އަޙްމަދު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
- ޤަޟިއްޔާ ނަންބަރު:
- 2019/HC-A/440
- ނިންމެވި ކޯޓު:
- ދިވެހިރާއްޖޭގެ ހައިކޯޓު
- ނިމުނު ތާރީޚު:
- 12/12/21
ކަނޑައެޅުނު އުސޫލު
4.6.3 މިމައްސަލައިގައި ހިމެނޭ ކުއްޖާ ދީފައިވާ ބަޔާނަކީ ހެކި ބަހެއްތީ ނުވަތަ އެ ކުއްޖާ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވިގެން ތަޙޤޤީޤަށް ދީފައިވާ ބަޔާނެއްތޯ ވިސްނާލުމަކީ ނެތްކަމެއް ނޫނެވެ. މިފަދަ މައްސަލތަކުގައި އަނިޔާލިބޭ ކުދިންގެ ބަޔާން ނެގުމަށް ޤާނޫނު ލާޒިކްކުރާ ގޮތް (12/2009 ގެ 48 ވަނަ މާއްދާ) ކުރިން ބަޔާންކުރެވިއްޖެއެވެ. މި މައްސަލައިގައި ހިމެނޭ ކުއްޖާގެ ބަޔާނުގެ ވީޑިއޯ ރެކޯޑިންގް ތަޙްޤީޤު މަރުހަލާއިން ފެށިގެންވެސް ނެތްކަން ދައުލަތުގެ ބަހުން އެނގެއެވެ. އެހެންކަމުން މި މައްސަލައިގައި ހިމެނޭ ކުއްޖާގެ ބަޔާން ނަގާފައިވަނީ 12/2008 ގެ ބޭނުމަކަށް ހެއްކެއްގެ ގޮތުގައި ބަޔާން ނެގުމަށް އެ ޤާނޫނުގައު ބުނާ ގޮތާ އެއްގޮތަށްކަން ޝަރީޢަތަށް ކަށަވަރު ނުކުރެވެއެވެ.
4.6.4 މައްސަލައިގައި ހިމެނޭ ކުއްޖާ ދީފައިވަ ބަޔާނުގައުވާ "މި މައްސަލައިގައި ފުލުހުންވަނީ އަޅުގަނޑަށް ޤާނޫނީ ގޮތުން ލިބިދެންޖެހޭ ހަނުހުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ދީފައެވެ. ނަމަވެސް އެއްވެސް ޙައްޤެއް ބޭޏުން ހިފާފައެއް އަޅުގަނޑު ނުވާނެއެވެ. މި ޢިބާރާތާ މެދު ވިސްނާލުމުން، ކުއްޖާ ދީފައިވާ ބަޔާނަކީ، ކުއްޖާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވިގެން، އެ ކަމާ ގުޅިގެން ތަޙްޤީޤަށް ދީފައިވާ ބަޔާނެއްކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެނީ މައްސަލައަކާ ގުޅިގެން ހެކި ބަހެއް ދޭ ފަރާތަކަށް ނުވަތަ މައްސަލައިގައި އަނިޔާ ލިބުނު ފަރާތަކަށް ހަނުހުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ފުލުހުން ދޭންޖެހޭ ސަބަބެއް ނެތެވެ. އެހެންކަމުން ކުއްޖާ ދީފައިވާ ބަޔާނަކީ ހެކި ބަހެއް ކަމާމެދު ސުވާލު އުފެދެއެވެ. އަދި ހަމަ އެހެންމެ އެ ބަޔާނަކީ އަނިޔާލިބުނު ފަރާތެއްގެ ގޮތުން ދީފައިވާ ބަޔާނަކާމެދުވެސް ސުވާލު އުފެދެއެވެ.
4.12.3 މިމައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ " ފުލުހުންނަށް ލިބިދީފައިވާ އެންމެގާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާއިދު"ގެ 10 ވަނަ މާއްދާގެ ހ ގެ 5 ވަނަ ނަންބަރުގެ ދަށުން ކަމަށް ދައުލަތުން ބުނެފައިވާއިރު، ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ އެއްވެސް އަސާސީ ޙައްޤެއް ހަނިކުރެވޭނީ ހަމަ އެކަނި ރައްޔިތުން މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ޤާނުނަކުން ހަނިކުރާ ޙައްޤެއް ގަވާއިދެއްގެ ދަށުން ހަނިނުކުރެވޭނެއެވެ. އެހެންކަމުން " ފުލުހުންނަށް ލިބިދީފައިވާ އެންމެގާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާއިދު" ގެ ދަށުން ބާތު ލިބިގެން ހާދިސާ ހިނގިކަމަށް ބުނާ ގެއަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަދެފައިވަނީ ރަނގަޅަށް ކަމަކަށް ނުފެނެއެވެ.
4.15.4. އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ހައްޤަކީ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިގެންވާ ޙައްޤެކެވެ. ދިފާއީ ހެކިން ހުށަހެޅުމާއި އެ ހެކިންނާ ސުވާލުކުރުމަކީ ދައުލަތުން އެ ކަމަށް ރުހުން އޮންނަންޖެހޭ ޙައްޤެއް ނޫނެވެ. އަދި ޙައްޤުލިބިދެވުމަކީ ދައުލަތުގެ ރުހުމާ ނުރުހުމުގެ މައްޗަށް ބިނަވެގެންވާނެ ކަމެއް ނޫނެވެ.