ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް
- ޤަޟިއްޔާ ނަންބަރު:
- 2024/HC-A/07
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 03/07/24
ފަނޑިޔާރުން
ޙުސައިން މަޒީދު (ރިޔާސަތު)، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
މައްސަލައިގެ ޚުލާސާ
މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 05 ސެޕްޓެންބަރު 2023 ދުވަހުއެވެ.
ކޯޓަށް ހުށަހެޅި ދަޢުވާ ފޯމާއެކު މި އޮފީހުން ކޯޓަށް ސިޓީ ފޮނުވާފައިވެއެވެ. އެ ސިޓީގައި "ޙަވާލާދީފައިވާ ދަޢުވާ ހުށަހަޅާ ފޯމުން މާލިކު އަޙްމަދުދީދީގެ މައްޗަށް ތިޔަ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތަޙްޤީޤުގައި، މާލިކު އަޙްމަދު ދީދީ ދިރިއުޅެނީ ކ.މާލެ ގައިކަމަށާއި، 9679298 ފޯނު ނަންބަރުން އޭނާއާ ގުޅޭނެކަމަށް ބަޔާންކޮށްފައިވާތީއާއި، މި މައްސަލައިގެ ހާދިސާ ހިނގީ ކ.މާލެ ގައިކަމަށްވާތީއާއި، ޤާނޫނު ނަަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ރ) ގެ ދަށުން މިމައްސަލަ ބެލުމުގެ އިޚްތިޞާޞް ތިޔަ ކޯޓަށް ލިބޭތީ، ޤާނޫނު ނަަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ރ) ގެ ދަށުން މައްސަލަ ތިޔަ ކޯޓަށް ހުށަހެޅީމެވެ. " މިހެން ބަޔާންކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުގެ ރަޖިސްޓްރަރ ވަނީ 13 ސެޕްޓެންބަރު 2023 ވަނަ ދުވަހު މި މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުއްވާފައެވެ. ސަބަބަކީ، މާލިކު އަޙްމަދުދީދީ މިހާރު ދިރިއުޅޭ އެޑްރެހަކީ "މާލެ" ކަމަށް ބަޔާންކޮށް، އޭނާގެ އެޑްރެސް ދަޢުވާ ފޯމުގައި ބަޔާންކޮށްފައިނުވާތީއެވެ.
ރަޖިސްޓްރަރގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި މި އޮފީހުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، މީނާގެ އެޑްރެސް ބަޔާންކުރުމެއް ނެތި މައްސަލަ ކޯޓަށް ހުށަހެޅި ސަބަބު އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެވިފައިވެއެވެ. ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ ނިންމަވާފައިވަނީ ރަޖިސްޓްރަރގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
އިޝޫ
ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤެއްކަމުގައިވާ އަވަހަށް ޝަރީޢަތް ކުރުމުގެ ޙައްޤު ލިބިދޭންޖެހޭ މަރުހަލާ ފެށެނީ ކިހާ ހިސާބަކުންތޯ؟
ދަޢުވާ ފޯމުގައި މިހާރު އުޅޭ އެޑްރެސް ލިޔުމަކީ ފޯމު ފުރިހަމަވުމަށް އުޞޫލީ ގޮތުން ލާޒިމްކަމެއްތޯ؟
ނިންމިގޮތް
ދަށު ކޯޓުގެ ނިންމުން ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައެޅުއްވި.
ކަނޑައެޅުނު އުސޫލު
ހައިކޯޓުގެ ނިންމެވުމުގައި ފާހަގަކޮށްފައިވަނީ:
ކްރިމިނަލް ކޯޓުން މާލިކު އަޙްމަދު ދީދީގެ މައްސަލަ ބަލައިނުގަތުމަކީ އޭގެ ޒާތުގައި އަވަހަށް ޝަރީޢަތް ކުރުމުގެ ޙައްޤަށް އުނިކަން އަންނާނެކަމެއް ނޫންކަމަށާއި، އެ ޙައްޤު ފެށޭ ހިސާބަކީ މައްސަލައެއް ކޯޓުގެ ރަޖިސްޓްރީވާ ހިސާބުކަމަށެވެ.
ދަޢުވާ ފޯމުގައި ތުހުމަތުކުރެވޭ މީހާ މިހާރު އުޅޭ އެޑްރެސް ނެތުމަކީ އޭގެ ޒާތުގައި ފޯމު ބަލައި ނުގަނެވޭންވީ ސަބަބެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާގައި ބަޔާންކޮށްފައިވަނީ، ދަޢުވާ ލިބޭ މީހާ އެޑްރެސް ނޭނގޭނަމަ، އެޑްރެސް ސާފުކުރުމަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާލުމުގެ އިޚްތިޔާރުވެސް ކޯޓަށް ލިބިގެންވާ ކަމަށާއި، ދަޢުވާ ލިބޭ މީހާއަކީ އުޅޭނެ އެޑްރެހެއް ނެތް މީހެއްކަމަށް ކަށަވަރުކުރުމަށް ދައުލަތުން އެއްވެސް މަސައްކަތެއްވެސް ކޮށްފައިނުވާކަމަށެވެ. އަދި ދަޢުވާ ލިބޭ މީހާ މަގުމަތީގައި އުޅެނީ ކޮން ސަރަހައްދެއްކަން އެނގޭ ގޮތަށްވެސް ފޯމުގައި ބަޔާންކޮށްފައި ނެތްކަމަށެވެ.