ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ވިސާމް
- ޤަޟިއްޔާ ނަންބަރު:
- 2025/HC-B12/44
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ބާވަތް:
- ބަންދު އަމުރު
- ނިމުނު ތާރީޚު:
- 08/01/26
ފަނޑިޔާރުން
ޙަސަން ޝަފީޢު (ރިޔާސަތު)، ފާތިމަތު ފަރުހީޒާ، ޢަބްދުﷲ ޖަމީލު މޫސާ
މައްސަލައިގެ ޚުލާސާ
ޙުސައިން ވިސާމް ލ. ގަމުގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވިގެން، 13 ނޮވެންބަރު 2025 ދުވަހު ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރެވިފައިވެއެވެ.
ހައްޔަރުކުރެވުނުތާ 24 ގަޑި އިރު ތެރޭގައި ޙުސައިން ވިސާމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރުމުން، އޭނާ ހައްޔަރުކުރި އިޖުރާއަތު ރަނގަޅު ކަމަށް ކަނޑައެޅުއްވުމަށްފަހު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރައްވާފައިވެއެވެ. 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ނިންމަވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ޤަރީނާ ހުރުމުންނާއި، ބަންދުން ދޫކޮށްފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީއާއި ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ފެންނާތީއެވެ.
މި މުއްދަތު ހަމަވެގެން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޟިރުކުރުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރައްވާފައިވެއެވެ. ޙުސައިން ވިސާމް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ނިންމެވި އަމުރުގައި އޭނާއާ ދެކޮޅަށް ހުރި ހެކީގެ ނިސްބަތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ޤަރީނާ ހުރުމެވެ. ހެކީގެ ނިސްބަތަށާއި ބަންދުކުރި މުއްދަތަށް ބަލާއިރު ބަންދުކޮށްފައިވަނީ 60 ވަނަ މާއްދާގެ (ކ) ގެ ދަށުންކަމަށް ގަބޫލުކުރެވެއެވެ. އެއީ ބަންދުކޮށްފައި ހުއްޓައި ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާތީއެވެ. ދެވަނަ ފަހަރަށްވެސް ބަންދުކުރީ ބަންދުން ދޫކޮށްފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާނެތީއާއި ހެއްކަށް ނުފޫޒު ފޯރުވަފާނެތީއެވެ.
މި މުއްދަތު ހަމަވެގެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގެ ދަށުން ޙުސައިން ވިސާމް ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް 08 ޑިސެންބަރު 2025 ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ކޯޓަށް ހުށަހެޅުމުން، ޙުސައިން ވިސާމް ބަންދުގައި ބަހައްޓަންޖެހޭ މަސްލަޙަތެއް އޮތްކަމަށް ނުފެންނާތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޝަރުޠުކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލުމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 659-CA/129/2025 ކޯޓު އަމުރުން އަމުރުކުރެއްވިއެވެ. އިސްތިއުނާފް ކުރެވިފައި މިވަނީ އެ އަމުރެވެ.
އިޝޫ
ހައްދުންމަތީ ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 659-CA/129/2025 (08 ޑިސެންބަރު 2025) ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ޤަވާޢިދު ނަންބަރު: 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވުން.
ނިންމިގޮތް
ހައްދުންމަތީ ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 659-CA/129/2025 ކޯޓު އަމުރަކީ ބާޠިލް އަމުރެއްކަމަށް ކަނޑައަޅައި، 18 ޖަނަވަރީ 2026 ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ޙުސައިން ވިސާމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، މި މައްސަލާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގިނަވެގެން މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި ޙުސައިން ވިސާމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް އަންގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.
ކަނޑައެޅުނު އުސޫލު
ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކުރުމަށް ނިންމައި އެމީހާގެ މިނިވަންކަން ހިފެހެއްޓުމަަށްފަހު އެ ނިންމުން ބަދަލުވި ސަބަބު ބަޔާންނުކޮށް އޭގެ ފަހުން ނެރޭ ކޯޓު އަމުރެއްގެ ދަށުން އެމީހާ ދޫކޮށްލުމަށް ނިންމައި އަނބުރާ އެމީހާއަށް މިނިވަންކަން ނުދެވޭނެކަމަށާއި، ބަންދުން ދޫކުރުމަަށް ކުރާ އަމުރުގައި ސަބަބު ބަޔާންކުރަން ޖެހޭނެކަމަށާއި، (40 ވަނަ ޕެރެގްރާފް)
ދަށުކޯޓުގެ އަމުރުގައި އޮތް އިބާރާތުގައި ސަބަބު ބަޔާންކޮށްފައިނުވާކަމާއި، އެ އިބާރާތުގައި އޮތީ ފަނޑިޔާރު ނިންމި ނިންމުންކަމަށާއި،
ބަންދުން ދޫކުރި އަމުރުގައި ޙުސައިން ވިސާމް އިތުރަށް ބަންދުގައި ބެހެއްޓުމުގެ މަސްލަޙަތެއް ނެތްކަމަށް ބަޔާންކުރިނަމަވެސް އެ މަސްލަޙަތު ނެތްކަމަށް ނިންމެވީ ކީއްވެކަން ބަޔާންކޮށްފައިނުވާކަމަށާއި،
އެ ނިންމުމުގައި މީހެއްގެ ބަންދާމެދު ގޮތް ނިންމުމުގައި ތަތްބީޤްކުރަންޖެހޭ ޤާނޫނީ ޓެސްޓު ތަތްބީޤްކޮށްފައިނުވާކަމަށާއި،
ކުރީގެ އަމުރުތަކުގައި ބަޔާންކުރި ހާލަތު ބަދަލުވިގޮތް ފެންނަން ނެތުމުން،
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅައި، މިއަދު (18 ޖަނަވަރީ 2026) އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ޙުސައިން ވިސާމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، މި މައްސަލާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގިނަވެގެން މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި ޙުސައިން ވިސާމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް އަންގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކުރެއްވިއެވެ.