 މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލައެއްކަމަށްވާއިރު، އެ މުއްދަތުގައި ބަންދުނުކޮށް މިހާރު ބަންކުރަންޖެހޭ ޟަރޫރަތެއް ނެތްކަމަށް ފާހަގަކުރިނަމަވެސް، އެކަަމަށް ރިޢާޔަތްކުރުމެއްނެތި ނިންމާފައި ނިންމެވުމެއްކަމަށްވުން.

ނިންމިގޮތް

އަލީ ނަދީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:686-CA/218/2025 (04 ޑިސެންބަރު 2025) ކޯޓު އަމުރަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް

ކަނޑައެޅުނު އުސޫލު

އަލީ ނަދީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:686-CA/218/2025 (04 ޑިސެންބަރު 2025) ކޯޓު އަމުރަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ