ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް

ޤަޟިއްޔާ ނަންބަރު:
2022/SC-A/85
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ބާވަތް:
ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން
ނިމުނު ތާރީޚު:
01/11/22

ފަނޑިޔާރުން

މަޙާޒް ޢަލީ ޒާހިރު، ޑރ.މުޙައްމަދު އިބްރާހިމް، ޢަލީ ރަޝީދު ހުސައިން

މައްސަލައިގެ ޚުލާސާ

ސ.ހިތަދޫ، އަލި މިޢުޝާރު ޞާލިޙްގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި މިޢުޝާރު ޞާލިޙްގެ ފަރާތުން ދިފާޢީ ހެކިންގެ ގޮތުގައި ޝަފަހީ 10 ހެއްކަކާއި ކިތާބީ ހެއްކެއް ހުށަހެޅިއެވެ. މި ހެކިތައް ބަލައިނުގަތުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅިއެވެ. ސި.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ ހެކިން ބަލައިނުގަތުމާމެދު ގޮތެއް ނިންމުމަކީ މަޢުޟޫޢީ ގޮތުން މައްސަލަ ބެލުމަކާނުލައި ގޮތެއް ނިންމޭނެ ކަމަކަށް ނުވާތީ، އެ ހުށަހެޅުން ބަލައިގަނެވެން ނެތްކަމަށެވެ.

ސ.ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި، ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާ ޚިލާފު ކަމަށް ބުނެ، މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލައިގައި ނިންމާފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްތިއުނާފު ނުކުތާގައި ބަޔާންކޮށްފައިވާ މާއްދާތަކާ ދަށު ކޯޓުން ޚިލާފްވީ ގޮތެއް ބުނެދެވިފައިނުވާތީ އާއި، ޙަވާލާދީފައިވާ މާއްދާތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަން ބޭނުންވާ ޤާނޫނީ ބަހުސަކީ ކޮބައިކަން އެނގެން ނެތުމާއެކު، މި އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ސުޕްރީމްކޯޓުގެ ނަންބަރު 2022/SC-A/51 ( ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އ.ޚ.މ) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފުކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލި މައްސަލައެކެވެ.

އިޝޫ

1 ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭ ޙާލަތްތައް.

2 ޝަރީޢަތަށް ހެކި ބަލައިގަތުމާ ގުޅޭގޮތުން އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުން.

ނިންމިގޮތް

ހައިކޯޓުގެ ނިންމުން ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމަށް، މައްސަލަ ބެއްލެވި ތިންފަނޑިޔާރުންގެ އިއްތިފާޤުން

ކަނޑައެޅުނު އުސޫލު

ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން

- ސުޕްރީމް ކޯޓަށް މައްސަލަތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން: އެ ޙާލަތުތަކަކީ، ހައިކޯޓުގެ ޙުކުމެއް ޤާނޫނާ ޚިލާފުވާނަމަ ނުވަތަ ހައިކޯޓުން ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހަދާފައިވާނަމަ، ނުވަތަ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރި ނަމަކަން.

ޝަރީޢަތަށް ހެކި ބަލައިގަތުން

- އިބްތިދާއީ މަރުޙަލާގައި ދެ ފަރާތުން ހެކި ހާމަކުރުމުން، އެއީ މައްސަލައާއި ނުވަތަ ސާބިތުކުރަން އުޅޭ ކަމާއި ގުޅުމެއް ނެތްކަން ސާފުކޮށް އެނގެން ހުރި ހެކިތައް ބަލައިނުގަތުމަށް އެ މަރުޙަލާގައި ފަނޑިޔާރަށް ނިންމިދާނެކަން. އެ މަރުޙަލާގައި ހެކިތަކާއި ގުޅޭގޮތުން ބެލޭނީ މަތިމަތިން ފެންނަން ހުންނަ ކަންކަމަށްވެފައި، އެހައިތަނަށް ހެކިބަސް ނެގިފައި ނުވާނެތީއާއި، އެ މަރުޙަލާގައި މައްސަލައިގެ މައުޟޫޢު ނިއުޅާލެވިފައި ނުވާނެތީ ސާފުކޮށް ކަންކަން ދެނެގަނެވެން ނެތުމަކީ އެކަށީގެންވާ ކަމެއްކަމާއި މައްސަލައިގެ ޝަރީޢަތުގެ ތެރެއިން އިތުރަށް ބަލައިގެން ނޫނީ ގޮތެއް ނުނިންމޭނެ ޙާލަތެއްވެސް ވުޖޫދުވެފައި އޮވެދާނެކަން. އެ ޙާލަތުގައި އެކަމާމެދު ގޮތެއް ނިންމާނީ ޝަރީޢަތުގެ ތެރެއިންކަން.

-ޝަރީޢަތަށް ހެކި ޤަބޫލުކުރުމާ ގުޅޭގޮތުން އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުންތަކަކީ ޝަރީޢަތުގެ ތެރެއިން ވެސް އެ ކަންކަމާމެދު އިތުރަށް ބަޙުސް ކުރެވި ގޮތް ނިންމޭ ކަންތައްތަކެއްކަން. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ މަރުޙަލާގައި ކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ދަށުން އެދެވޭނީ އެއީ މައްސަލައިގެ ޝަރީޢަތުގެ ތެރެއިން އިތުރަށް އެކަންކަމާމެދު ވާހަކަދައްކައި ގޮތް ނިންމުމުގެ ފުރުސަތު ނެތް ނިންމުންތަކުގައިކަން.

- ސުޕްރީމްކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ކަނޑައަޅުއްވާފައިވާ ޝަރީޢަތަށް ހެކި ބަލައިގަތުމާބެހޭ އުސޫލު މި މައްސަލައިގައި ދަމަހައްޓާފައިވޭ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ