ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން
- ޤަޟިއްޔާ ނަންބަރު:
- 2011/SC-A/36
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
- ނިމުނު ތާރީޚު:
- 04/09/13
ފަނޑިޔާރުން
ޢަބްދުﷲ ސަޢީދު، ޢަލީ ޙަމީދު މުޙައްމަދު، ޑރ.އަޙުމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާސާ
09 މެއި 2009 ގައި ބޭއްވުނު ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޅ.ހިންނަވަރުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ޅ.ހިންނަވަރު، މާބަގީޗާގެ ޢަލީ ޙަސަން ދެ ފަހަރަށް ވޯޓު ލާފައިވާކަމަށް ބުނެ ޢަލީ ޙަސަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި އިންތިޚާބެއްގައި ދެފަހަރަށް ވޯޓުލުމުގެ ކުށް ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވިއެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.
އިޝޫ
1. ސީދާ ދަލީލުތަކާއި ނުސީދާ ދަލީލުތަކަކީ ކޮބައިތޯ؟
2. ހެކިން ހެކިބަސް ދިނުން މަނާވެގެންވާ ޙާލަތްތަކަކީ ކޮބާތޯ؟
3. ހެއްކެއްގެ ހެކިބަސް އަޑުއެހުމަކާ ނުލައި އެ ހެކިބަހަށް ރިޢާޔަތްކުރި ކުރުން ރަނގަޅުތޯ؟
ނިންމިގޮތް
ހައިކޯޓުގެ ޙުކުމަށް ތާޢިދުކޮށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްޠިފާޤުން
ކަނޑައެޅުނު އުސޫލު
ސީދާ ދަލީލުތަކާއި ނުސީދާ ދަލީލުތައް
- ޖިނާއީ ކުށް ސާބިތުކުރުމަށް ޝަރީޢަތަށް ހުށަހެޅޭ ހެކިތައް ދެ ބަޔަކަށް ބެހިގެންވޭ.
- ފުރަތަމަ ބައިގައި ހިމެނެނީ، ސާބިތުކުރަން ބޭނުންވާ ވާޤިޢާ ހިނގާފައިވާކަމުގެ މައްޗަށް ސީދާ ދަލީލުކޮށްދޭ ދަލީލުތައް. މިބައިގައި ހިމެނެނީ ހެކީންގެ ހެކިބަހާއި ތުހުމަތުކުރެވޭ މީހާގެ އިޢުތިރާފްތައް ފަދަ ސީދާ ދަލީލުތައް.
- ދެވަނަ ބައިގައި ހިމެނެނީ، ނުސީދާ ދަލީލުތައް. އެއީ ބުއްދީގެ ހަމަތަކުން އިސްތިންބާތުކުރުން އޭގެ މައްޗަށް ބިނާވާ ދަލީލުތައް.
- ނުސީދާ ދަލީލަކީ އެ ދަލީލެއް ސާބިތުވެއްޖެނަމަ، އަނެއް ވާޤިޢާއެއް ނުވަތަ ކަމެއް ހިނގާފައިވާކަމުގެ މައްޗަށް ބުއްދީގެ ހަމަތަކުން ނުވަތަ މަންޠިޤީ ގޮތުން ދަލީލު ހޯދޭ ދަލީލުތައް. މީގެ މިސާލުތަކަކީ ޤަރީނާތަކާއި، މާއްދީ ހެކިތަކާއި ފޮރެންސިކް އުޞޫލުތަކާއި ސައެންޓިފިކް ނުވަތަ ފަންނީ ދަލީލުތައް.
- ނުސީދާކޮށް އަދާކުރެވޭ ހެކިބަހަކީ އެ މީހަކު އަމިއްލައަށް ދެކެފައިނުވާ ވާޤިޢާއަކާ ބެހިގެން އެހެން ފަރާތެއްގެ ކިބައިން ނަޤުލުކޮށްގެން އަދާކުރާ ހެކިބަސް. ހެކިބަސް އެހެން މީހެއްގެ ކިބައިން ނަޤުލުކުރާއިރު، އެމީހެއްގެ ކިބައިން ނަޤުލުވާ މީހަކީ ވުޖޫދުގައި ހުރި މީހެއްކަން ކަށަވަރުވުމަކީ ޝަރުތެއް.
- މިފަދައިން ދެވޭ ހެކިބަސް ހިމެނެނީ ޤަރީނާގެ ގޮތުގައި.
- ނުސީދާކޮށް ނަގައި ހެކިބަހުންވެސް ކޯޓަށް ޤަރީނާ ހޯދިދާނެ.
ހެކިބަސް ދިނުން މަނާވާނެ ޙާލަތްތައް
- ހެކިވެރިޔާއަކީ މިނިވަން އިޚްތިޔާރު ލިބިގެންވާ ތަންދޮރު ދަންނަ މީހަކަށް ވުމަކީ ހެކިވެރިޔާގެ ކިބައިގައި ހުރުން ލާޒިމް އަސާސީ ޝަރުތެއް.
- ހެކިވެރިޔާ ވަކި ފަރާތަކަށް ޖެހިދާނެކަމަށް ހީވާ ހީވުމަކީ ހަމައެކަނި އެ ހީވުމުގެ މައްޗަށް ބިނާކޮށް އެމީހެއްގެ ހެކިބަސް ނެގުން މަނާކުރާ ކާފީ ސަބަބެއް ނޫން.
- މައްސަލައާ ގުޅޭ ބައެއް އިޖުރާއަތްތަކުގައި ބައިވެރިވި ފުލުހުންނާ ޕްރޮސިކިއުޓަރުން ޙާޒިރުކޮށް ހެކިބަސް ނެގުން އާންމު އުޞޫލުން މަނާވެގެން ނުވޭ.
- ޖިނާއީ އާންމު އުޞޫލުން ހެކިބަސް ދިނުން މަނާވާ މީހުންގެ ތެރޭގައި ޕްރޮފެޝަނަލް ގޮތުން ނުވަތަ އަދާކުރާ ވަޒީފާގެ ގޮތުން މީހަކާ ބެހިގެން އެފަދަ ޕްރޮފެޝަނަލް މީހަކަށް ނުވަތަ މުވައްޒަފަކަށް އެނގިފައިވާ މަޢުލޫމާތެއް ހާމަކުރުން ޤާނޫނަކުން މަނާވެފައިވާ މީހުން ހިމެނޭނެ.
ހެކިބަސް ދިނުމަށް އަމިއްލަ އިޚްތިޔާރުގައި މަނާވެގަތުން
- މި އިޚްތިޔާރު ލިބެނީ އެމީހަކާ ތިމާގެ ކަމުގައި އެއްވަނަ ދަރަޖާގައި ހިމެނޭ މީހުންކަމުގައިވާ
1. އެމީހެއްގެ އަޞްލު (މަންމަ، ބައްޕަ، މާމަ، ކާފަ ކިތަންމެ ދުރަކަށް ދިޔަޔަސް)
2. ފަރްޢު (ދަރިން، ދަރިންގެ ދަރިން ކިތަންމެ ދުރަށް ދިޔަޔަސް)
- ގާތް ތިމާގެ ކަމުގައި ދެވަނަ ދަރަޖާގައި ތިމާގެ މީހުން (ތިމާއަށް ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ ކިޔައި މީހުންނާ ތިމާ ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ ކިޔައި މީހުން، ފިރިން، އަނބިން، ޅިޔަން ފަހަރިން)
- ދަޢުވާ ލިބޭ މީހާއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން މަޞްލަޙަތު ފުށުއަރާކަމަށް ކޯޓުން ކަނޑައަޅައި ރައްދު ނުކުރާނަމަ، ކުރިޔާލައި އެ ހެކިންނަކީ ވަކި ފަރާތަކަށް ނުޖެހޭ ބައެއްކަން ކަށަވަރު ކުރެވިފައި ނުވިނަމަވެސް އެފަދަ ހެކި އެހެން ހެކިންނެކޭ އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް ވަޒަންކުރުމުގެ ބާރު ލިބޭ.
- އަދި އެއީ މައުޟޫއިއްޔަތު ކަމާއެކު ވަކި ފަރާތަކަށް ނުޖެހި ދިން ހެކިބަހެއްކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ ޙުކުމް ބިނާކުރުމުގައިވެސް ރިޢާޔަތްކުރެވޭނެ.
ހެކިވަޒަންކުރުމަށް މައްސަލަ ބަލާ ފަނޑިޔާރަށް ލިބޭ އިޚްތިޔާރީ ބާރު
- ހެކި ވަޒަންކުރުމުގެ އިޚްތިޔާރީ ބާރު އެ ހެކިބަސް އަޑުއެހުމަކާ ނުލައި ޤާޟީއަށް ލިބިގެން ނުވޭ.
- ކޯޓުން އަޑުނާހާ އޮތް ހެކިބަސްތަކެއްގެ އަންދާޒާއެއް ނުވަތަ ލަފައެއް ނުކުރެވޭނެ.
- ދިފާޢުން އަޑުއަހަން އެދޭ ހެކިބަހެއް ނަމަ، އެ ހެކިބަސް އަޑުއެހުމަކާ ނުލައި ނިންމާ ނިންމަކީ ދިފާޢުވުމުގެ ޙައްޤަށް ބުރޫއަރާނެ ނިންމުމެއް.
- ޤާނޫނީ ގޮތުން ހެކިންނާ ސުވާލުކުރުމަށްފަހު ނޫނީ ހެކިބަހާމެދު ކޯޓުން ދެކޭގޮތް ކަނޑައެޅުމުގެ ޙައްޤު ކޯޓަށް ލިބިގެން ނުވޭ.